މުޅި ރާއްޖޭގެ ޞިއްޙީ ހާލަތު ދެނެގަތުމަށް އަންނަ އަހަރު ދިރާސާއެއް ފަށަނީ

ރާއްޖޭގެ ޞިއްޙީ ހާލަތު ދެނެގަތުމަށް އަމާޒުކޮށް، އަންނަ އަހަރުގެ ކުރީކޮޅު މުޅި ޤައުމުގައި ދިރާސާއެއް ފެށުމަށް ނިންމާފައިވާކަން ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހިމް ހާމަކުރައްވައިފިއެވެ. މި ދިރާސާ ކުރިއަށް ގެންދިއުމަށްޓަކައި ޞިއްޙީ ވުޒާރާއާއި ޔުނިސެފްއާ ދެމެދު ވަނީ ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ.

ވަޒީރު މިކަން ހާމަކުރެއްވީ، މި ދިރާސާ ހެދުމަށް ޔުނިސެފާއެކު ފަހުމުނާމާއެއްގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ދިރާސާއަކީ "މަލްޓިޕްލް އިންޑިކޭޓަރ ކްލަސްޓަރ ސަރވޭ" (MICS) ގެ ނަމުގައި ޞިއްޙީ ވުޒާރާއާއި ޔުނިސެފް މޯލްޑިވްސް ކަންޓްރީ އޮފީހާއި ގުޅިގެން ކުރިއަށްގެންދާ މަސައްކަތެކެވެ. ފަހުމުނާމާގައި ވުޒާރާގެ ފަރާތުން ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހިމް ސޮއިކުރެއްވިއިރު، ޔުނިސެފްގެ ފަރާތުން ސޮއިކުރެއްވީ ޚާއްސަ މަންދޫބު ޑރ. އެޑްވަރޑް އަޑާއީއެވެ.

ވަޒީރު ނާޡިމް ވިދާޅުވީ، ޤައުމުތަކުގެ އިޤުތިޞާދު ކުރިއަރުވައި، ސިޔާސަތުތައް އެކުލަވާލުމުގައި ތަފާސްހިސާބަކީ މުހިންމު އެއްޗަކަށްވާއިރު، ޞިއްޙީ ދާއިރާއިން މިގޮތަށް އެއްކޮށްފައި ހުރި އަދާހަމަ ތަފާސްހިސާބެއް މިހާރު ނެތް ކަމަށެވެ. އެހެންކަމުން މި ދިރާސާއާއެކު ޞިއްޙީ ދާއިރާގެ ސިޔާސަތުތައް ކަނޑައެޅުމަށާއި، ފެންވަރު ރަނގަޅުކުރަންވީ ކަންކަން ދެނެގަނެވި، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކަށް ވާޞިލުވުމުގެ މަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވި ގޮތުގައި، ކްލަސްޓަރ ސަރވޭއަކީ ބައިނަލްއަޤުވާމީ ފެންވަރުގައި އާބާދީއާއި ޞިއްހަތާ ގުޅުންހުރި މިންގަނޑުތަކާއި އާބާދީގެ މައިގަނޑު ސިއްޙީ ހާލަތު ދެނެގަތުމަށް ޔުނިސެފްގެ އެހީގައި ގިނަ ޤައުމުތަކުގައި ކުރިއަށްގެންދާ ދިރާސާއެކެވެ. އެންމެ ފަހުން ރާއްޖޭގެ ޞިއްޙީ ޙާލަތާ ގުޅޭގޮތުން ދިރާސާއެއް ކުރިއަށް ގެންގޮސްފައިވަނީ 2017 ވަނަ އަހަރު ކަމަށްވުމާއެކު، މިހާރުގެ ހާލަތު ދެނެގަތުމަށް ދަތިތަކެއް ދިމާވެފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ