މާލޭގައި ފުލުހުން ސްޓިކަރ ޖަހަނީ ގިނަ ބަޔަކަށް ދަތިތާގޮތަށް ޕާކްކުރާ އުޅަނދުތަކުގައި ކަމަށް ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ނަހުލާ މިހެން ވިދާޅުވީ، ޕާކްކުރާނެ ތަންތަން ނުދައްކާ ސްޓިކަރ ނުޖަހާނެކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞޯލިޙްގެ ރިޔާސީ ކެމްޕޭނުގެ ތެރޭގައި ވައުދުވެވަޑައިގަތްފައި ވަނިކޮށް އެއްގަމު އުޅަނދުތަކުގައި ޕާކްކުރާ މައްސަލައިގައި ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ރައްޔިތުންގެ މަޖިލީހުގައެވެ.
މިއަދުގެ މަޖިލީހަށް ހާޒިރުކޮށް ކުރިމަތިކުރި ސުވާލަށް ޖަވާބުދެއްވަމުން ނަހުލާ ވިދާޅުވީ، ތޮށްޖެހިފައިވާ މާލޭގެ މަގުތަކަށް ފަސޭހަ ބަދަލުތަކެއް ގެނައުމަށް މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށާއި، އެންމެ މުހިންމު ކަމެއްގެ ގޮތުގައި އެއްގަމު އުޅަނދު ޕާކް ކުރުމުގެ މައްސަލައަށް އަވަސް ހައްލެއް ހޯދައިދިނުމުގެ ގޮތުން މާލޭގެ އެކި ސަރަހައްދުތަކުގައި ޕާކް ކުރާނެ ސަރަހައްދުތަކެއް ޤާއިމުކުރެވިފައިވާ ކަމަށެވެ.

ނަހުލާ ވިދާޅުވީ، އެއްގަމު ދަތުރުފަތުރުގެ ޤާނޫނަކީވެސް ތަންފީޒުކުރަންޖެހޭ ޤާނޫނަކަށްވާއިރު، ޤާނޫނާއި ގަވާއިދާ ޚިލާފަށް ޕާކްކުރާ ފަރާތްތަކާ ދޭތެރޭ އަޅަން ކަނޑައަޅާފައިވާ ފިޔަވަޅުތައް ވަކި ގަވާއިދަކުން އާއްމުކުރެވިފައިވާ ކަމަށެވެ.
"އެހެންކަމުން އާއްމު ރައްޔިތުންގެ މަސްލަހަތާ ގުޅޭގޮތުން ކޮންމެހެން އަޅަންޖެހޭ ފިޔަވަޅުތައް ނާޅައި ދޫކޮށްލުމަކީވެސް ދޫކޮށްލެވޭނެ ކަމެއް ކަމަށް ނުފެންނާތީވެ ފުލުހުން ސްޓިކަރ ޖަހަމުން ގެންދަނީ ގަވާއިދާ ޚިލާފަށް ޕާކް ކުރުމުގެ ސަބަބުން ގިނަ ބަޔަކަށް ދަތިވާގޮތަށް ޕާކްކޮށްފައި ހުންނަ އުޅަނދުތަކުގައި." މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.
ނަހުލާ ވިދާޅުވީ، މާލޭގައި ޕާކްކުރާނެ ތަންތަން ޤާއިމުކުރުމުގެ އިތުރުން އެއާޕޯޓް މުވައްޒަފުން ޕާކް ކުރާނެ ސަރަހައްދެއް އެއާޕޯޓުން ދިނުމުން މާލޭ ރިންގްރޯޑްގައި ޕާކްކުރާ އުޅަނދުތައް ބޮޑުތަނުން މަދުވެފައިވާ ކަމަށެވެ. އަދި އެކިއެކި ބޭނުންތަކަށް އެއާޕޯޓަށް ދާ މީހުންނަށް ޕާކްކުރެވޭނެ އިންތިޒާމްވެސް ހަމަޖައްސާފައިވާކަމަށް ނަހުލާ ވިދާޅުވިއެވެ.




ހިޔާލު
ހާދަ ވައި ވާހަކަ ޔޭ ތިޔަ ދައްކަނީ،،، މިހާރު އައިޝާ ވެސ ދެދުނިޔޭން ގެއްލި ނިމިއްޖެ..ފައިސާގެ ދަހިވެތިކަން ހަމަ އިންތިހާ އައް ދާތަން މިފެންނަނީ