އައްޑޫ ސިޓީ ހިތަދޫ ސިޓީ ސްކެއާ ތަރައްޤީކުރުމުގެ މަސައްކަތް ދަނީ ބާރަށް ކުރިޔަށް ކަމުގައި އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީ ކައުންސިލުން މިއަދު ކުރެއްވި ޓްވީޓެއްގައި ބުނެފައިވަނީ ސިޓީ ސްކެއަރ ވީރާނާ ކުރެވިފައި ވަނިކޮށް މި ސަރުކާރުން އެތަން އަލުން ތަރައްޤީކޮށް އާންމުންނަށް ހިތްފަސޭހަ ކަމާއެކު، ވަގުތު ހޭދަކޮށްލެވޭނެފަދަ މައިދާނަކަށް ހެދުމުގެ މަސައްކަތް ދަނީ ބާރަށް ކުރިޔަށް ކަމަށެވެ.
ސިޓީ ސްކެއާގެ މަސައްކަތަކީ މި ސަރުކާރުން އައްޑޫއަށް ކޮށްދެއްވުމަށް ނިންމާފައިވާ ބޮޑެތި މަސައްކަތްތަކުގެ ތެރޭގައި ހިމެނޭކަމެކެވެ. އައްޑޫ ސިޓީ ސްކެއާ ތަރައްގީ ކުރުމަށް ހަމަޖެހިފައިވަނީ ވަރަށް ބޮޑަށް ފެހިކޮށެވެ. މިތަނުގައި ފެންއަރުވާވަޑާމާއި ފުޑްކޯޓުތައް ހިމެނޭނެއެވެ. އަދި ސިޓީ ސްކެއާގެ މެދުގައި ބޮޑު ދިދައެއް ހުންނާނެއެވެ.
މިތަނަކީ އައްޑޫ ސިޓީ ކައުންސިލްގެ ބަޖެޓުން ހަތަރު މިލިއަން ރުފިޔާ ޚަރަދު ކޮށްގެން ހަދާތަނެކެވެ. މި މަސައްކަތާއި ގުޅިގެން މީގެ ކުރިން އައްޑޫގެ މޭޔަރު ސޯބެ ބުނެފައިވަނީ އައްޑޫއަށް ޕާކުވެސް މުޙިންމުކަމަށާއި ނަމަވެސް މިވަގުތަށް އައްޑޫއަށް އެންމެ މުޙިންމީ ޕާކް ނޫންކަމުގައެވެ. ސޯބެ ފާހަގަ ކުރެއްވި ގޮތުގައި އައްޑޫއަށް އެންމެ މުޙިންމު އެއްކަމަކީ ކަރަންޓްގެ މައްސަލަ އައް ޙައްލެއް ލިބުމެވެ.
މިތަން ތަރައްޤީ ކުރުމަށްޓަކައި މިއަހަރު ކުރީކޮޅު މި ސަރަހައްދުގައި ހުރި ގިނަ އަދަދެއްގެ ރުއްތަކެއް ކެނޑި މައްސަލައެއް ވަނީ ހޫނުވެފައެވެ. ނަމަވެސް އައްޑޫ ސިޓީ ކައުންސިލުން ބުނެފައިވަނީ ރުއްތައް ނަގާފައިވަނީ ހުއްދަލިބިގެން ކަމަށާއި ކެނޑި ރުއްތަކުގެ ބަދަލުގައި އަލުން ރުއް އިންދާނެކަމަށެވެ.



