މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމިއްޔާތަށް ތައްޔާރުވުމުގެ ގޮތުން މިރޭ މާލޭގައި ބަޑިޖަހުން އޮންނާނެއެވެ.
އެމްއެންޑީއެފްއިން ވިދާޅުވިގޮތުގައި މިރޭ އޮންނަ ޑްރެސް ރިހާސަލްގައި ސެލިއުޓިން ގަން އިން ބަޑި ޖެހުމަށް ހަމަޖެހިފައިވަނީ އުސްފަސްގަނޑުގެ ހެލިޕެޑްގައާއި، ގަލޮޅުދަނޑުގައެވެ. އެގޮތުން އުސްފަސްގަނޑުގައި ބަޑިޖަހާނީ މިރޭ 21:00 އާއި 21:30 އާއި ދެމެދުއެވެ. އަދި ގަލޮޅު ދަނޑުގައި ބަޑިޖެހުމަށް ހަމަޖެހިފައިވަނީ މިރޭ 22:30 އާއި 23:00 އާއި ދެމެދުކަމަށް އެމްއެންޑީއެފުން ވަނީ ވިދަޅުވެފައެވެ.
މިނިވަން ދުވަހަށް ތައްޔާރުވުމުގެ ގޮތުން އެދުވަހުގެ ހަރަކާތްތަކުގެ ފުރިހަމަ ރިހާސަލެއް ބޭއްވުމަށްޓަކައި މިރޭ 07:00 އިން ފެށިގެން ގަލޮޅު ދަނޑާ ގުޅިފައިވާ މަގުތައް ބަނދުވާނެ ކަމަށް ފުލުހުން ވެސް ވަނީ މިއަދު ވިދާޅުވެފައެވެ.
އެ ގޮތުން ފުލުހުން ވަނީ މަގުތަކެއް އާއްމު ޓްރެފިކަށް ބަންދުކުރުމުގެ އިތުރުން ގަލޮޅު ދަނޑާ ވަށައިގެންވާ ބައެއް ޕާކިންގ ޒޯންތައްވެސް ހުސްކުރާނެކަން ވިދާޅުވެފައެވެ.
މިއީ ދިވެހިރާއްޖޭގެ މިނިވަންކަމަށް 54 އަހަރު ފުރޭ އަހަރެވެ.



