ޕާޓީން ވަކިކުރާ މެންބަރުންގެ ގޮނޑިއާ މެދު ގޮތެއް ނިންމުމުގެ ބާރު ދާއިރާގެ ރައްޔިތުންނަށް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ސިޔާސީ ޕާޓީއަކުން ވަކިކުރުމުން ގޮނޑި ގެއްލޭގޮތަށް ޤާނޫނުއަސާސީގައި އޮތް މާއްދާ އިސްލާހުކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅުއްވައިފިއެވެ. މި އިސްލާހުގެ މައިގަނޑު މަޤްޞަދަކީ، ޕާޓީން ވަކިކުރާ މެންބަރުންގެ ގޮނޑިއާ މެދު ގޮތެއް ނިންމުމުގެ ބާރު އެ މެންބަރަކު އިންތިޚާބުކުރި ދާއިރާގެ ރައްޔިތުންނަށް ދިނުމެވެ. މި ބިލް މަޖިލީހަށް ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާޢެވެ.

ޤާނޫނުއަސާސީއަށް އެންމެ ފަހުން ގެނެސްފައިވާ އިސްލާހުގެ ދަށުން، ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި މަޖިލީހަށް އިންތިޚާބުވާ މެންބަރަކު އެހެން ޕާޓީއަކަށް ބަދަލުވުމުން ނުވަތަ އެ ޕާޓީއަކުން ވަކިކޮށްފިނަމަ، އެ މެންބަރެއްގެ ގޮނޑި އޮޓޮމެޓިކުން ގެއްލެއެވެ. ނަމަވެސް، ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި އިސްލާހުގައި ވަނީ ޤާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް ބަދަލު ގެނެސް، ޕާޓީން ވަކިކުރުމުގެ ސަބަބުން ގޮނޑި ގެއްލޭގޮތް ބަދަލުކުރުމަށެވެ.

ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ ދަށަށް އިތުރުކުރުމަށް ހުށަހަޅާފައިވާ ދެ އަކުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، ސިޔާސީ ޕާޓީއަކުން ވަކިކުރުމުން މެންބަރުގެ ގޮނޑި ގެއްލޭނެކަމަށް އެ މާއްދާގައި ބަޔާންކޮށްފައި އޮތް ނަމަވެސް، އެފަދަ ހާލަތެއްގައި ގޮނޑި ގެއްލޭނީ އެ މެންބަރަކު އިންތިޚާބުވި ދާއިރާގެ ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނެގުމަށްފަހުއެވެ. މި ވޯޓަކީ ގޮނޑި ގެއްލޭނެތޯ ނުވަތަ ނޫންތޯ ރައްޔިތުން ނިންމާނެ ވޯޓެކެވެ.

މި ވޯޓުގައި ބައިވެރިވާ ރައްޔިތުންގެ އަޣުލަބިއްޔަތު ލިބިގެން ނޫނީ މެންބަރުގެ ގޮނޑިއެއް ނުގެއްލޭނެއެވެ. އަދި ގޮނޑި ނުގެއްލޭނެކަމަށް އަޣުލަބިއްޔަތު ލިބިއްޖެނަމަ، އެ މެންބަރަކު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މެންބަރެއްގެ ގޮތުގައި އެ ދައުރު ނިމެންދެން ދެމިހުންނާނެއެވެ.

ނަމަވެސް، މި އިސްލާހުގައި ވަނީ މިނިވަން މެންބަރެއްގެ ގޮތުގައި ހުންނަ މެންބަރަކަށް ދެވަނަ ފަހަރަށް ސިޔާސީ ޕާޓީއަކާ ނުގުޅެވޭނެކަމުގެ ހަރުކަށި ޝަރުޠެއް ހިމަނާފައެވެ. އެގޮތުން، އެ މެންބަރަކު މަޖިލީހަށް އިންތިޚާބުވި ދައުރުގެ ތެރޭގައި އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވެއްޖެނަމަ، އޮޓޮމެޓިކުން މަޖިލީހުގެ މެންބަރުކަމުން ވަކިވާނެކަމަށް ވަނީ ބަޔާންކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ