ފަރޓިލިޓީ ކެއަރ ޓްރަސްޓް ފަންޑުން އައިވީއެފް ފަރުވާއަށް މިހާތަނަށް 7.13 މިލިޔަން ރުފިޔާ

 ފަރޓިލިޓީ ކެއަރ ޓްރަސްޓް ފަންޑުން އައިވީއެފް (IVF) ގެ ފަރުވާއަށް މިހާތަނަށް ޖުމުލަ 7.13 މިލިޔަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މި އަދަދު ހިމެނެނީ މިދިޔަ އަހަރުގެ މާރިޗު މަހުން ފެށިގެން މި އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށެވެ.

އެންސްޕާގެ ތަފާސްހިސާބުތައް އިތުރަށް ތަފްސީލުކޮށްދޭ ގޮތުގައި، މިދިޔަ އަހަރު އެކަނިވެސް އައިވީއެފް ފަރުވާއަށް 4.78 މިލިޔަން ރުފިޔާ ވަނީ ދޫކުރެވިފައެވެ. އަދި މިއަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ޖުމުލަ 93 ފަރާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް 7.13 މިލިޔަން ރުފިޔާ ހޭދަ ކުރެވިފައިވެއެވެ. މީގެ ތެރެއިން 23 ފަރާތެއްގެ އައިވީއެފް ފަރުވާ ކާމިޔާބުވެފައިވާކަމަށް އެންސްޕާ އިން ބުނެއެވެ.

ދަރިމައިވުމުގައި ދަތިތައް ހުންނަ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ދައުލަތުގެ ފަރާތުން އައިވީއެފް ފަރުވާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިދިޔަ އަހަރުގެ މާރިޗު މަހުގެ ތެރޭގައެވެ. މިއީ ދަރިމައިވުމުގެ ފަރުވާ ބޭނުންވާ ފަރާތްތަކަށް ބޮޑު ލުއިފަސޭހައެއް ގެނެސްދިން ފިޔަވަޅެކެވެ.

ދަރިމައިވުމަށް ބޭނުންވާ އައިވީއެފް ފަރުވާ އާސަންދައިން ހަމަޖައްސަވައިދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ. މި ފަންޑުގެ ދަށުން ދޫކުރެވުނު އަދަދުތަކުން ދައްކުވައިދެނީ މިފަދަ ފަރުވާތަކަށް އާންމުންގެ މެދުގައި ބޮޑު އެދުމެއް އޮތްކަމާއި، ސަރުކާރުން މިކަމަށް ދޭ އަހަންމިއްޔަތެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ