ބަށި ބޯޅަ ކުޅުމުގެ ތެރެއިން - ފޮޓޯ: ކުޅުދުއްފުށީ ލައިވް

ބަށިބޯޅައިގެ ޤައުމީ ހައިސިއްޔަތު އުވާލައިފި

އަަންހެން ކަނބަލުންގެ ޙާއްސަ ކުޅިވަރެއް ކަމުގައިވާ ބަށި ބޯޅައިގެ ޤައުމީ ހައިސިއްޔަތު މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސްއިން އުވާލައިފިއެވެ.

ޔޫތު މިނިސްޓްރީން، ބަށިބޯޅަ އެސޯސިއޭޝަނަށް ސެޕްޓެންބަރު 02 ވަނަ ދުވަހު ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ ބަށިބޯޅައަށް ޤައުމީ ހައިސިއްޔަތު ނުދޭން ނިންމީ، ބަށިބޯޅައަކީ ބައިނަލްއަޤްވާމީ އެއްވެސް މުބާރާތެއްގައި ވާދަކުރެވޭނެ ކުޅިވަރެއް ކަމުގައި ނުވުމާއި، ޒަމާނުއްސުރެ ޘަޤާފީ ކުޅިވަރެއްގެ ގޮތުގައި ހަމައެކަނި ބައެއް މުނާސަބަތުތަކާ ގުޅިގެން ކުޅޭ ކުޅިވަރެއް ކަމުގައި ފާހަގަ ކުރެވިފައިވުމާއި، ޕްރޮފެޝަނަލް އެތްލީޓުން ބިނާ ކުރެވޭނެ ކުޅިވަރެއްކަމުގައި ނުވާތީ ކަމަށެވެ.

އެގޮތުން އެ މިނިސްޓްރީއިން އޯގަސްޓު 29 ވަނަ ދުވަހު ބޭއްވުނު ކުޅިވަރާބެހޭ ޤައުމީ މަޖިލީހުގެ ޖަލްސާގައި ބަށިބޯޅަ ފަދަ ޘަޤާފީ ކުޅިވަރުތައް ހިންގާ ޖަމިއްޔާތަކަށް ކުޅިވަރުގެ ޤައުމީ ހައިސިއްޔަތުދެމުންއައި އުޞޫލު ބަދަލުކޮށް ކުރިޔަށް އޮތްތަނުގައި ޘަޤާފީ ކުޅިވަރުތައް ހިންގާ އެސޯސިއޭޝަންތަކަށް ޤައުމީ ހައިސިއްޔަތު ނުދޭން ނިންމާފައެވެ.

މިނިންމުމާއި އެކު ނޭޝަނަލް ބަށިބޯޅަ އެސޯސިއޭޝަނަށް ދެވިފައިވާ ޤައުމީ ހައިސިއްޔަތު ވަނީ ބާޠިލްކުރެވިފައެވެ. އަދި މިނިސްޓްރީން ވަނީ 11 ސެޕްޓެންބަރުގެ ކުރިން ބަށިބޯޅަ އެސޯސިއޭޝަނާއި ހަވާލުކުރެވިފައިވާ އޮފީސްބައި ހުސްކޮށް، ޔޫތް މިނިސްޓްރީއަށް ހަވާލުކުރެއްވުމަށް އަންގާފައެވެ.

ނަމަވެސް އެ އެންގުމާއި އެއްގޮތަށް އެ އެސޯސިއޭޝަނުން އޮފީސްބައި ޔޫތް މިނިސްޓްރީއަށް ހަވާލުކޮށްފައެއް ނުވެއެވެ. އެހެން ކަމުން ޔޫތް މިނިސްޓްރީން ވަނީ އޮފީސްބައި ހުސްކޮށް ހަވާލުކުރެއްވުމަށް ދީފައިވާ ފުރުޞަތު މާދަމާގެ ނިޔަލަށް އިތުރުކޮށްފައެވެ.

ނެޝަނަލް އެސޯސިއޭޝަނެއްގެ ގޮތުގައި ބަށިބޯޅަ އެސޯސިއޭޝަން ރަޖިސްޓްރީ ވެފައިވަނީ ޔޫތް މިނިސްޓްރީން 28 މާރިޗު 2016 ވަނަ ދުވަހު ބޭއްވި ކުޅިވަރުގެ ޤައުމީ މަޖިލީހުގެ އެ އަހަރުގެ ތިންވަނަ ޖަލްސާއިން ފާސްކުރުމާއި ގުޅިގެންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ