އަތޮޅު ކައުންސިލްތައް އުވާލައި، ރަށާއި ސިޓީ ކައުންސިލްތަކުގެ މެންބަރުންގެ އަދަދަށް ބަދަލު ގެނައުމަށް ސަރުކާރުގެ ފަރާތުން ޤާނޫނުއަސާސީއާއި ގުޅުންހުރި ޤާނޫނުތަކަށް އިސްލާހު ހުށަހަޅުއްވައިފިއެވެ. މި އިސްލާހުތަކުގެ މައިގަނޑު މަޤްސަދަކީ އިދާރީ ދާއިރާތައް ހިންގުމުގައި ހޭދަ ކުޑަކޮށް، އާބާދީއާ އެއްވަރަށް ކައުންސިލަރުންގެ އަދަދު ހަމަޖެއްސުމެވެ. މި ބަދަލުތައް އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގެ ކުރިން ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
ސަރުކާރުގެ ފަރާތުން ޤާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހުގެ ދަށުން އިދާރީ ދާއިރާތައް ހިންގުމަށް ޤާނޫނުއަސާސީގެ 230ވަނަ މާއްދާއިން އަތޮޅު ކައުންސިލް އުފެއްދުމާ ގުޅޭ ބައި ވަނީ އުނިކޮށްފައެވެ. މީގެ އިތުރުން، ލޯކަލް ކައުންސިލް އިންތިޚާބުގެ ޤާނޫނަށް ސަރުކާރުގެ ފަރާތުން ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު ހަމަދު ޢަބްދުﷲ ހުށަހަޅުއްވާފައިވާ އިސްލާހުގެ ދަށުންވެސް އެ ޤާނޫނުގައި އެކި މާއްދާތަކުގައި އަތޮޅު ކައުންސިލްތަކާ ގުޅޭގޮތުން މިހާރު ހުރި ބައިތައް އުނިކުތުމަށް ވަނީ ހުށަހަޅުއްވާފައެވެ. މިއީ ލާމަރުކަޒީ ނިޒާމުގެ ދަށުން މިހާރު އޮތް އަތޮޅު ކައުންސިލްތައް މުޅިން އުވާލުމަށް ސަރުކާރުން ކުރައްވާ މަސައްކަތެކެވެ.
އެންމެ ގިނަ އިސްލާހުތަކެއް ހުށަހަޅުއްވާފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމާބެހޭ ޤާނޫނަށެވެ. އެ ޤާނޫނަށް ސަރުކާރުގެ ފަރާތުން އިނގުރައިދޫ ދާއިރާގެ މެންބަރު އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހު ހުށަހަޅުއްވާފައިވާ އިސްލާހުގެ ދަށުން ކައުންސިލަރުންގެ އަދަދު ކަނޑައަޅާނީ އާބާދީއަށް ބަލައިގެންނެވެ. އެގޮތުން، 2000 މީހުންނަށްވުރެ ކުޑަ އާބާދީއެއް ހިމެނޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް އިންތިޚާބު ކުރާނީ 3 ކައުންސިލަރުން ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި އެއަށްވުރެ އާބާދީ ބޮޑު ރަށްރަށުގެ ކައުންސިލަށް އައްޔަން ކުރާނީ މިހާރުވެސް އަމަލުކުރާގޮތަށް 5 ކައުންސިލަރުންނެވެ. މިހާރު ޤާނޫނުގައިވާގޮތުން ކޮންމެ ރަށު ކައުންސިލެއްގައިވެސް 5 މެންބަރުން ތިއްބަވާނެއެވެ.
އަންހެނުންގެ ކޮމިޓީއަށް ގެނެވޭ ބަދަލުތައް
ލާމަރުކަޒީ ޤާނޫނަށް ހުށަހެޅުއްވި އިސްލާހުގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށްވެސް މުހިންމު ބަދަލުތަކެއް ހިމަނާފައިވެއެވެ. 3 ކައުންސިލަރުން އިންތިޚާބު ކުރާ ރަށު ކައުންސިލްތަކުގައި އެއް ގޮނޑި އަންހެނުންނަށް ޚާއްސަ ކުރަންޖެހޭނެކަމަށް ބަޔާންކޮށްފައިވެއެވެ. އަދި 5 ކައުންސިލަރުން އިންތިޚާބުކުރާ ކައުންސިލްތަކުގައި މިހާރުވެސް އަމަލުކުރާގޮތަށް 2 ގޮނޑި އަންހެނުންނަށް ޚާއްސަ ކުރަންޖެހޭނެއެވެ. މީގެ އިތުރުން، ކޮންމެ ރަށެއްގައިވެސް އަންހެނުންގެ ކޮމިޓީ މެންބަރުން ތިބެންވާނީ ކައުންސިލަރުންގެ އަދަދަށް ކަމަށް ވަނީ ބަޔާންކޮށްފައެވެ.
އިސްލާހުގައި ވާގޮތުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސް އިންތިޚާބު ކުރާނީ ކައުންސިލް ރައީސުން އިންތިޚާބުކުރާގޮތަށް ރައްޔިތުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ. އަދި އެ މަޤާމަކީ ފުލްޓައިމް މަގާމެއް ކަމަށްވެސް ޤާނޫނަށް ހުށަަހަޅުއްވާފައިވާ އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ. ރައީސް މުޢިއްޒު ވަނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް އިންތިޚާބު ކުރާ ރައީސަކީ ފުލްޓައިމް މަސައްކަތް ކުރާ މެންބަރަކަށް ހައްދަވާނެކަމަށް ވިދާޅުވެފައެވެ. ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައިވާ މި އިސްލާހުތަށް ފާސްކޮށް، ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވާ ދުވަހުން ފެށިގެން އަމަލުކުރަން ފަށާނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ.



