ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ހައުސިން ސަބްސިޑަރީ ކުންފުނި މެދުވެރިކޮށް، 3000 ހައުސިން ޔުނިޓް ތަރައްޤީކުރުމަށް ބޭނުންވާ ބިން ސަރުކާރުން ރަސްމީކޮށް ބީއެމްއެލްއާ ހަވާލުކޮށްފިއެވެ.
މި މަޝްރޫޢު ކުރިއަށްގެންދަނީ ރައްޔިތުންގެ މެދުގައި ބޯހިޔާވަހިކަމަށް ކެރިފޯރުންތެރިކަން އިތުރުކުރުމަށްޓަކައި، ސަރުކާރުން ފެށި ނެޝަނަލް ހައުސިންގ އެފޯޑަބިލިޓީ އެންޑް އެކްސެސިބިލިޓީ މަޝްރޫޢުގެ ދަށުންނެވެ.
މިކަމާ ގުޅޭ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިމާރާތްރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބްއެވެ. އަދި ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ ހައުސިން މަޝްރޫޢުތައް ހިންގުމަށް އެކުލަވާލި ސަބްސިޑަރީ ކުންފުނި ކަމަށްވާ އެފޯޑަބަލް ހޯމް ލީޒިންގ ޕްރައިވެޓް ލިމިޑެޓުގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާމެވެ.
މި ސްކީމްގެ ދަށުން ހައުސިން ޔުނިޓް ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ ވިލިމާލެ އަދި ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގައެވެ. ޖުމުލަ 3000 ޔުނިޓުގެ ތެރެއިން ވިލިމާލޭގައި 300 ހައުސިން ޔުނިޓް އަދި ހުޅުމާލޭގެ ދެ ފިޔަވަހީގައި ޖުމުލަ 2700 ހައުސިން ޔުނިޓް ހިމެނެއެވެ. މި މަޝްރޫޢު ކުރިއަށްގެންދަނީ މާލީ އިދާރާތަކުގެ އެހީތެރިކަމާއެކު، ލީޒް-ޓު-އޯން މޮޑެލްއެއްގެ ދަށުން އާންމު ރައްޔިތުންނަށް އެ ޔުނިޓުތައް މިލްކުކުރެވޭނެ ގޮތަށެވެ.
މި މަޝްރޫޢު ހިންގުމަށްޓަކައި، އެމްއެމްއޭގެ ޤަވާއިދުތަކާ އެއްގޮތަށް، ބީއެމްއެލުން ވަނީ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް ޚާއްސަ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ ބީއެމްއެލް އެފޯޑަބަލް ހޯމް ލީޒިން ފްރައިވެޓް ލިމިޓެޑް އުފައްދާފައެވެ. ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، ޤައުމީ ބޭންކުގެ ޙައިސިއްޔަތުން މިކަމުގައި ޒިންމާދާރުކަމާއެކު އިސްނަގަންޖެހޭކަން ދެކި، މަސައްކަތްތައް ހަލުވިކޮށް މިކަމަށް ޚާއްސަ ކުންފުންޏެއް އުފެއްދީ ކަމަށެވެ.
ޝަރީފް އިތުރަށް ވިދާޅުވީ، މި ސްކީމްގައި ބީއެމްއެލްގެ ސަބްސިޑަރީ ކުންފުނިން ހައުސިން ޔުނިޓް ތަރައްޤީކޮށް ކުއްޔަށް ދޫކުރާނީ، ފައިސާ ހަމަވުމުން އަމިއްލަ ކުރެވޭނެ ގޮތަށް ކަމަށެވެ. ޝަރީފް ފާހަގަކުރެއްވި ގޮތުގައި، ސަރުކާރުން ބިން ދިނުމުގެ ސަބަބުން ލޭންޑް ކޮސްޓް، ފައިނޭންސް އަދި ޑިވެލޮޕްމަންޓް ކޮސްޓް ވަރަށް ބޮޑަށް ކުޑަވެގެންދާނެއެވެ. "އެހެންވީމަ ކުއްޔަށް ދޫކުރެވޭ އަގުތައްވެސް ވަރަށް ބޮޑަށް ކުޑަކުޑަކުރެވޭނެ. މީގެ ތަފްސީލްތައް ހާމަކުރާނަން،" ޝަރީފް ވިދާޅުވިއެވެ.
ބީއެމްއެލްއަކީ ރާއްޖޭގައި ދޫކުރާ ލޯނުގެ ފައިސާގެ އަދަދުގެ %52 ޙިއްސާކުރާ ކުންފުންޏެއްކަން ފާހަގަކުރައްވާ ޝަރީފް ވިދާޅުވީ، މި މަސައްކަތްވެސް ކަނޑައަޅާ ތާވަލަށް އަވަހަށް ކުރިއަށްގެންގޮސް ނިންމާ، ރައްޔިތުންނަށް އޭގެ ފުރިހަމަ މަންފާ ހޯދައިދޭނެކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.




