މިނީ ބަހުގެ ހިދުމަތަށް ބެޓެރީން ދުއްވާ މިނީ ބަސްތަކެއް

މާލޭގައި މިނީ ބަހުގެ ހިދުމަތް ދިނުމަށް ބޭނުން ކުރުމަށް ތިމާވެއްޓާ ރަށްޓެހި, ބެޓެރީން ދުއްވާ ބަސްތަކެއް ގެންނަން ރާވާފައިވާ ކަމަށް އެމްޓީސީސީން ބުނެފި އެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޓީސީސީގެ ސީއޯއޯ ޝާހިދު ހުސައިން މޫސާ ވިދާޅުވީ މިނީ ބަހުގެ ހިދުމަތް ދިނުމަށް ޓަކައި ދިރާސާތައް ނިންމައި، ޓްރާންސްޕޯޓް މިނިސްޓްރީ އަށް މިހާރު ފޮނުވާފައިވާ ކަމަށެވެ. އެގޮތުން މާލޭގެ ދަތުރުތަކަށް އިލެކްޓްރިކް ބަސްތައް ގެނައުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މާލޭގެ މިނީ ބަސް ޕްރޮޖެކްޓުގެ މަސައްކަތް މިހާރު ވަނީ ދިރާސާތައް ކުރެވި މިނިސްޓްރީއާ ހާވާލު ކުރެވިފައި. އެގޮތުން ދިރާސާކޮށް އަޅުގަނޑުމެން ވަނީ އިލެކްޓްރިކް ބަސްތަކެއް ގެނެސް ހުޅުމާލޭގައި އެ ޗާޖުކޮށް މާލެ ގެނެސް ހިދުމަތް ދިނުމަށް ރާވާފައި،" ޝާހިދު ވިދާޅުވި އެވެ.

އެމްޓީސީސީން ވިދާޅުވީ މިނީ ބަހުގެ ހިދުމަތް ދިނުމަށް ގެންނަން ނިންމާފައިވަނީ ކަރަންޓުން ޗާޖް ކުރެވޭ ވައްތަރުގެ 15 ބަސް ކަމަށެވެ. މި ޕްރޮޖެކްޓަށް ގާތްގަޑަކަށް 30 މިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށް އެމްޓީސީސީއިން ބުނެއެވެ. މި ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ޓްރާންސްޕޯޓް މިނިސްޓްރީއަށް މިހާރު ޕްރޮޕޯސަލް ހުށާހަޅާފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީން ވިދާޅުވީ މާލެއަށް ގެންނާނީ ހަ މީޓަރުގެ ބަސްތަކެއް ކަމަށެވެ. މާލޭގެ މަގުތައް ހަނިވުމުން މާލޭގެ ޓްރެފިކަށް ބަލައި މިކަން އެންމެ ރަނގަޅަށް ކުރެވޭނެ ގޮތަކަށް ހިދުމަތް ދިނުމަށް އެދިފައިވާނެ އެމްޓީސީސީއިން ބުނެއެވެ. އަދި މި ބަސްތައް ދުއްވޭނެ މަގުތައް ވެސް ފާހަގަކޮށްފައިވާ ކަމަށް އެމްޓީސީސީއިން ބުނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ