ޖޯޝުގައި ނިކުމެ ޓްވިޓްސާފުން މުޅި އައްޑޫ ސާފު ކޮށްލައިފި

"ޓްވިޓްސާފުން" އިން އިސްނަގައި ޖީޝުގައި ނިކުމެ އައްޑޫ ސިޓީގައި ހިންގި ޚާއްޞަ ހަރަކާތް "ދަ އައްޑޫ އެޑީޝަން" ގައި މުޅި އައްޑޫ ސާފު ކޮށްލައިފިއެވެ.

އުރީދޫ އާއި ގުޅިގެން، ޓްވިޓްސާފުން އިއްޔެ ހަވީރު ކުރިއަށް ގެންދިޔަ މި ހަރަކާތުގައި އައްޑޫ ސިޓީގެ ހިތަދޫ، މަރަދޫ ފޭދޫ އަދި ހުޅުމީދޫގެ ތަފާތު ސަރަހައްދުތައް ވަނީ ސާފުކޮށްފައެވެ.

ޓްވިޓްސާފުން ބުނީ، އިއްޔެ އައްޑޫގައި ބޭއްވި ސާފު ކުރުމުގެ ހަރަކާތުގައި، 604 މީހުން ބައިވެރިވެފައި ވާ ކަމަށާއި، ތިން ޓަނުގެ ކުނި ނެގިފައިވާ ކަމަށެވެ. އޭގެ ތެރޭގައި 1.6 ޓަނުގެ އާއްމު ކުންޏާއި، 573.46 ކިލޯގެ ޕްލާސްޓިކް އަދި 804.19 ކިލޯގެ ބިއްލޫރި ފުޅިއާއި ދަޅު ނަގާފައިވާކަމަށް ޓްވިޓްސާފު އިން ބުނެއެވެ.

ދެ ގަޑިއިރާ ބަޔަށް ކުރިއަށް ގެންދިޔަ މި ހަރަކާތުގައި އުރީދޫގެ އިސްވެރިންގެ އިތުރުން މިނިސްޓާ އޮފް ޔޫތް އެންޑް ސްޕޯޓްސް އަހްމަދު މަހްލޫފްވެސް ވަނީ އަމަލީ ގޮތުން ބައިވެރިވެ ވަޑައިގެންފައެވެ. އަދި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ސިފައިންނާއި، ރެޑްކްރަސެންޓުގެ އައްޑޫ ބްރާންޗުންވެސް ވަނީ މި ހަރަކާތުގައި ބައިވެރިވެފައެވެ.

ނާ ޞޯލިޙްގެ އެންމެ ޓްވީޓަކުން ފެށި، މި ހަރަކާތަށް މިނިސްޓަރުންނާއި ކުންފުނިތައް އަދި އާންމުންގެ މަގުބޫލުކަން ވަނީ ލިބިފައެވެ. މި ޕްރޮގްރާމު ރާވާ ހިންގަމުންދަނީ ޓްވިޓްސާފުގެ ވޮލަންޓިއަރުންގެ އެހީގައެވެ.

މުޅި ރާއްޖެއަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް އެދެވޭ ހައްލެއް ހޯދައި، ރަށްތަކުގެ ރީތިކަން ދަމަހައްޓައި، ތިމާވެއްޓާ ރައްޓެހި އެދެވޭ ބަދަލުތަކެއް ގެނައުމުގެ މަގްސަދުގައި މަސައްކަތް ކުރާނެ ފަދަ ތިމާވެއްޓަށް ލޯބިކުރާ ޖީލެއް ބިނާކުރުމަށް ޓްވިޓްސާފުން ވަނީ އަމާޒު ހިފާފައެވެ.

ހުޅުމާލެއާއި މާލޭގައި އިވެންޓުތަކެއް ކުރިއަށް ގެންގޮސް، އައްޑޫގެ އިވެންޓަށްފަހު، ޓްވިޓްސާފުން މިސްރާބުޖަހަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި މި ޕްރޮގްރާމު ކުރިއަށް ގެންދިއުމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ