ބީއެމްއެލުން ވެހިކަލް ލޯނު ތައާރަފްކޮށްފި

އަމިއްލަ ބޭނުންތަކަށާއި ވިޔަފާރި ކުރުމަށް ގަންނަން ބޭނުންވާ ވެހިކަލް ފަސޭހަކަމާއެކު ކަސްޓަމަރުންނަށް ލިބޭނެ ގޮތް ހަމަޖައްސައި ދިނުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސްއިން "ވެހިކަލް ލޯނު" ތައާރަފްކޮށްފިއެވެ.

ވެހިކަލް ލޯނަކީ ފަސް ލައްކަ ރުފިޔާ އާ ހަމައަށް އެއްވެސް ރަހުނަކާ ނުލައި ދޫކުރާ ލޯނެއް ކަމަށާއި، އަދި ލޯނު އަނބުރާ ދެއްކުމަށް ފަސް އަހަރުގެ މުއްދަތެއް ލިބިގެން ދާނެކަމަށް ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ބީއެމްއެލް ރީޓެއިލް ބޭންކިންގެ ސީނިއާ މެނޭޖަރު ބަދުރުއްދީން ހަސަން ވިދާޅުވިއެވެ.

ރާއްޖޭގައި މިވަގުތު ވެހިކަލް ގަންނަން ދޫކުރާ އިންސްޓޯލްމަންޓް ޕްލޭންތަކުގެ ތެރެއިން އެންމެ ފުރިހަމަ އިންސްޓޯލްމަންޓަށް އެ ޕްލޭނަށް ވާނެކަމަށްވެސް ބަދުރުއްދީން ވިދާޅުވިއެވެ.

"ޑައުންޕޭމަންޓަކަށް 20 އިންސައްތަ. މިއީ އެއްވެސް ރަހުނަކާ ނުލާ ދޫކުރާ ލޯނެއް. އިންސްޓޯލްމަންޓެއްގެ ގޮތުގައި އެންމެ ކުޑަ އަދަދެއް ދައްކާނީ ބީއެމްއެލް ވެހިކަލް ލޯން،" ބަދުރުއްދީން ވިދާޅުވިއެވެ.

"ވެހިކަލް ލޯނު" އަށް އެއްވެސް ގެރެންޓާއެއް ބޭނުންނުވާ ކަމަށާއި، މީގެ ކުރިންވެސް ވެހިކަލް ގަންނަން ލޯނު ދޫކުރި ނަމަވެސް މިއަދު ތައާރަފްކުރެވިގެންދިޔަ ލޯނު އިން އެއްވެސް ރަހުނަކާ ނުލައި ވެހިކަލް ގަނެވޭނެ ކަމަށްވެސް ބަދުރުއްދީން ވިދާޅުވިއެވެ.

ބަދުރުއްދީން ވިދާޅުވީ، ބީއެމްއެލް އާއެކު އެއްބަސްވުން ހަދާފައިވާ ވެހިކަލް ޑީލާސްގެ ލިސްޓް ބީއެމްއެލް ވެބްސައިޓްގައި ޝާއިއުކޮށްފައިވާނެކަމަށާއި، ވެހިކަލް ގަންނަން ނަގާ ކޯޓޭޝަނަކީ ބީއެމްއެލް އާއެކު އެގްރީމަންޓް ކުރެވިފައިވާ ޑީލާއެއްގެ ކޯޓޭޝަނަކަށް ވާންޖެހޭ ކަމަށާއި އަދި އެ ލޯނުގެ ދަށުން ގަނެވޭ ވެހިކަލް ވާންޖެހޭނީ ރާއްޖެއަށް އިމްޕޯޓް ކުރެވިފައިވާ ވެހިކަލް ކަމަށެވެ.

ބީއެމްއެލް ވެހިކަލް ލޯނަށް އެދޭ އެޕްލިކޭޝަން ފޯމް ފުރިހަމަ ކުރުމަށްފަހު ބޭނުންވާ ލިޔެކިއުންތަކާއެކު ބީއެމްއެލްގެ ކޮންމެ ބްރާންޗްއަކަށްވެސް ހުށަހެޅިދާނެއެވެ. އަދި އިންޓަނެޓް ބޭންކިންއަށް ލޮގިން ކުރުމަށް ފަހު އޮންލައިން ކޮށްވެސް ހުށަހެޅިދާނެއެވެ. މި ލޯނުގެ އިންޓްރެސްޓް ރޭޓަކީ 18 ޕަސެންޓެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ