ދިވެހިރާއްޖެއާ ސިންގަޕޫރާ ދެމެދު މުހިންމު ދެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
ސިންގަޕޫރާއި ދިވެހިރާއްޖެއާ ދެމެދު މުހިންމު ދެ އެއްބަސްވުމެއްގައި ސޮއިކުރައްވާފައިވަނީ، ރައީސުލްޖުމްހޫރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ސިންގަޕޫރަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިންނެވެ.
މި ދެ އެއްބަސްވުމުގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ސިންގަޕޫރުގެ ރައީސްގެ އޮފީހުގައެވެ.
މިއަދު ސޮއިކުރެއްވި މި ދެ އެއްބަސްވުމުގެ ތެރެއިން އެއް އެއްބަސްވުމަކީ ވައިގެ ދަތުރުފަތުރުގެ ދާއިރާއިން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް ތަރައްޤީކުރުމުގެ އެއްބަސްވުމެކެވެ. ދެ ވަނަ އެއްބަސްވުމަކީ ދެޤައުމުގެ ފޮރިން މިނިސްޓްރީގެ މެދުގައި އިތުރަށް ގުޅުންބަދަހި ކުރެވޭނެ ފްރޭމްވޯކެއް ޤާއިމުކުރުމުގެ އެއްބަސްވުމެކެވެ.
މުހިންމު ދެ އެއްބަސްވުމުގައި ސޮއި ކުރެވުނުއިރު، ރައީސުލްޖުމްހޫރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދަށް ސިންގަޕޫރު ސަރުކާރުން ވަނީ ވަރަށްހޫނު މަރްޙަބާއެއް ދަންނަވާފައެވެ.




