ކައުންޓަރ ޓެރަރިޒަމްގެ ދާއިރާއިން ގުޅުންތައް ވަރުގަދަ ކުރުމަށް ޗީފް އޮފް ޑިފެންސް ފޯސްއާއި ސްރީލަންކާގެ އަސްކަރިއްޔާގެ އާރމީ ކޮމާންޑަރއާއެކު މަޝްވަރާކުރައްވައިފިއެވެ.
މި މަޝްވަރާތައް ކުރައްވާފައިވަނީ ސްރީލަންކާ އަސްކަރިއްޔާގެ އާރމީ ކޮމާންޑަރ ލެފްޓިނެންޓް ޖެނެރަލް ޝަވެންދްރަ ސިލްވާގެ ޚާއްސަ ދައުވަތަކަށް ޗީފް އޮފް ޑިފެންސް ފޯސް ސްރީލަންކާއަށް ކުރައްވާ ރަސްމީ ދަތުރު ފުޅުގެ ތެރެއިން ސްރީލަންކާ އަސްކަރިއްޔާގެ އާރމީ ކޮމާންޑަރާއެކު ޗީފް އޮފް ޑިފެންސް ފޯސް ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.
ސްރީލަންކާގެ އާރމީގެ މައިމަރުކަޒުގައި މިއަދު ބޭއްވި މި ބައްދަލުވުމުގައި ދެ ޤައުމުގެ އަސްކަރިއްޔާ ދެމެދު އޮތް ޒަމާންވީ ގުޅުމާއި އެ ގުޅުން އިތުރަށް ހަރުދަނާ ކުރުމާ ގުޅޭ ގޮތުން ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ. އަދި ކައުންޓަރ ޓެރަރިޒަމްގެ ދާއިރާއިން ދެ ޤައުމުގެ އަސްކަރިއްޔާގެ މެދުގައި ގުޅުންތައް ވަރުގަދަ ކުރުމާއި މަޢުލޫމާތު ބަދަލުކުރުމުގެ ނިޒާމް މިހާރަށްވުރެ ހަރުދަނާ ކުރުމުގެ އިތުރުން ދިވެހި އަސްކަރިއްޔާއަށް ސްރީލަންކާ އަސްކަރިއްޔާގެ ފަރާތުން ދެމުންގެންދާ ތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތައް ދިވެހި ސިފައިންނަށް އިތުރުކުރުމާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.
ސްރީލަންކާގެ އާމީގެ މައިމަރުކަޒަށް ޗީފް އޮފް ޑިފެންސް ފޯސް ވަޑައިގެންނެވުމުން އެމަނިކުފާނުގެ ޝަރަފުގައި ސްރީލަންކާ އާރމީގެ ފަރާތުން ވަނީ ޝަރަފު ގާޑެއް އަރުވާފައެވެ. އަދި މެހުމާނުން ސޮއިކުރައްވާ ފޮތުގައި އެމަނިކުފާނު ވަނީ ސޮއި ކުރައްވާފައެވެ.
ޗީފް އޮފް ޑިފެންސް ފޯސް ސްރީލަންކާއަށް މިހާރުކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި "ކޮލޮމްބޯ ޑިފެންސް ސެމިނަރ 2019" ގެ ޚާއްޞަ މެހުމާނެއްގެ ގޮތުގައި ދަނީ ބައިވެރިވެވަޑައިގަންނަވަމުންނެވެ. މި ސެމިނަރ ކުރިއަށްދަނީ މިމަހު 29 ން 30 އަށެވެ. މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ޗީފް އޮފް ޑިފެންސް ފޯސް ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ.




