އޭދަފުއްޓަށް އުދަ އަރާފައި - ފޮޓޯ: އީޓީ

ސަމާލުވޭ، ބޮޑު ދިޔައިގައި އުދަ އަރާފާނެ - މެޓް

ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ރާއްޖޭގެ އެކި ސަރައްދުތަކުގެ ރަށްތަކަށް އުދަ އެރުން އެކަށީގެންވާކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ވިދާޅުވެއްޖެއެވެ.

މެޓް އޮފީހުން ވިދާޅުވީ، ދެކުުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން، މެދުތެރެއާއި އުތުރުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގުދެކުނުން، ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށާއި، ރާޅުގެ އުސްމިން އުޅޭނީ ފޫޓަކާއި 3 ފޫޓާއި ދެމެދުގައި ކަމަށެވެ.

"ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް." މެޓް އޮފީހުން ވިދާޅުވިއެވެ.

މެޓް އޮފީހުން އާއްމުކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު އުތުރުގެ އަތޮޅުތަކަށް އެންމެ ދިޔަވަރު ބޮޑުވާނީ މެންދުރުފަހު 01:48 ގައެވެ. އަދި މެދުރާއްޖެތެރޭގެ ސަރަހައްދަށް މެންދުރުފަހު 02:31 ގައި އެންމެ ދިޔަވަރު ބޮޑުވާއިރު، ދެކުނުގެ ރަށްތަކަށް އެންމެ ދިޔަވަރު ބޮޑުވާނީ ހަވީރު 03:09 ގައެވެ.

ރާއްޖޭގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރި ނަމަވެސް، މޫސުން އާންމު ގޮތެއްގައި ރަނގަޅު ވާނެ ކަމަށާއި، ރާއްޖޭގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވާނެ ކަމަށްވެސް މެޓް އޮފީހުން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ