ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމެއްގެ ދަށުން، ފަތުރުވެރިކަމާއި މަސްވެރިކަމުގެ ސިނާޢަތާއި ޓެކްސީކޮށްގެން އާމްދަނީ ހޯދާ ފަރާތްތަކުގެ އާއިލާތަކަށް ޚާއްސަކޮށް 350 ފްލެޓް ދޫކުރުމަށް ސަރުކާރުން ނިންމަވައިފިއެވެ. މިއީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމަކުން، ވަކިވަކި ސިނާޢަތްތަކުގައި މަސައްކަތްކުރާ މީހުންނަށް ޚާއްސަކޮށް ފްލެޓް ދޫކުރާ ފުރަތަމަ ފަހަރަށް ވާތީ، މި ނިންމުމަކީ ގިނަ ބަޔަކަށް ލިބުނު ބޮޑު ހިތްހަމަޖެހުމެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދަކީ އުމުރުން 18 އަހަރު ފުރި، އަމިއްލަ ބޯހިޔާވަހިކަމެއް ނެތް ކޮންމެ ރައްޔިތަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމެވެ. ނަމަވެސް މީގެ ކުރީގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގައި، ފަތުރުވެރިކަމާއި މަސްވެރިކަމުގެ ސިނާޢަތުގައި މަސައްކަތް ކުރާ މީހުންނަށް މާލެ ސަރަޙައްދުން ބޯހިޔާވަހިކަން ލިބުމުގެ ފުރުޞަތުތަކުގައި ބޮޑެތި ޝަކުވާތައް އޮތެވެ.
އެގޮތުން، އާއިލާ މާލޭގައި ދިރިއުޅުނުނަމަވެސް، ވަޒީފާގެ ބޭނުމަށް ރަށުން ބޭރުގައި އުޅެންޖެހޭ ފަރާތްތަކަށް މާލޭގައި ދާއިމީކޮށް ދިރިއުޅޭކަން ސާބިތުކޮށްދިނުމުގައި ހުރަސްތަކެއް ކުރިމަތިވެއެވެ. މިކަމުގެ ސަބަބުން ބޯހިޔާވަހިކަން ފަދަ އަސާސީ ސްކީމްތަކުން ފުރުޞަތު ހޯދުމަށް ދަތިތަކެއް ކުރިމަތިވެފައިވެއެވެ. ރައީސް މުޢިއްޒުގެ ވަޢުދަކީ މާލޭގައި ދިރިއުޅޭ އެހެން އާއިލާތަކޭ އެއްގޮތަށް، މި ދާއިރާތަކުގެ އާއިލާތަކަށްވެސް ހަމަހަމަ ފުރުޞަތު ފަހިކޮށްދިނުމެވެ.
ޚާއްސަ ކެޓަގަރީތަކަށް ދޫކުރާ ފްލެޓްތައް
މި ޚާއްސަ ކެޓަގަރީގެ ދަށުން ޖުމްލަ 350 ފްލެޓް ކަނޑައަޅާފައިވާއިރު، މީގެތެރޭގައި ތިން ދާއިރާއެއް ހިމެނެއެވެ. އެއީ ފަތުރުވެރިކަމުގެ ސިނާޢަތާއި، މަސްވެރިކަމުގެ ދާއިރާ އަދި ޓެކްސީ ޑްރައިވަރުންގެ ދާއިރާއެވެ. މި ތިން ދާއިރާއަށް ކަނޑައަޅާފައިވާ ޢަދަދުތައް ތިރީގައި މިވަނީއެވެ:
- މާލޭގައި އާއިލާ ބިނާކޮށްފައިވާ ފަތުރުވެރިކަމުގެ ސިނާއަތުގައި ވަޒީފާއަދާކުރާ މުވައްޒަފުން: 200 ފްލެޓް
- މާލޭގައި އާއިލާ ބިނާކޮށްފައިވާ މަސްވެރިންގެ ދަފުތަރުގައި ހިމެނޭ ފަރާތްތައް: 100 ފްލެޓް
- މާލޭގައި އާއިލާ ބިނާކޮށްފައިވާ ޓެކްސީ ޑްރައިވަރުންގެ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތައް: 50 ފްލެޓް
މި ދާއިރާތަކަށް ޚާއްސަ ފުރުޞަތުތައް ފަހިކުރުމަށްޓަކައި، ސަރުކާރުން ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ 12 ގައި ޓެކްސީ ޑްރައިވަރުންގެ ޤައުމީ ދަފްތަރެއް އެކުލަވާލުމަށް ހުޅުވާލާފައެވެ. އަދި މަސްވެރިންގެ ޤައުމީ ދަފްތަރުގައި ރެޖިސްޓްރީވުމަށް ހުޅުވާލާފައިވަނީ 2024 ވަނަ އަހަރުގެ ފެބްރުއަރީ 16 ގައެވެ. ސަރުކާރުން ބުނާގޮތުގައި މި ދަފްތަރުތަކުގެ ބޭނުމަކީ، މި ދާއިރާތަކުގައި ދާއިމީކޮށް މަސައްކަތްކުރާ މީހުންނަށް މާލީ އެހީތެރިކަން ހޯދުމާއި، އެކި ކަންކަމުގައި ލިޔެކިޔުން ހުށައެޅުމަށް ފަސޭހަ މަގެއް ފަހިކޮށްދިނުމެވެ.




