މާފުށީ ޖަލުގެ ގޮޅިތަކަށް ވަންނަން އިންކާރުކުރި ހުރިހާ ޤައިިދީން ގޮޅިތަކަށް ވައްދާފައިވާކަމަށް ކަރެކްޝަންސް ސަރވިސް އިން ވިދާޅުވެއްޖެއެވެ.
ކަރެކްޝަންސް ސަރވިސް އިން މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ، ބައެއް ޤައިދީން ޖަލު އޮފިސަރުންނަށް ތަކުރާރުކޮށް ގޯނާކުރުމާއި ގޮޅިތަކަށް ވަދެފައި ނުވާތީވެ، ނަސޭހަތްދީ، އިންޒާރު ދިނުމުންވެސް ނުކިޔަމަންތެރިވީ ޤައިދީން ބާރުގެ ބޭނުންކޮށްގެން ރޭގެ ވަގުތެއްގައި ގޮޅިތަކަށް ވައްދާފައިވާ ކަމަށެވެ.
"2019 ޖޫން 20 ވަނަ ދުވަހު ޖަލ؛ުގައި ހިނގި ހަމަނުޖެހުމާ ގުޅިގެން އެޖަލުގައި ތިބި ބައެއް ޤައިދީންނާއި ބަންދުމީހުން ޖަލު އޮފިސަރުންނަށް ތަކުރާރުކޮށް ގޯނާކުރުމާއި ޖަލު އޮފިސަރުންގެ އަމުރަށް ނުކިޔަމަންތެރިވުމާއި، ޖަލުގެ ގަވާއިދުތަކަށް ބޯނުލަނބައި، ރޭގަނޑު ގޮޅިތަކަށް ވަންނަންޖެހޭ ގަޑިއަށް ވަންނަން އިންކާރުކުރުމުން، އެމީހުންނަށް ތަކުރާރުކޮށް ނަސޭހަތްތެރިވެ އިންޒާރު ދިނުމުންވެސް ކިޔަމަންވެފައި ނުވުމާއި މުޅި ޖަލުގެ އާއްމު މަސްލަހަތު ގެއްލެމުންދާތީ، 2019 ޖޫން 24 ވަނަ ދުވަހުގެ ރޭ، ޤާނޫނީ އިމުގެ ތެރެއިން ބާރުގެ ބޭނުންކޮށްގެން ނުކިޔަމަންތެރިވި ހުރިހާ ޤައިދީން ވަނީ އެމީހުންގެ އާއްމު ޚާލަތުގައި ތިބެންޖެހޭ ގޮޅިތަކަށް ވައްދާފައި." ކަރެކްޝަންސްގެ ބަޔާނުގައިވެއެވެ.
ކަރެކްޝަންސް އިން ވިދާޅުވީ، އޮޕަރޭޝަން ހިންގަން ފެށުމުން ގިނަ ޤައިދީން އަމުރަށް ކިޔަމަންވެ، ގޮޅިތަކަށް ވަދެފައިވާ ކަމަށެވެ.
އިތުރަށް ކަރެކްޝަންސް އިން ވިދާޅުވީ، އޮފިސަރުންގެ އަމުރަށް ނުކިޔަމަންތެރިވެ ގޮޅިތަކަށް ވަންނަން އިންކާރުކުރި ޤައިދީން ގޮޅިތަކަށް ވައްދަން ކުރި މަސައްކަތުގައި ޕެޕަރ ސްޕްރޭ ބޭނުންކޮށްފައިވާނެ ކަމަށާއި، އޮޕަރޭޝަން ހިނގަމުންދިޔަ ގޮތް ފެށުނީންސުރެ ނިމެންދެން ވީޑިއޯ ކުރެވިފައިވާ ކަމަށެވެ.
ފުލުހުން މިއަދު ވިދާޅުވީ، ކަރެކްޝަންސް ސަރވިސްގެ އެދުމުގެ މަތިން މާފުށީ ޖަލުގައި ފުލުހުންގެ ބެކަޕް ޓީމެއް "ސްޓޭންޑްބައި" ގައި ތިބި ކަމަށެވެ.




