އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް ޙަސަން ލުތުފީ އެ މަޤާމުން އިސްތުއުފާ ދެއްވައިފިއެވެ.
އެނގިފައިވާ ގޮތުގައި ޙަސަން ލުތުފީ މަޤާމުން އިސްތިއުފާ ދެއްވުމަށް ނިންމަވައި، ސިޓީ ފޮނުއްވާފައިވަނީ އިއްޔެއެވެ.
ލުތުފީ އިސްތިއުފާ ދެއްވިއިރު، އޭނާ މަޤާމުން ދުރުކުރުމަށް އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީން ނިންމައި މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ވަނީ ނިންމަވާފައެވެ.
ލުޠުފީ މަޤާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ އިއްތިފާޤުން ނިންމެވިއިރު، މި މައްސަލައަކީ ވެލިދޫ ދާއިރާގެ މެމްބަރު އަޙްމަދު އަބްދުﷲ ޝަފީގް ހުށަހަޅައި، ތިނަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުﷲ ސަނީފް ތާއީދުކުރެއްވި ހުށަހެޅުމެކެވެ.
މިދިޔަ އޭޕްރީލް މަހުން ފެށިގެން އެއްވެސް އުޒުރަކާ ނުލައި މިއަދާ ހަމައަށް ވަޒީފާ އަށް ނިކުންނަވާފައި ނުވާތީ ލުތުފީ މަގާމުން ވަކިކުރަން ހުށަހެޅިއިރު، ފާއިތުވި ދެ މަސްދުވަހު ލުތުފީ މަސައްކަތަށް ނިކުންނަވާފައިނުވި ނަމަވެސް ގަވާއިދުން އޭނާ މުސާރަ ނަންގަވަމުންދާ ކަމަށް އޭސީސީގެ ނައިބު ރައީސް މުއައްވިޒް ރަޝީދު ދާދިފަހުން ވަނީ ވިދާޅުވެފައެވެ.
މިކަމާ ގުޅިގެން ލުތުފީގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.



