އަންހެން ކުދިންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ހިނގާލުމުގައި ފަސްޓް ލޭޑީ ބައިވެރިވެވަޑައިގެންފި

ބައިނަލްއަޤުވާމީ އަންހެން ކުދިންގެ ދުވަހާއި ގުޅުވައިގެން މޯލްޑިވްސް ގަރލް ގައިޑްސް އެސޯސިއޭޝަނުން އިސްނަގައިގެން ބޭއްވި ޚާއްސަ ހިނގާލުމުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ދިވެހިރާއްޖޭގެ ޗީފް ގައިޑް، ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގެންފިއެވެ.

މާލޭގެ ސްކޫލްތަކާ ގުޅިގެން ކުރިއަށްގެންދިޔަ މި ހަރަކާތް ފަށާފައިވަނީ މިއަދު ހަވީރު އަމީނިއްޔާ ސްކޫލުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތަކުންނެވެ.

މި ހިނގާލުމުގެ މަޤްސަދަކީ އަންހެން ކުދިންގެ ޝުޢޫރުތަކާއި މުސްތަޤުބަލާމެދު ގެންގުޅޭ ތަސައްވުރުތައް ހިއްސާކުރުމާއި، އަންހެން ކުދިންގެ އިސްނެގުން ރަމްޒުކޮށްދިނުން ކަމަށް މޯލްޑިވްސް ގަރލް ގައިޑްސް އެސޯސިއޭޝަންގެ ޗީފް ކޮމިޝަނަރ ޢާއިޝަތު ނަޝީދާ ވިދާޅުވިއެވެ. އެކަމަނާ ވަނީ ގައިޑް ހަރަކާތުގެ ތެރެއިން ދަސްކޮށްދޭ ކަންކަމަކީ އަންހެން ކުދިން ދިރިއުޅުމަށް ތައްޔާރުކޮށްދޭ މުހިންމު ހަރަކާތްތަކެއްކަން ފާހަގަކުރައްވާފައެވެ.

ޗީފް ކޮމިޝަނަރ ޢާއިޝަތު ނަޝީދާ ވަނީ އެކުދިންނަށް ނަސޭހަތްތެރިވެ ވިދާޅުވެފައިވެއެވެ. "ލިބޭ ޢިލްމާއި ތަޖުރިބާގެ އަލީގައި ކެރޭ ލީޑަރުންގެ ގޮތުގައި މުޖުތަމަޢުގައި ހަރަކާތްތެރިވާ ބައެއްގެ ގޮތުގައި މަސައްކަތްކުރާ ނަމޫނާ ކުދިންކަމުގައި ތިބުމަށް ހުރިހާކުދިންނަށް އިލްތިމާސްކުރަން."

މާލޭގައި މި ހިނގާލުން ކުރިއަށްގެންގޮސްފައިވަނީ ޗާންދަނީ މަގުން މަޖީދީމަގަށް ގޮސް، މަޖީދީ މަގުން ސޯޝަލް ސެންޓަރާއި ހަމައަށެވެ. މި ހަރަކާތުގައި މާލޭގެ އެކި ސްކޫލްތަކުން ގިނަ އަދަދެއްގެ ގަރލް ގައިޑުން، ލިޓްލް މެއިޑުން، ސްޓަރރުން، ޔަންގް ލީޑަރުން އަދި ލީޑަރުން ވަނީ ބައިވެރިވެފައެވެ. ބައިވެރިވި އަންހެން ކުދިން ވަނީ އެކުދިންގެ ތަފާތު ޝުޢޫރުތަކާއި ކުރިމަގަށް ކުރާ އުއްމީދު ދައްކުވައިދޭ ތަފާތު ބެނާތަކާއި ޕޯސްޓަަރުތައް ބޭނުންކޮށްފައެވެ. މާލޭގެ އިތުރުން ހުޅުމާލޭގައިވެސް މި ހިނގާލުން ވަނީ ސިންތެޓިކް ޓްރެކުގައި ކުރިއަށްގެންގޮސްފައެވެ.

ބައިނަލްއަޤުވާމީ ގޮތުން އަންހެން ކުދިންގެ ދުވަސް ކޮންމެ އަހަރެއްގެވެސް އޮކްޓޫބަރު 11 ވަނަ ދުވަހު ފާހަގަކުރަނީ އަންހެން ކުދިންނަށް ދިމާވާ ގޮންޖެހުންތަކަށް ސަމާލުކަން ގެނައުމަށާއި، އެ ކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރުމަށެވެ. މި އަހަރުގެ ޝިއާރަކީ "ދަ ގާލް އައި އޭމް، ދަ ޗައިލްޑް އައި ލީޑް: ގާލްސް އޮން ދި ފްރަންޓްލައިންސް އޮފް ކްރައިސިސް" މިއެވެ. މި ޝިއާރުގެ ދަށުން އަންހެން ކުދިންގެ ލީޑަރޝިޕް ސިފަތައް އިތުރުކުރުމާއި، އެ ކުދިންގެ ދުޅަހެޔޮކަމަށް އިންވެސްޓްކުރުމުގެ މުހިންމުކަން ވަނީ ފާހަގަކުރެވިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ