ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިހުގެ "ޒީރޯ ޓޮލަރެންސް" ސިޔާސަތު ސާބިތު ކަމާއި އެކުގައި ތަންފީޒު ކުރާނެ ކަމަށް ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ގަސަމް ވިދާޅުވެއްޖެއެވެ.
ރޭ ކުރެއްވި ޓްވީޓެއްގައި ގަސަމް ވިދާޅުވީ، ކިޔާ ފާޑު ކިޔުންތަކަށް މަރުހަބާ ކިޔާ ކަމަށާއި، "ޒީރޯ ޓޮލަރެންސް" ސިޔާސަތު ތަންފީޒު ކުރާނެ ކަމަށެވެ. ނަމަވެސް ގަސަމް މިފަދައިން ޓްވީޓު ކުރެއްވީ ސީދާ ކޮން ކަމަކާއި ގުޅިގެން ކަމެއް އޭނާ ވިދާޅެއް ނުވެއެވެ.
ނަމަވެސް އިއްޔެއިން ފެށިގެން ސޯޝަލް މީޑިއާގައި އަންނަނީ އެފްއެސްއެމްގެ މުވައްޒަފަކު ވަޒީފާއިން ވަކި ކޮށްފައިވާތީ އެކަމުގެ ފާޑު ކިޔުންތައް ސަރުކާރަށާއި އެފްއެސްއެމްއަށް އަމާޒު ކޮށްފައެވެ.
ފުރަތަމަ ރިޔާސީ ބަޔާން އިއްވަވައިދެއްވަމުން ރައީސް ޞޯލިޙް ވިދާޅުވީ، ސަރުކާރުން ކޮރަޕްޝަނަށް ދެއްވާނީ ޒީރޯ ޓޯލެރެންސް ކަމަށެވެ.
“ކޮރަޕްޝަނާއި، ވައްކަމާއި، ފަސާދައަށް މި ސަރުކާރުން އެއްވެސް ޖާގައެއް ނުދޭނަން. މި ސަރުކާރުގައި ކޮރަޕްޝަނަށް އޮންނާނީ ޒީރޯ ޓޮލެރެންސްކަން އިއްޒަތްތެރި މަޖިލީހަށް އަޅުގަނޑު ޔަޤީންކަން އަރުވަން.” ރައީސް ޞޯލިޙް ވިދާޅުވެފައިވެއެވެ.
ސަރުކާރުން ކޮރަޕްޝަނަށް ދެއްވާނީ ޒީރޯ ޓޯލެރެންސް ކަމަށް ރައީސް ވިދާޅުވެފައިވާއިރު، ކޮރަޕްޝަން ހުއްޓުވުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅެކެވެ.



