ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދެމުން އަންނަ އިނާޔަތް ބޮޑުކުރަން ޤާނޫނަށް ހުށަހެޅި އިސްލާހަށް ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީއިން ދެކޮޅުހަދައިފިއެވެ.
އިނާޔަތް ބޮޑުކުރަން ހިމަނައި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމާ ބެހޭ ގާނޫނަށް އިސްލާޙް ހުށަހެޅުއްވީޫ ދަނގެތީ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު މުހައްމަދު ނާޒިމް އެވެ.
މުޙައްމަދު ނާޒިމް ހުށަހެޅުއްވި އިސްލާހުގައި ވަނީ ނުކުޅެދުންވެރިކަން ހުންނަ ފަރާތްތަކަށް ދޭ އިނާޔަތް، 5000 ރުފިޔާ އާއި 7000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ބޮޑު ކުރާށެވެ. އަދި ނުކުޅެދުންތެރި ކަމެއްގެ ސަބަބުން ދިގު މުއްދަތަކަށް އެނދުމަތި ކުރެވިފައިވާ މީހުންނަށް މަދުވެގެން 9000 ރުފިޔާގެ އެލަވަންސެއް ދޭންވެސް އިސްލާހުގައި ހިމަނާފައިވެއެވެ.
މި ބަހުސްގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ، ދައުލަތުގެ އާމްދަނީ އިތުރު ނުވާއިރުގައި އިނާޔަތް ބޮޑުކުރަން އެކަން ނުކުރެއްވޭނެ ކަމަށެވެ.
"އެއީ ދައުލަތުގެ އާމްދަނީ އިތުރުނުވާ ތަނުގައި، އިތުރު ޚަރަދެއް ކުރަންޖެހޭ ގޮތަށް ކުރަން އޮންނަ ކަމެއް ނޫން. މި ބިލް ހުށަހެޅިފައި އޮތީ އެ މަގްސަދު ހާސިލް ކުރާކަށް ނޫން. އެމްޑީޕީގެ ސަރުކާރުން ބަޖެޓު އެކުލަވާލަނީ ތަފާތުކޮށް. މެނިފެސްޓޯގައި ހުންނަ ކަންކަން ތަންފީޒު ކުރުމަށް އެކްޝަން ޕްލޭން އެއް ހަދަނީ. އެ ޕްލޭން އަށް ބަޖެޓު ކަނޑައަޅަނީ. މިހާރު ބަޖެޓު އޮތީ ކަނޑައެޅިފައި،" ހަސަން ލަތީފު ވިދާޅުވި އެވެ.
ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދައުލަތުގެ ތެރެއިން ޚިދުމަތް ހޯދުމުގައި ރަނގަޅުކުރަންޖެހޭ ކަންކަމަށް ތާއީދުކުރައްވާ ކަމަށާއި ނަމަވެސް ނާޒިމްގެ ބިލަށް ތާއީދު ކުރެވެން ނެތްކަމަށްވެސް ހަސަން ލަތީފް ވިދާޅުވިއެވެ.
"އަޅުގަނޑު ފުރިހަމައަށް ތާއީދު ދައުލަތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭންޖެހޭ ޚިދުމަތްތައް ރަނގަޅު ކުރަން މަޖިލީހުން ކުރަން ޖެހޭ ހުރިހާ ކަމެއް ކުރުމަށް. ހަމަކަށަވަރުން ވެސް އެމްޑީޕީ އޮންނާނީ ތައްޔާރަށް. އެހެން ނަމަވެސް މިފަދަ ގޮތަކަށް ހުށަހަޅާ ބިލަކަށް އެމްޑީޕީ އިން ތާއީދު ނުކުރާނެ ކަން ވެސް އަޅުގަނޑަށް ފުރިހަމައަށް ޔަގީން،" ލަތީފު ވިދާޅުވިއެވެ.
ހަސަން ލަތީފް އިތުރުން އެމްޑީޕީގެ އެހެން މެންބަރުންވެސް ވަނީ ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އިނާޔަތް ބޮޑުކުރުމަށް ދެކޮޅު ހައްދަވާފައެވެ. އެގޮތުން ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު ހުސައިން ޝަހީމް ވިދާޅުވީ، ކުޑަކުޑަވެސް ނުކުޅެދުންތެރިކަމެއް ހުންނަ މީހަކީ ބިތްޖެހި އިނދެ، ސަރުކާރުން ދޭ އެއްޗަކުން ހަމައެކަނި ބަނޑުފުރާލައިގެން އިންނަން ޖެހޭ ބޭފުޅުންނަށް ވާން ޖެހޭ ކަމަކަށް ދެކިވަޑައި ނުގަންނަވާ ކަމަށެވެ.
މި ބިލަށް އެމްޑީޕީ އިން ދެކޮޅު ހެއްދެވި ނަމަވެސް، އިދިކޮޅު ފަރާތްތަކުން މި ބިލަށް ވަނީ ތާއީދުކޮށް ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން އިދިކޮޅު ލީޑަރުކަމަށް ކުރިން ދުވަހަކު ވިދާޅުވި، ކާށިދޫ ދާއިރާގެ މެންބަރު ޖާބިރު މިއަދު ވިދާޅުވީ، އާބާދީގެ ނިސްބަތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އިންސައްތަ ވަރަށް ކުޑަ ކަމަށާއި، އެވަރުގެ ބުރައެއް ދައުލަތަށް އުފުލެން ޖެހޭނެ ކަމަށެވެ.
"އެހެންވީމަ 5000 ރުފިޔާއެއް ނޫން ދޭންވީ. 7000 ރުފިޔާއެއް ނޫން ދޭންވީ. އެއް ލައްކަ ރުފިޔާ މަހަކު ދިޔަ ނަމަވެސް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކަންތައް ބެލެހެއްޓެން ވާނެ. ދައުލަތުން އެކަން ކުރަން ޖެހޭނެ. ދައުލަތުގެ ޚަރަދުތައް ކުޑަކޮށްފައި، ދައުލަތަށް ލިބޭ އާމްދަނީ އިތުރުކޮށްފަ ވެސް އެކަން ކުރަން އެބަ ޖެހޭ،" ޖާބިރު ވިދާޅުވިއެވެ.



