ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ދަށަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ބަދަލުކުރަން، ޖޭއެސްސީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
މި ބިލު މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ ސަރތުކާރުގެ ފަރާތުން ފޮނަދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މޫސާ ސިރާޖުއެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފުރަތަމަ ކިޔުން އިއްވާފައިވާ މި އިސްލާހުގައި ވަނީ، ޖޭއެސްސީގެ ގާނޫނުގެ 21 ވަނަ މާއްދާގެ ފަހަތަށް "ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން އުފެއްދުން" ގެ ނަމުގައި މާއްދާއެއް އިތުރުކޮށް ޖޭއެސްސީގެ ދަށުން ހިނގާ ތަނެއްގޮތަށް ޑީޖޭއޭގެ ނަމުގައި އިދާރާއެއް އުފެއްދުމަށެވެ.
ޖޭއެސްސީގެ އެންމެ އިސް ފަރާތެއްގެ ގޮތުގައި ހުންނަވާނީ ޗީފް އޮފް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން ކަމަށް މި އިސްލާހުގައި ބުނެފައިވެއެވެ.
ސިރާޖުގެ އިސްލާހުގައިވާ ގޮތުން މަޖިލީހުން ބިލު ފާސްކޮށް ރައީސްޖުމްހޫރިއްޔާ ތަސްދީގު ކުރައްވާ ހިސާބުން، ރާއްޖޭގެ އެންމެ މަތީ ކޯޓު، ސުޕްރީމް ކޯޓުގެ ދަށުން ހިނގަމުންދަ މިހާރު އޮތް ޑީޖޭއޭ އުވިގެންދާނެ އެވެ.




