ކޮންމެ އާއިލާއަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް "ބޯހިޔާވަހިކަން އެންމެންނަށް"

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު، "ބޯހިޔާވަހިކަން އެންމެންނަށް" ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.

މި ސިޔާސަތު އިފްތިތާޙުކޮށްދެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބްއެވެ. މި ސިޔާސަތުގެ މައިގަނޑު މަޤްޞަދަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޢުދުވެ ވަޑައިގެންފައިވާ ގޮތަށް، ކޮންމެ ދިވެހި ރައްޔިތަކީވެސް ބޯހިޔާވަހިކަމުގެ ޙައްޤު ކަށަވަރުވެފައިވާ ރައްޔިތަކަށް ހެދުމަށް މަގުފަހިކުރުމެވެ.

ސަރުކާރުގެ މި ބޯހިޔާވަހިކަމުގެ ސިޔާސަތު އިފްތިތާޙުކުރުމާއެކު، ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ކުރިއަށްގެންދާނެ ޢުސޫލުތަކާއި، ފްލެޓް ދޫކުރުމުގެ އުސޫލު އަދި ގޯތި ދޫކުރުމުގެ ސްކީމާއި އޭގެ އުސޫލުވެސް ވަނީ އާއްމުކޮށްފައެވެ. މި ސްކީމްތަކުގެ ދަށުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް މައިގަނޑު ހަތަރު ކެޓަގަރީއަކަށް ބަހާލައިގެން ފުރުޞަތު ދިނުމަށް ވަނީ ކަނޑައަޅާފައެވެ.

މި ހަތަރު ކެޓަގަރީގެ ތެރޭގައި، މާލީގޮތުން ފުދުންތެރި ފަރާތްތަކަށް ވިޔަފާރި އުޞޫލުން ހައުސިންގ ޔުނިޓާއި ގޯތި ގަތުމުގެ މަގުފަހިކުރުމާއި، މެދު ފަންތީގެ ޢާއިލާތަކަށް އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ޚާއްސަ އެފޯޑަބަލް ހައުސިންގ ޕްރޮޖެކްޓުތައް ހިންގުން ހިމެނެއެވެ. މީގެ އިތުރުން، އަމިއްލަ ބޯހިޔާވަހިކަމެއް ގަތުމުގެ ތަނަވަސްކަން ނެތް ފަރާތްތަކަށް ރެންޓް ޓު އޯން މޮޑެލްގެ ދަށުން ބޯހިޔާވަހިކަން ލިބޭނެ މަގު ތަނަވަސްކޮށްދިނުމާއި، އެންމެ ފަޤީރު ޙާލަތުގައިވާ ދިރިއުޅޭނެ ތަނެއް ނެތް ޢާއިލާތަކަށް ސަރުކާރުން ހަދާ އެސެސްމެންޓެއްގެ ތެރެއިން ބޯހިޔާވަހިކަން ލިބޭނެ ގޮތް ހަމަޖެހޭނެއެވެ.

މާލޭގައި ދިރިއުޅޭ ފަރާތްތަކަށް ފްލެޓް ދޫކުރުމާއި ގޯތި ދޫކުރުމާއި ގުޅޭ ސްކީމުގައި ދެ ކެޓަގަރީއެއް ހިމެނެއެވެ. އެއީ މާލެ ރަށްވެހިންގެ ކެޓަގަރީއާއި، މާލޭގައި ދިރިއުޅޭ އެހެނިހެން ރަށްރަށުގެ ރަށްވެހިންގެ ކެޓަގަރީއެވެ. ފްލެޓް ދޫކުރާ ދެ މޮޑެލްއަކީ އެފޯޑަބަލް ހޯމް އޯނަރޝިޕް މޮޑެލް އަދި ރެންޓް-ޓު-އޯން މޮޑެލްއެވެ. ގޯތި ދޫކުރުމުގެ އުސޫލުގައިވެސް ހިމެނެނީ މި ދެ ކެޓަގަރީއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ވަނީ މި ސްކީމުގެ ދަށުން ރަސްމާލެއިން 15,000 ގޯތި ދޫކުރާނެކަން އިޢުލާނުކުރައްވާފައެވެ. އަދި މާލެ ސަރަހައްދުގައި 7,000 ފްލެޓްގެ ޢަމަލީ މަސައްކަތްތައް ފެށުމަށް ތައްޔާރުވަމުންދާކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. ގޯއްޗާއި ފްލެޓް ދިނުމުގެ އަސާސީ ޝަރުޠުތަކާއި ޕޮއިންޓް ދިނުމުގެ އުސޫލު އާއްމުކުރެވިފައިވާއިރު، މި އުސޫލުގައި މީގެކުރިން ނުހިމެނޭ މުހިންމު ބަދަލުތަކެއް ވަނީ ހިމަނާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ