މަޖިލީހުގެ ޖަލްސާއެއްގައި މެންބަރުން - ފޮޓޯ: މަޖިލިސް

ރާއްޖޭގައި ޕްލާސްޓިކް މަނާ ކުރަން މަޖިލިހުން ގަރާރެއް ފާސްކޮށްފި

އެއްފަހަރު ބޭނުންކޮށްފައި އެއްލައިލާ ޕްލާސްޓިކްގެ ބާވަތްތައް 2025 އިން ފެށިގެން ރާއްޖޭގައި ބޭނުންކުރުން މަނާ ކުރަން ރައްޔިތުންގެ މަޖިލިހުގެ ގިނަ މެމްބަރުންގެ އިއްތިފާގުން ގަރާރެއް މިއަދު ފާސްކޮށްފިއެވެ.

މަޖިލީހުން ގަރާރެއް ފާސްކޮށްފައިމިވަނީ، ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ ދަރިވަރުންތަކެއް އިސް ނަގައިގެން މަޖިލީހުގެ ތިމާވެއްޓާ ބެހޭ ކޮމިޓީއަށް ހުށައެޅި ހުށައެޅުމަކާ ގުޅިގެންނެވެ. 17 ސްކޫލަކުން ބައިވެރިވެ މިހުށައެޅުން ކޮމިޓީން ބަލައިގަނެ ވަނީ ދިރާސާ ކުރުމަށް ފަހު މަޖިލީހުގެ ތަޅުމަށް ގަރާރެއް ފޮނުވާފައެވެ.

މިއަދު ގަރާރަށް ވޯޓަށް އެހުމުން ވޯޓުގައި ބައިވެރިވި 64 މެމްބަރުންގެ އިއްތިފާގުން ގަރާރު ވަނީ މަޖިލީހުން ފާސްވެފައެވެ.

ގަރާރުގައި ވަނީ އެއް ފަހަރު ބޭނުންކޮށްފައި އެއްލާލާ ޕްލާސްޓިކް ފުޅި އާއި ޕްލާސްޓިކް ހޮޅި ވިޔަފާރިތަކުގައި ބޭނުން ކުރުން ހުއްޓުވުމަށް ބާރު އެޅުމަށެވެ. އަދި އެފަދަ ބާވަތްތައް އާންމުން ބޭނުން ކުރުމުން ދުރު ކުރުމަށް އާންމުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށް ގޮވާލާފައިވެ އެވެ.

މީގެއިތުރުން އެއް ފަހަރު ބޭނުންކޮށްފައި އެއްލާލާ ޕްލާސްޓިކް ފުޅި ރާއްޖޭގައި އުފެއްދުމާއި ބޭނުން ކުރުން މަދު ކުރަމުން ގޮސް 2024 ގެ ނިޔަލަށް އެ ފަދަ ފުޅި ރާއްޖެ އިން މަނާ ކުރުމަށް ގަރާރުގައި އެދުނެވެ. އަދި ޕްލާސްޓިކް ހޮޅި އާއި ސުޕާރީ ޕެކެޓާއި ޕްލާސްޓިކް ކޮތަޅު 2020 ގެ ނިޔަލަށް ރާއްޖޭގައި މަނާ ކުރުމަށް ވެސް މަޖިލިހުން ފާސް ކުރި ގަރާރުގައި އެދިފައިވެއެވެ.

ގަރާރުގައި އެދިފައި ވަނީ 2025 ވަނަ އަހަރުން ފެށިގެން އެއް ފަހަރު ބޭނުންކޮށްފައި އެއްލާލާ ބާވަތުގެ ޕްލާސްޓިކް ބޭނުން ކުރުން ރާއްޖޭގައި މަނާ ކުރުމަށެވެ. އަދި ތިމާވެއްޓާ ރައްޓެހި ތަކެތި ކުރިއެރުވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ބާރު އެޅުމަށް ވެސް ގަރާރުގައި ހިމަނާފައިވެއެވެ.

ގަރާރު ނިންމާލަމުން ބުނެފައި ވަނީ ލަނޑުދަނޑިތައް ތާރީޚުތަކަށް ހާސިލް ކުރުމަށް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށާއި ކުރަން ޖެހޭ މަސައްކަތުގެ މުހިންމު ކަން ފާހަގަކޮށް، އެ މުއައްސަސާތަކުން އެ ކަންކަން ކުރުމަށް ވެސް ގޮވާލައިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ