ހދ.ހަނިމާދޫ، ކުޅުދުއްފުށި، ނޮޅިވަރަންފަރު އަދި ތ.ވިލުފުށީގައި އިމާރާތްކުރަން ފަށައި، ހުއްޓިފައިވާ ފްލެޓްތައް ނިންމުމުގެ މަސައްކަތް ފެށޭނީ އަންނަ އަހަރު ކަމަށް ހައުސިންގ މިނިސްޓަރ އައިމިނަތު އާތިފާ ޝުކޫރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އާތިފާ މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް، ވިލުފުށީ ދާއިރާގެ މެންބަރު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ދާދި ދެންމެއެވެ.
މިނިސްޓަރ ވިދާޅުވީ، މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު، މަސައްކަތް ފަށައި ނުނިމިހުރި 1450 ހައުސިންގ ޔުނިޓް އަތޮޅުތަކުގައި ހުރި ކަމަށާއި، ބައެއް ތަންތަނުގެ ސްޓްރަކްޗަރ ގެ މަސައްކަތް ނިމިފައިވާއިރު، ބައެއް ތަންތަނުގެ މަސައްކަތް ނިމިފައި ނުވާކަމަށެވެ.

127 މިލިއަން ރުފިޔާގެ އިތުރު ބަޖެޓެއް އެ މިނިސްޓްރީއަށް ހަމަޖައްސަވައިދެއްވާފައިވާ ކަމަށާއި، އެއާއެކު ކުޑަ ޚަރަދަކުން ނިންމެންހުރި ހައުސިންގެ ޔުނިޓްތަކަށް މީހުނަށް ވަދެވޭވަރު ކުރަމުންދާ ކަމަށް އަދި ބޮޑެތި މަޝްރޫއުތައް އަންނަ އަހަރުގެ ބަޖެޓުގައި ހިމެނިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ވިލުފުށީ ހައުސިންގ މަޝްރޫއުގައި ހިމެނޭ ގެތަކުގެ މަސައްކަތް އަންނަ އަހަރުގެ ބަޖެޓުގެ ތެރޭގައި ހިމެނިގެން އަންނަ އަހަރު ފަށައި، ހަމަ އެއަހަރު ނިންމާލެވޭނެ ކަމަށާއި، ގެތަކުގެ ފަރުމާއާއި ގުޅިގެން އެ މިނިސްޓްރީއަށް އެއްވެސް ޝަކުވާއެއް ލިބިފައި ނުވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ފްލެޓްތަކުގެ ފަރުމާއަށް ބަދަލު ގެނައުމަކީ ޚަރަދުތަކެއްވެސް ހިނގާނެ ކަމަކަށްވާތީވެ، އެކަމަކީ ވިސްނަންޖެހޭ ކަމެއް ކަމަށާއި، ފަރުމާއަށް ބަދަލުގެނައުމަކީ ރަނގަޅުކަމެއް ނަމަ ކުރިއަށްހުރި މަޝްރޫއުތަކުގެ ފަރުމާ ބަދަލުކުރުމަށް މަޝްރަވަރާ ކުރައްވާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.




