މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރުގެ މަޤާމަށް ޢަލީ ހާޝިމް އައްޔަން ކުރެއްވުމާމެދު އާންމުންގެ ޚިޔާލަށް ރައްޔިތުންގެ މަޖިލީހުން ހުޅުވާލައްވައިފިއެވެ.
އެމްއެމްއޭގެ ގަވަރުނަރުގެ މަޤާމަށް ޢަލީ ހާޝިމް އައްޔަން ކުރެއްވުމާމެދު އާންމުންގެ ޚިޔާލު ހޯދަން ހުޅުވާލެއްވީ އޭނާ އެ މަޤާމަށް އައްޔަން ކުރެއްވުމާމެދު ގޮތެއް ނިންމަވާދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވުމާއި ގުޅިގެންނެވެ.
ރައްޔިތުންގެ މަޖިލީހުން މިއަދު ކުރި އިއުލާނުގައި ވިދާޅުވެފައިވަނީ، ޢަލީ ހާޝިމް އެ މަޤާމަށް އައްޔަން ކުރުމާމެދު ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު މިއަދުން ފެށިގެން އަންނަ އާދީއްތަ ދުވަހުގެ 11:00 ގެ ނިޔަލަށް އާންމުންނަށް ހުޅުވާލާފައިވާކަމަށެވެ.
ޢަލީ ޙާޝިމްއަކީ ކުރީގެ ރައީސް، މުޙައްމަދު ނަޝީދުގެ ވެރިކަމުގައި 2008 ވަނަ އަހަރުން ފެށިގެން 2010ވަނަ އަހަރާއި ހަމައަށް ފިނޭންސް މިނިސްޓަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.
ގަވަރުނަރުގެ މަޤާމު ހުސްވެފައިވަނީ އެ މަޤާމުގައި ހުންނެވި އަޙްމަދު ނަސީރުގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވަނިކޮށް، މިދިޔަ ޖުލައިމަހުގެ 24 ވަނަ ދުވަހު އޭނާ މަޤާމުން އިސްތިޢުފާދެއްވުމާއި ގުޅިގެންނެވެ.
ގަވަރުނަރުގެ މަޤާމަށް ޢަލީ ހާސިމް އައްޔަންކުރުމުގެ މައްސަލަ ދިރާސާ ކުރުމަށް މާލިއްޔަތު ކޮމެޓީއަށް ވަނީ ފޮނުވާފައެވެ.




