ކުޑަކުދިން ކުށްކުރާ އަދަދު މަދުވެއްޖެ - ހޯމް މިނިސްޓްރީ

މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހަށްވުރެ މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު ޖުވެނައިލް ޖަސްޓިސް ޔުނިޓަށް ހުށައެޅުނު މައްސަލަތައް މަދުވެއްޖެކަމަށް ހޯމް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު ޤާނޫނާ ޚިލާފްވެގެން ޖުވެނައިލް ޖަސްޓިސް ޔުނިޓަށް ހުށައެޅިފައިވަނީ 155 ކުއްޖެއްގެ މައްސަލައެވެ. މިއީ މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހަށްވުރެ 33 ކުދިންގެ މަދު އަދަދެއްކަމަށް އެ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. މި އަދަދަކީ ފާއިތުވި އަހަރާއި އަޅާ ބަލާއިރު %17.6 ދަށް އަދަދެކެވެ. މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ހުށަހެޅުނު މައްސަލަތައް މަދުވިނަމަވެސް ކުށްކުރާން ދިމާވާ ސަބަބުތައް ގިނަކަން ޖުވެނައިލް ޖަސްޓިސް ޔުނިޓަށް ވަނީ ފާހަގަކުރައްވާފައެވެ.

މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު ކުށް ތަކުރާރުކޮށްގެން ޖުވެނައިލް ޖަސްޓިސް ޔުނިޓަށް ހުށައެޅިފައިވަނީ 79 ކުއްޖެއްގެ މައްސަލައެވެ. މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހުވެސް މިއަދަދު އުޅެނީ ހަމަ 79 ގައެވެ. މިއަހަރުގެ ފުރަތަމަ ހަމަސްދުވަހަށް ބަލާއިރު އެންމެ ގިނައިން ހުށައެޅިފައިވަނީ އުމުރުން 16 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިންގެ މައްސަލަތަކެވެ. އަދި އެންމެ ގިނައިން ހުށައެޅިފައިވަނީ ފިރިހެން ކުދިންގެ މައްސަލަތަކެވެ. އެގޮތުން އެ ޔުނިޓަށް ހުށައެޅުނު މައްސަލަތަކުގެ %95 އަކީ ފިރިހެން ކުދިންގެ މައްސަލަތައްކަން ފާހަގަ ކޮށްލެވެއެވެ.

މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު ހުށައެޅުމު މައްސަލަތަކުގެ ތެރޭގައި ތަފާތު ސަބަބުތަކާހުރެ ސްކޫލުން ވަކިވެފައިވާ 65 ކުއްޖެއްގެ މައްސަލަ ހިމެނެއެވެ. މީގެއިތުރުން ސްކޫލް ނިންމާފައިވާ 39 ކުއްޖެއްގެ މައްސަލައާއި، ސްކޫލްގައި ތައުލީމް ހާޞިލްކުރަމުންދިޔަ 29 ކުއްޖެއްގެ މައްސަލަ ޖުވެނައިލް ޖަސްޓިސް ޔުނިޓަށް ވަނީ ހުށައަޅިފައެވެ. މިއާ ޚިލާފަށް މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ހުށައެޅުނު މައްސަލަތަކުގައި ގިނައީ ސްކޫލްގައި ތައުލީމް ހާޞިލްކުރަމުންދިޔަ ދަރިވަރުންގެ މައްސަލަތަކެވެ.

މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު ހުށައެޅުނު މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައީ މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތަކެވެ. އެފަދަ 55 ކުއްޖެއްގެ މައްސަލަ ހުށައެޅިފައިވާއިރު، ވައްކަމާއި، ފޭރުމާއި، މާރާމާރީގެ މައްސަލަތައްވެސް ވަނީ ހުށައެޅިފައެވެ. ތޫނު ހަތިޔާރު ގެންގުޅުމުގެ މައްސަލަތައް ވަރަށް ބޮޑަށް މަދުވެފައިވާކަން އެ ޔުނިޓުން ފާހަގަކޮށްފައިވާއިރު، މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު ހުށައެޅިފައިވަނީ އެފަދަ 4 މައްސަލައެވެ. މިދިޔަ އަހަރު ތޫނު ހަތިޔާރު ގެންގުޅުމުގެ 13 މައްސަލައެއް ޖުވެނައިލް ޖަސްޓިސް ޔުނިޓަށް ވަނީ ހުށައެޅިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ