މި ސަރުކާރުން "އެންމެނަށް ބޯހިޔާވަހިކަން" ސިޔާސަތު ހަގީގީ މާނައިގައި ތަންފީޒުކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިއީ މި ދައުރުގެ ތެރޭގައި ރާއްޖޭގެ ކޮންމެ އާއިލާއަކަށް ބޯހިޔާވަހިކަން ކަށަވަރު ކޮށްދެއްވުމަށް ރައީސް ވެވަޑައިގެންފައިވާ މުހިއްމު ވައުދުފުޅެކެވެ.
ރައީސް ވިދާޅުވީ އެ ވައުދުފުޅާ އެއްގޮތަށް މިއަހަރުގެ ތެރޭގައި ބައެއް މަޝްރޫއުތައް ފައްޓަވައި، އަންނަ އަހަރުވެސް އިތުރު މަޝްރޫއުތައް ކުރިއަށްގެންދިއުމަށް ނިންމަވާފައިވާ ކަމަށެވެ. "ދިވެހީންގެ ރާއްޖެ" ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ހާމަކުރެއްވިގޮތުގައި ޕްރައިވެޓް ސެކްޓަރ ކުންފުނިތަކާ ހަވާލުކޮށްގެން އެކި ރަށްރަށުގައި 825 ހައުސިންގ ޔުނިޓުގެ މަސައްކަތް މިއަހަރު ފެށޭނެއެވެ. އަދި އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން އިތުރު 16 ރަށެއްގައި 1100 ހައުސިންގ ޔުނިޓު ތަރައްގީ ކުރައްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނުގެ ސިޔާސަތުގެ ދަށުން ބީއެމްއެލްއާ ހަވާލުކޮށް 3000 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، މީގެ އިތުރުން 4500 ހައުސިން ޔުނިޓުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށެވެ. މި މަޝްރޫއުތަކަކީ މާލޭގެ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން ދެއްވާ މުހިއްމު އިސްކަމެއްގެ ހެއްކެކެވެ.
ރައީސް މުޢިއްޒު ވަނީ ރަސްމާލެ މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްގެންގޮސް 5 މަސް ދުވަހުގެ ތެރޭގައި ބިންހިއްކާ ނިމޭނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އެމަނިކުފާނު ވިދާޅުވީ މި މަސައްކަތް ނިމުމުގެ ކުރިން އެތަނުން 15000 ގޯތި ލިބޭ މީހުން ކަނޑައެޅިގެންދާނެ ކަމަށާއި، އެ ގޯތި ދިނުމުގެ އުސޫލުތައް އަންނަ ހަފުތާގައި އާންމު ކުރައްވާނެ ކަމަށެވެ. އެގޮތުން، މާލޭގެ އެކިއެކި ކެޓަގަރީތަކުގައި ހިމެނޭ ރަށްވެހިންނާއި މާލޭގައި ގިނަ ދުވަހު ދިރިއުޅެމުންދާ އެހެން ރަށުގެ ރައްޔިތުން ހިމެނޭނެ އުސޫލެއް ކަނޑައަޅުއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"15000 ގޯއްޗަށް ހުޅުވާލާނަން. އެއީ މާލޭގެ އެކިއެކި ކެޓަގަރީތަކުގައި ހިމެނޭ ރަށްވެހިންނާއި މާލޭގައި ގިނަ ދުވަހު ދިރިއުޅެމުންދާ އެހެން ރަށުގެ ރައްޔިތުން ހިމެނޭހެން އުސޫލުގައި ތަފްސީލު އޮންނާނީ. އިރާދަކުރެއްވިއްޔާ އެތަން ހިއްކާ ނިމޭއިރު ގޯތި ލިބޭ މީހުން އޮންނާނީ ކަނޑައަޅާ ނިމިފައި،" ރައީސް ވިދާޅުވިއެވެ.
ކުރީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް އިޝާރާތްކުރައްވައި ރައީސް ޔަގީންކަން ދެއްވީ، އެ މަޝްރޫއުތަކުގެ ދަށުން ފްލެޓާއި ގޯތި ލިބުނު ފަރާތްތަކަށް ވެސް އެމަނިކުފާނު ވައުދުވެވަޑައިގެންނެވިގޮތަށް އެތަންތަން ދެއްވާނެ ކަމަށެވެ. އަދި ކަނޑުފަޅުން ދީފައިހުރި ގޯތިތައް ހަވާލުކުރުމަށް ބިން ހިއްކުމުގެ މަސައްކަތްވެސް ކުރިއަށްގެންދަވާނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.



