އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރު އާންމު ތަނަކަށް ދޫކޮށްލައިފިނަމަ ނުވަތަ އަނިޔާކޮށްފިނަމަ ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރެވޭ ގޮތަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި 'ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ބިލު' ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
މި ބިލު ފާސްކުރެވުނީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 52 މެންބަރުންގެ އިއްތިފާޤުންނެވެ.
މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ހިންނަވަރު ދާއިރާގެ މެންބަރު މުޙައްމަދު ޢަބްދުއްރަޙްމާނެވެ. މި ބިލުގެ މައިގަނޑު މަޤްޞަދަކީ، ރާއްޖޭގައި ދެމެހެއްޓެނިވި އަދި ރައްކާތެރި ގޮތެއްގައި ޖަނަވާރު ގެންގުޅުމާއި، ވިއްސައި އާލާ ކުރުމާއި، ވިޔަފާރި ކުރުމަށް މަގުފަހިކުރުމަށް އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމެވެ. ބިލުގެ ދަށުން ޖަނަވާރުގެ ސިއްޙަތާއި ދުޅަހެޔޮކަން ކަށަވަރު ކުރުމަށްޓަކައި ބޭސްފަރުވާ ކުރުމުގެ އުސޫލުތައް ކަނޑައަޅާނެއެވެ. އަދި ރާއްޖެއަށް އެތެރެކުރާ ޖަނަވާރާއި، ޖަނަވާރުގެ ބައިތަކާއި، ކާނާއާއި ބޭސް އެތެރެ ކުރުމުގެ އުސޫލުތައްވެސް ކަނޑައެޅޭނެއެވެ.
ބިލުގައި ބަޔާންކޮށްފައިވާ ގޮތުން، ރާއްޖެއަށް ޖަނަވާރު އެތެރެ ކުރުމަށާއި އެފަދަ ތަކެތި ގެންގުޅުމާއި، ޖަނަވާރަށް ބޭނުންވާ ކާނާއާއި، ބޭސް އެތެރެކޮށް ވިޔަފާރި ކުރުމަށް މި ބިލުގެ ދަށުން ރަޖިސްޓްރީވާން ޖެހޭނެއެވެ. ޖަނަަވާރުގެ ރައްކާތެރިކަމާއި ގުޅޭ ސިޔާސަތުތައް ކަނޑައަޅައި ޤާނޫނު ތަންފީޒު ކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވަނީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވަޒީރާއެވެ. މީގެ އިތުރުން، ރާއްޖެއަށް ޖަނަވާރު އެތެރެކުރާ ބަނދަރުތަކުގައި ޕޯޓު ކަރަންޓީނު ފެސިލިޓީތައް ޤާއިމު ކުރުމާއި، އެނިމަލް ސެންކްޗުއަރީތައް ސަރުކާރުން ގާއިމުކުރަން ޖެހޭނެ ކަމަށްވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.
ބިލުގައި ޖަނަވާރުތަކާއި މެދު އިޙުމާލުވާ ފަރާތްތަކަށް ވަރަށް ބޮޑެތި އަދަބުތައް ކަނޑައަޅާފައިވެއެވެ. އެގޮތުން، ޖަނަވާރުގެ ޒަރީއާއިން ބައްޔެއް ފެތުރޭ ފަދަ ޢަމަލެއް ކޮށްފިނަމަ 10،000 ރުފިޔާއާއި 1،000،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމަށް ނިންމާފައިވެއެވެ. އަދި ޤަވާއިދާ ޚިލާފަށް ޖަނަވާރު އެތެރެކޮށް ބޭރުކޮށްފިނަމަ 5،000 ރުފިޔާއާއި 500،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ޖޫރިމަނާ ކުރާނެއެވެ.
ޤާނޫނާ ޚިލާފަށް ޖަނަވާރު ވިއްސައި އާލާކުރުން، ޖަނަވާރު ގެންގުޅެންޖެހޭ މިންގަނޑުތަކާއި ޚިލާފުވުން، ނުވަތަ ސާމްޕަލް އޮޅުވާލުން ފަދަ ޢަމަލުތަކަށް 10،000 ރުފިޔާއާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. މީގެ އިތުރުން، ޖަނަވާރަށް އަނިޔާއެއް ދިނުމާއި، އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރެއް (ޚާއްސަކޮށް ބުޅަލުގެ ޝަކުވާ ގިނަ) އާންމު ތަންތަނަށް ދޫކޮށްލައިފިނަމަ 5،000 ރުފިޔާއާއި 50،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ. ސީދާ އަދަބު ކަނޑައެޅިފައިނުވާ ކަމެއް ދިމާވެއްޖެނަމަވެސް 5،000 ރުފިޔާއާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު ބިލުގެ ދަށުން ލިބިގެންވެއެވެ.




