ވ.ފެލިދޫ ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ކުރުމުއްދަތެއްގައި ނިންމަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްފިއެވެ.
މި މަސައްކަތް އެމްޓީސީސީ އާ ހަވާލުކޮށްފައިވަނީ މިއަދު މެންދުރު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ ގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
ފެލިދޫ ބަނދަރު ބޮޑުކުރުމުގެ މަޝްރޫއު 7 މަސް (210 ދުވަސް) ދުވަހުގެ ތެރޭގައި ނިންމުމަށް އެމްޓީސީސީއަށް ހަވާލުކޮށްފައިވަނީ 18.5 މިލިއަން ރުފިޔާ (18،508،697.10ރ) އަށެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ ފަރާތުން ޑިރެކްޓަރ ޖެނެރަލް ފާޓިމަތު ޝާނާ ފާރޫޤް ސޮއިކުރެއްވިއިރު، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ ޙަސަން ޝާހްއެވެ.
މި މަޝްރޫއުގެ ދަށުން 61 މީޓަރުގެ ބޭރު ތޮށްޓާއި، 180 މީޓަރުގެ ރިވެޓްމެންޓާއި، 126 މީޓަރުގެ އެއްގަމު ތޮށްޓާއި، 610 އަކަމީޓަރުގެ ޕޭވްމަންޓުލުމުގެ އިތުރުން 2 ނެރުބައްތި ހަރުކޮށް 8 ބަނދަރު ބައްތި ހަރުކުރުމަށް ހަމަޖެހިފައިވާކަމަށް އެމިނިސްޓްރީން ވިދާޅުވިއެވެ.