މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަންގެ ރައީސް އަލްއުސްތާޛު ޙުސްނުއް ސުޢޫދާ، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ އާއި، ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް އާއި، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ އެންމެ އިސްވެރިން ބައްދަލުކުރައްވައިފިއެވެ.
މިއަދު ޑިފެންސް މިނިސްޓްރީގައި އޮތް މި ބައްދަލުކުރެއްވުމުގައި، މިނިސްޓަރ އޮފް ޑިފެންސާއި ޤައުމީ ދިފާޢީ ބާރުގެ އެންމެ އިސްވެރިންވަނީ، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަނުން ނެރުއްވާފައިވާ އިންޓެރިމް ރިޕޯޓާމެދު މަޝްވަރާކުރައްވާފައެވެ.

އަދި، ހައްދުފަހަނައަޅާދިޔުމާއި ވަޔަލެންޓް އެކްސްޓްރީމިޒަމްގެ ޢަމަލުތައް ދިވެހިރާއްޖޭގައި ހިނގާކަމީ، އެބޭފުޅުން އިންތިހާއަށް ކަންބޮޑުވެވަޑައިގަންނަވާ ކަމެއްކަމުގައި ފާހަގަކުރައްވާފައެވެ.
އަދި މީގެއިތުރުން މިފަދަ ކަންކަމަކީ، ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތާއި ޤައުމުގެ ހަމަޖެހުމާއި ރައްޔިތުންގެ ރައްކާތެރިކަމާ ގުޅިފައިވާ ކަންކަމަށްވާތީ، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރާއި، ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރާއި، ކަމާބެހޭ ދައުލަތުގެ އެހެނިހެން މުއައްސަސާތަކާ ގުޅިގެން، ޞުލްޙަވެރި، އަމާން ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމެހެއްޓުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގެންގުޅުއްވާ "ޕޮލިސީ އޮފް ޒީރޯ ޓޮލެރަންސް އޮން ޓެރަރިޒަމް" ތަންފީޛުކުރުމަށްޓަކައި، މިހާރުން މިހާރަށްވެސް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާކަމުގެ ޔަޤީންކަން، ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަރުވާކަމަށްވެސް އެމްއެންޑީއެފްއިންވަނީ ވިދާޅުވެފައެވެ.




