ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ނެޝަނަލް ޗެސް އާކޭޑް މިއަދު ހުޅުއްވައިދެއްވައިފިއެވެ.
އެމަނިކުފާނު ނެޝަނަލް ޗެސް އާކޭޑް ހުޅުއްވައިދެއްވީ މިކަމަށްޓަކައި މިއަދު ހަވީރު ހުޅުމާލެ، މިނީ ސްޕޯޓްސް ކޮންމްޕްލެކްސްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ނެޝަނަލް ޗެސް އާކޭޑް ހުޅުއްވައިދެއްވުމުގެ ގޮތުން ފުރަތަމަ ބޯޑުގެ ކުޅުން ފަށްޓަވައިދެއްވިއިރު، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚްލޫފް ވެސް މި ޙަރަކާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
ނެޝަނަލް ޗެސް އާކޭޑަކީ ޗެސް ކުޅުމަށް ޚާއްޞަކޮށްގެން މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން މޯލްޑިވްސް ޗެސް އެސޯސިއޭޝަނަށް ހަމަޖައްސަވައިދެއްވި ހޯލެކެވެ.
އަދި މީގެ ކުރިން ރާއްޖޭގައި ޗެސް ކުޅުމަށް މިފަދަ ޚާއްޞަތަނެއް ނުހުންނަ ކަމަށާއި މި ފަދަ ތަނެއް ހުޅުވިގެން ދިއުމަކީ މުބާރާތްތަކަށް ޗެސްކުޅޭ ކުޅުންތެރިންނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއްކަމުގައި މޯލްޑިވްސް ޗެސް އެސޯސިއޭޝަނުންވަނީ ފާހަގަކުރައްވާފައެވެ.




