އެމްއެންޑީއެފް ނޮދަން އޭރިއާ ހެޑްކްއޯޓަރޒް، ޅ. މާފިލާފުށީގައި ޤާއިމްކޮށްފައިވާ ސިފައިންގެ ތަމްރީނު މަރުކަޒު، އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރޭނިންގ ސެންޓަރުގެ ފޭސް 1 ފުރިހަމަކުރުމަށް އިންޑިއާ ސަރުކާރުން ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފިއެވެ.
މި އެހީ ހަވާލުކޮށްފައިވަނީ މިއަދު ހެނދުނު 10:00 ބަންޑާރަކޮށީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. އިންޑިއާ ސަރުކާރުގެ ފަރާތުން ހަވާލުކުރާ ފައިސާގެ ރަމްޒީ ޗެކް، ޑިފެންސް މިނިސްޓްރީއާ ހަވާލުކޮށްދެއްވީ އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ ސަންޖޭ ސުދިރްއެވެ. އަދި، ޑިފެންސް މިނިސްޓްރީގެ ފަރާތުން ރަމްޒީ ޗެކާ ހަވާލުވެވަޑައިގެންނެވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިއާ އަޙްމަދު ދީދީއެވެ.
އިންޑިއާ ސަރުކާރުގެ ފަރާތުން މިއަދު ހަވާލުކުރެއްވި 1.07 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއަކީ، ޅ.މާފިލާފުށީގައި ޤާއިމްކޮށްފައިހުރި އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރޭނިންގ ސެންޓަރުގެ ފޭސް 1 ގެ ނުނިމިހުރި މަސައްކަތްތައް ނިންމުމަށް ވެދެއްވި އެހީއެކެވެ.
އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރޭނިންގ ސެންޓަރަކީ އިންޑިއާ ސަރުކާރުގެ އެހީގައި ޅ. މާފިލާފުށީގައި ބިނާ ކުރަމުންދާ ޓްރޭނިންގ ސެންޓަރެވެ. އެ ޓްރޭނިންގ ސެންޓަރު ބިނާކުރުމުގެ މަޝްރޫޢު ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ. ކޮމްޕޮސިޓް ޓްރޭނިންގ ސެންޓަރު ޢިމާރާތް ކުރުމުގެ ފުރަތަމަ ފިޔަވަހީގެ ތެރޭގައި ހިމެނެނީ ޓްރޭނިންގ ސެންޓަރ، އެޑްމިނިސްޓްރޭޓިވް ބްލޮކް، ތިން އެކަމަޑޭޝަން ބެރެކްސް، ފަޔަރިންގ ޝެޑް، ފަޔަރިންގ ރޭންޖު، ހެލްތު ޕޯސްޓް، އޮބްސްޓެކަލް ބެލްޓް، ދެ ރެކްރިއޭޝަން ބިލްޑިންގ އަދި މިތަންތަންނަށް ބޭނުންވާނެ ކަރަންޓާއި ފެނާއި ނަރުދަމާ ނިޒާމެވެ. ކޮމްޕޮސިޓް ޓްރޭނިންގ ސެންޓަރު ބިނާކޮށް ނިމުމުން، އެތަން ވެގެންދާނީ ސިފައިންގެ ތަމްރީނުތައް ހިންގާ މައި މަރުކަޒުގެ ގޮތުގައެވެ.

މި ރަސްމިއްޔާތުގައި، އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ ސަންޖޭ ސުދިރްއާއި މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިއާ އަޙްމަދު ދީދީ އާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލްއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޢަބްދުއްރަޙީމް ޢަބްދުއްލަތީފާއި، އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިފެންސް އެޓާޗޭ ކެޕްޓަން ޕްރަޝާން ހާންޑޫ އާއި އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންގެ އިތުރުން، ސީނިއަރ އޮފިސަރުންނާއި އެކި ރޭންކުތަކުގެ ގިނަ އަދަދެއްގެ ސިފައިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ޅ. މާފިލާފުށީގައި ކޮމްޕޮސިޓް ޓްރޭނިންގ ސެންޓަރު ޢިމާރާތް ކުރުމުގެ އެއްބަސްވުމުގައި އެލިއާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެކު ޑިފެންސް މިނިސްޓްރީން ފުރަތަމަ ސޮއިކުރައްވާފައިވަނީ 2014 އޯގަސްޓް 05 ވަނަ ދުވަހުއެވެ. މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ޙަވާލުކުރެވިފައި ވަނީ އެލިއާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް 91,471.956.07 (ނުވަދިހަ އެއްމިލިއަން، ހަތަރު ސަތޭކަ ހަތްދިހަ އެއް ހާސް، ނުވަސަތޭކަ ފަންސާސް ހަ ރުފިޔާ ހަތް ލާރީ) އަށެވެ.




