މިރޭގެ ހޮޅުއަށީގައި ރައީސް ޞޯލިޙް ވާހަކަފުޅު ދައްކަވަނީ - ފޮޓޯ: ރައީސް އޮފީސް

ޓެރަރިޒަމްގެ ޤާނޫނާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ވަރަށް އަވަހަށް ބަދަލުގެންނަނީ

ޓެރަރިޒަމްގެ ޤާނޫނާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ވަރަށް އަވަހަށް ބަދަލުތަކެއް ގެންނަވާނެ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞޯލިޙް ވިދާޅުވެއްޖެއެވެ.

ދާދި ދެންމެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އިބްރާހީމް މުޙައްމަދު ޞޯލިޙް ވިދާޅުވީ، ރިޟްވާން މައްސަލައިގައި ކުރަންޖެހޭ ކޮންމެ ކަމެއް ކޮށް، ކުރިއަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅުއްވާނެ ކަމަށެވެ.

އެ މައްސަލަ ކުރިއަށް ގެންދާއިރުގައި ބައެއް ޤާނޫނުތަކަށް ބަދަލު ގެންނަން ޖެހޭކަން ފާހަގަކުރެވުނު ކަމަށާއި، ޚާއްޞަކޮށް ޓެރަރިޒަމްގެ ޤާނޫނަށް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

"އެނގިވަޑައިގަންނަވާނެ މިހާރު ޓެރަރިޒަމްގެ ޤާނޫނު އޮތްގޮތުން އަސްލު ޓެރަރިސްޓުން ނުވަތަ ޓެރަރިޒަމްގެ އަމަލުތައް ހިންގާ މީހުންނާ ދިމާއަށް ދިއުމަށްވުރެ ބޮޑަށް އަމާޒުވެފައިވަނީ މުޅިން އެހެން ދިމާއަކަށް. އެހެންވީމާ ޓެރަރިޒަމް ރަނގަޅަށް ޑިފައިންކޮށް، އެ އަމަލުތައް ހިންގާ ފަރާތްތަައް ފަސޭހައިން ހައްޔަރުކުރެވި ފަސޭހައިން ތަޙްޤީޤު ކުރެވޭނެ ގޮތަކަށް ޓެރަރިޒަމްގެ ޤާނޫނު ބަދަލުކުރަންޖެހޭ." ރައީސް ޞޯލިޙް ވިދާޅުވިއެވެ.

ރައީސް ޞޯލިޙް ވިދާޅުވީ، ހައްޔަރުކުރެވޭ މީހުން އެންމެ ގިނަވެގެން ބަންދުގައި ބައިތިއްބޭނެ މުއްދަތު ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންކޮށްފައި އެބައޮތް ކަމަށާއި، ނަމަވެސް މިފަދަ ބޮޑެތި މައްސަލަތަކުގައި ތަޙްޤީޤު ނިމި ޝަރިއަތް ނިންމުމަށް ޤާނޫނުގައި ބުނާ މުއްދަތެއްވުރެ ގިނަ ދުވަހުވެސް ބަންދުގައި ބަހައްޓަންޖެހޭ ހާލަތެއް އަތުވެދާނެ ކަމަށެވެ.

މި ދެ ޤާނޫނުން ސަރުކާރުގެ ކަމާގުޅޭ މުއައްސަސާތަކަށް ލިބެންޖެހޭ ފަސޭހަތަކާއެކު، ޤާނޫނު އިސްލާޙް ކުރުމުގެ މަސައްކަތް އިއްޔެ ފަށާފައިވާ ކަމަށާއި، މިއަދު އެ އިސްލާޙްތައް ރައީސް އޮފީހަށް އަންނާނެ ކަމަށް އުއްމީދު ކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ.

"އެއާއެކީގައި އެ ދެ ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ފޮނުވައި، ވީހާވެސް އަވަހަކަށް އެ މަސައްކަތްތައް އަޅުގަނޑުމެން ފަށާނަން." ރައީސް ޞޯލިޙް ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ