ތިލަދުންމަތީގައި ހުރި އެންމެ ބޮޑު ހޮސްޕިޓަލް، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ކަށީގެ ޑޮކްޓަރެއް ނެތުމުން، އިނގިއްޔެއް ބިނދިގެން ދިޔަ މީހަކަށް ފަރުވާނުދެވި މާލެ ފޮނުވާލައިފިއެވެ.
ކުޅުދުއްފުށީގައި އިއްޔެ ދެ ސައިކަލް ޖެހި ހިނގި އެކްސިޑެންޓެއްގައި ފައިގެ އިނގިއްޔެއް ބިނދިގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ފަރުވާއަށް ގެންގޮސްފައިވަނީ 17 އަހަރުގެ ކުއްޖެކެވެ. ނަމަވެސް ކަށީގެ ޑޮކްޓަރެއް ނެތުމުން ދެވޭނެ އިތުރު ފަރުވާއެއް ނެތުމުން އެކުއްޖާ ވަނީ މިއަދުގެ ވަގުތެއްގައި އިތުރު ފަރުވާއަށް މާލެ ފޮނުވާލާފައެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި މަސައްކަތް ކުރާ ކަށީގެ ޑޮކްޓަރު ޗުއްޓީއަށް ދިޔުމުން އެ ހިދުމަތް މެދުކެނޑިފައިވާއިރު، ފައިގެ އިނގިއްޔެއް ބިނދިގެން އެހޮސްޕިޓަލަށް ފަރުވާ ހޯދަން ދިޔަ ހދ.ވައިކަރަދޫ އަންހެނަކަށްވެސް ފަރުވާ ނުދެވި ހއ.ދިއްދޫއަށް އިއްޔެ ވަނީ ފޮނުވާލާފައިވެއެވެ.
މިހާރުވެސް ހޮސްޕިޓަލުގައި ބައެއް އެހެން ދާއިރާތަކުގެ ޑޮކްޓަރުންގެ ހިދުމަތްވެސް ވަނީ މެދުކެނޑިފަ އެވެ. އެގޮތުން ލޮލުގެ ޑޮކްޓަރުންގެ ހިދުމަތާއި ހަމުގެ ޑޮކްޓަރުންގެ ހިދުމަތް ވަނީ މެދުކެނޑިފައެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ އުތުރުގެ ތިން އަތޮޅުގެ ރައްޔިތުން (ގާތްގަނޑަކަށް 25000 ރައްޔިތުން) ޚިދުމަތް ހޯދަމުންދާ މައި ހޮސޕިޓަލެވެ. ނަމަވެސް ޞިއްޙީ ޚިދުމަތުގެ ބޮޑެތި މައްސަލަތަކެއް މި ސަރަހައްދުގައި ހުރުމާއެކު ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުނެވެ.




