އައްޑޫ ސިޓީ ހުޅުމީދޫގައި ކުރިއަށްދިޔަ މޯލްޑިވްސް ހެރިޓޭޖް ސަރވޭގެ އަމަލީ މަސައްކަތް ނިންމާލައިފިއެވެ.
މި އަހަރުގެ ޖޫން މަހުގެ 23 ވަނަ ދުވަހު ހުޅުމީދޫގައި ފެށި ސަރވޭގައި، އެރަށުގެ 10 ސަރަޙައްދެއްގައި ހުރި 267 ބިނާއެއް ސަރވޭ ކޮށްފައިވާއިރު ރާއްޖޭގައި މިހާތަނަށް ފެނިފައިވާ އެންމެ ބޮޑު އާސާރީ ސަރަޙައްދު ކަމަށްވާ ކޯގަންނު ގަބުރުސްތާނުވެސް ހިމެނެއެވެ.
"މި ސަރވޭގައި ކޯގަންނު ގަބުރުސްތާނުގައި ހުރި 4 މިސްކިތާއި، 227 ޒިޔާރަތާއި ބިސްތާނު އަދި 1535 މަހާނަ ގައު ކިތާބުކުރެވިފައިވެއެވެ. އެގޮތުން އެ ހުރިހާ ތަނަކާއި ތަކެއްޗެއްގެ މިން ބަލައި، ކިތާބުކުރުމަށް ބޭނުންވާ ކުރެހުންތައް ތައްޔާރުކޮށް، ސްޓޯންރަބިންގ ހަދައި، ފޮޓޯ ނަގައި، އެ ތަންތަނާއި ތަކެތީގެ ތާރީޚާއި ގުޅޭ އިންޓަރވިއުތައް ރިކޯޑްކޮށް، ފީލްޑް ނޯޓް ނަގައި، ޑްރޯން ފުޓޭޖް ޝޫޓްކުރުމުގެ އިތުރުން ބައެއް ބިނާތަކުގެ 3D މޮޑެލްތައް ވަނީ ތައްޔާރުކުރެވިފައި." ހެރިޓޭޖް މިނިސްޓްރީން ވިދާޅުވިއެވެ.
ހެރިޓޭޖް މިނިސްޓްރީން ވިދާޅުވީ، ސަރވޭގައި އައްޑޫ ސިޓީގައި ހުރި ހުރިހާ އާސާރުތަކެއް ކިތާބުކުރުމަށް ނިންމާފައިވާއިރު، މި މަސައްކަތަށް ޖުމްލަ 3 މަހާއި 4 މަހާއި ދެމެދުގެ މުއްދަތެއް ސަރވޭ ޓީމުން އައްޑޫގައި ހޭދަކުރާނެ ކަމަށެވެ.

މޯލްޑިވްސް ހެރިޓޭޖް ސަރވޭ، ނުވަތަ ދިވެހިރާއްޖޭގެ ތަރިކައިގެ ސާވޭއަކީ ރާއްޖޭގެ އިދާރީ 8 އަތޮޅެއްގައި ހުރި މާއްދީ އާސާރީ ތަރިކައާއި ގުޅޭ މަޢުލޫމާތު އެއްކޮށް، ކިތާބުކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުއެކެވެ. މި ސާވޭގެ ތެރެއިން މި 8 އަތޮޅުގައި ހުރި އާސާރީ މިސްކިތްތަކާއި މަހާނަގާތަކާއި ހަވިއްތަ ފަދަ ތަންތަނާއި އަދި އެހެނިހެން ތާރީޚީ ބިނާތަކާއި ތަކެއްޗާއި ބެހޭ މަޢުލޫމާތު ކިތާބުކުރެވޭނެ ކަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ.
މި ސާވޭގައި ހޯދާ މަޢުލޫމާތު ރައްކާކުރުމަށް ހަމަޖެހިފައިވަނީ ފޮޓޯ އާއި ވީޑީއޯގެ އިތުރުން 3D ޓެރެސްޓްރިއަލް ސްކޭނިން އަދި ޖިއޮގްރެފިކަލް އިންފޯމޭޝަން ސިސްޓަމް (ޖީއައިއެސް) އެއް ބޭނުންކޮށްގެންނެވެ. އަދި މި މަޢުލޫމާތު އާންމުންނަށް ބޭނުންކުރެވޭނެ އޮންލައިން ޑޭޓާބޭސްއެއްގައި ދަނީ އާންމު ކުރެވެމުންނެވެ.
އޮކްސްފޯޑް ސެންޓަރ ފޯ އިސްލާމިކް ސްޓަޑީޒްގެ ފަރާތުން، ޑރ. މައިކަލް ފީނަރ އިސްވެހުންނަވައިގެން ކުރިއަށްގެންދަވާ މި ސާވޭއަށް ފަންޑުކުރަނީ އާކޭޑިއާއެވެ. ރާއްޖޭގައި ކުރާ މި ސާވޭގެ އަމަލީ މަސައްކަތް ކުރިއަށް ގެންދަނީ މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ، ޑިޕާޓްމަންޓް އޮފް ހެރިޓޭޖް އާއި ގުޅިގެން، އަރތު އޮބްޒަވޭޓަރީ އޮފް ސިންގަޕޯގެވެސް އެހީތެރިކަމާއިއެކުއެވެ.
ދެ އަހަރުދުވަހަށް ކުރިއަށްގެންދިއުމަށް ރާވާފައިވާ މި ސާވޭގެ މަސައްކަތް ފަށާފައިވަނީ 2018 ވަނަ އަހަރުގެ އޭޕްރިލް މަހުއެވެ. އަދި މިހާތަނަށް މި ސާވޭގެ ދަށުން ލ އަތޮޅާއި، ޏ އަތޮޅު (ފުވައްމުލައް ސިޓީ) ގެ އިތުރުން، ކ އަތޮޅުގެ ގްރޭޓަރ މާލޭގައި ހިމެނޭ ރަށްތައް ފިޔަވައި އެހެން ހުރިހާ ރަށެއްގައި ހުރި މާއްދީ އާސާރީ ތަރިކައާއި ގުޅޭ މަޢުލޫމާތު ވަނީ އެއްކުރެވިފައެވެ.
މީގެ އިތުރުން، ހއ.، ހދ.، ގއ.، އަދި ގދ. އަތޮޅުގައި މި ސާވޭ ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. މި ސާވޭގެ މަސައްކަތް މިހާރު ކުރިއަށްދަނީ ސ. އަތޮޅު (އައްޑޫ ސިޓީ) ގައެވެ.
މި ސާވޭއާއި ގުޅޭ ފޮޓޯ، ވީޑިއޯ، އަދި އެންމެ ފަހުގެ މަޢުލޫމާތުhttps://maldivesheritage.oxcis.ac.uk/ އިން ލިބެން ހުންނާނެ ކަމަށް ހެރިޓޭޖް މިނިސްޓްރީން ވިދާޅުވިއެވެ.




