(ހޮނިހިރު ދުވަހުގެ އަދަދާއި ގުޅޭ)
ދޮން މަންމައެއް އައުމަށްފަހު ކަންތައްތައް ބަދަލުވެގެން ދާނެ ކަމަށް އަފްޒަލްއަށް ގަބޫލު ކުރެވުނެވެ. ނަމަވެސް ނިޔާޒުގެ ހަގު އަނބި ވަލީދާވީ ޒީނިޔާއެކޭ އެއްފަދައިން އަފްޒަލްދެކެ ލޯބިވާ މަޔަކަށެވެ. ނަތީޖާއަކަށްވީ އެއްވެސް މައްސަލައެއް ނުޖެހި އުފާވެރި އާއިލާއެއް ބިނާވެގެން ދިޔުމެވެ. އަނެއްކާ ދޮންމަންމަގެ ފަރާތުން އަފްޒަލްއަށް ކޮއްކޮއެއްވެސް ލިބުނީއެވެ. މާޒިންއެވެ. ފެށުނީއްސުރެވެސް އަފްޒަލް މާޒިންދެކެ އިންތިހާއަށް ލޯބިވެއެވެ.
އުޑުމަތީގައި ވަނީ ވިއްސާރަވިލާ ތަކުގެ ބޯ ސާލެއް ލެވިފައެވެ. ޖެހެމުން ދާ ގަދަ ވައިރޯޅިތަކުން ބައެއް މީހުންނަށް އުނދަގޫ ވަމުން ދިޔަ ނަމަވެސް އެ ވައިރޯޅިތަކުން ޖިއާންގެ ހިތަށް ހަމަޖެހުން ގެނެސްދެއެވެ. ޖިއާންގެ ހިތާމައިގައި މުޅި ދުނިޔެ ބައިވެރިވަމުންދާ ކަމުގެ އިހްސާސް ޖިއާންއަށް ކުރެވޭ ކަހަލައެވެ.
"ޖީ އަބަދު ތިހެން އެކަނި އިންނާކަށް ނުވާނެ. ހިނގާ ދާން އެއްޗެއް ކައިގެން ރެޑީވެލަން." ލީނާ ވާހަކަ ދެއްކީ ބެލްކަންޏަށް ނުކުމެ ޖިއާންގާތުގައި ހުއްޓެމުންނެވެ.
"ލީން، އަހަރެންވެސް ބޭނުމެއް ނޫނޭ އެކަނި މިހެން ހުންނާކަށް. އެކަމަކު އަހަރެންގެ ވިސްނުމުގައި އެ ހާދިސާ ނޫން އެހެން އެއްވެސް ކަމެއް ނެތް ކަހަލަ. އަހަރެންނަށް އެހެން އެއްވެސް ކަމަކާއި ވިސްނެނީއެއް ނޫން" ޖިއާން އިސްޖަހާލަމުން ހަގީގަތް ހާމަކުރިއެވެ.
"އަހަރެންނަށް އެނގޭ ވެގެން ދިޔައީ ވަރަށް ބޮޑު ކަމެއްކަން. އެކަމަކު... އެކަމަކު އަހަރެން ދަންނަ ޖީއަކީ އެހާ ފިނޑި މީހެއް ނޫން. ޖީ އަބަދުވެސް ބުނަމެއްނު. ކަމެއް ދިމާވާއިރަށް ޖެހޭނީ ކެރިގެން ކުރިމަތިލާށޭ. ޖީ އެންނު ބުނަނީވެސް އަހަރުމެން ބޭނުން ނުވާ ކިތަންމެ ކަމެއް ދިމާވާނެއޭ. އެކަމަކު އެކަމެއް ދިމާވީމަ ކުރިމަތިލާނެ ގޮތެއް ނިންމާނީ އެމީހެކޭ. މިއަދު ޖީ ޖެހޭނީ ކެރިގެން ކުރިމަތި ލާން." ލީނާ ބޭނުންވީ ޖިއާންއަށް ހިތްވަރު ދޭށެވެ.
"ތި ހުރިހާ ކަމެއް އަހަންނަށްވެސް އެނގެއޭ ލީން. އެކަމަކު އަހަރެންގެ ހިތަށް އަރާ ފައިބާ ހުރިހާ އެއްޗެއް އަހަރެން ކިތަންމެ ލީންއަށް ކިޔާދޭން ބޭނުމަސް ކިޔައެއް ނުދެވެއޭ. އެ ވާހަކަތައް ދައްކަން އަނގަ ހުޅުވާލާއިރަށް އަޑެއް ނުއެއް ނިކުމޭ. އިތުރަށް ހިތުގައި ވޭން އެޅުން ނޫން ކަމެއް ނުއެއްވޭ. ބޮލުގައި ރިއްސަން ފަށާ. ހީވަނީ ބޯވެސް ފަޅައިގެން ގޮސްދާނެ ހެން." ޖިއާންގެ ލޮލުން ކަރުނައިގެ ކޯރު ފުރިގެން ބަންޑުންވާން ފެށިއެވެ.
"ޖީ އަހަރެން ބުނާ ގޮތެއް ހަދާބަ. އެއްވެސް ވާހަކައެއް ދުލުން ބަޔާން ކުރަން ދަތިވީމަ ދެން ނަގަންވީ ގަލަމަކާ ގަނޑަކާ. އެއަށްފަހުގައި އެއަށް، ހިތުގައި ވާ ހުރިހާ އުދާހެއް ބޭރުކޮށްލާނީ" ލީނާ މޮޅު ހިޔާލެއް ދިނެވެ. އަދި ޖިއާންގެ އަތުގައި ހިފައިގެން ވަދެ ގަނޑުތަކަކާއި ގަލަމެއް ދިނެވެ.
"ޖީއަށް އެއްވެސް މީހަކު މި ގަޑީގައި އުނދަގުލެއް ނުކުރާނެ. ރޯން ބޭނުން ވަރަކަށް ރޮއިފަ ހިތުގައި އަޅާ ހުރިހާ ވޭނެއް ބޭރުކޮށްލާ. އެކަމަކު އެއަށްފަހުގައި އޮޅިގެންވެސް މިކަމާއި ދޭތެރޭގައި ވިސްނާފައި ނުރޯތި." ލީނާ ހިނިތުންވެލަމުން ރަހުމަތްތެރިޔާ ގައިގާ ބައްދާލިއެވެ.
"ތެންކް ޔޫ. ލޯބިވޭ އިނގޭ ވަރަށް" ލޮލުން އަންނަމުން ދިޔަ ކަރުނަތަށް ފުހެލާ ހިނިގަނޑެއް ޖަހާލަމުން ޖިއާން ބުނެލިއެވެ.
ކޮޓަރިން ނުކުމެ ދޮރު ލައްޕާލަމުން ލީނާ ޖިއާންއަށް ވަގުތުކޮޅެއް ދިނެވެ. އަދި ދެލޮލުން ފައިބަމުން ދިޔަ ކަރުނަތަށް ފުހެލަމުން ހިނިތުންވެލިއެވެ. ޖިއާން އަނބުރާ ހިނިތުންވާނެ ކަމުގެ ޔަގީންކަން ލީނާއަށް އޮތީމައެވެ.
މޫނު މައްޗަށް އެޅިފައި އޮތް ދިގު އިސްތަށިގަނޑު ނަގާ ޖިއާން އައްސާލިއެވެ. ގަލަން އަތަށް ލާ އަނެއް އަތުން ދެލޯ ފުހެލިއެވެ.
"ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އިންސާނާގެ ދިރިއުޅުން އެކުގައި ބަދަލުވެގެން ގޮސްދާނެ ކަމަކަށް އަހަންނަށް ވިސްނިފައެއް ނުވެއެވެ. ކުރިން ވިސްނަން އެވަރަށް ފުރުސަތެއްވެސް ލިބިފައެއް ނެތެވެ. އުމުރުން ފަންސަވީސް ވީއިރުގައި އަހަރެންގެ ދިރިއުޅުން މިހާ ބޮޑަށް ބަދަލުވެގެން ގޮސްދާނެ ކަމަށް ހީވާންވީ ކީއްވެގެން ހެއްޔެވެ."
ބަހަކަށް ފަހު ބަހެއް އެ ގަލުމުގެ ތުނޑުން ލިޔެވި އެ ގަނޑުގައި ފެވެމުން ދިޔައެވެ.
ލޮލުން ކަރުނަތަށް ފޮހުނު ނަމަވެސް އެ ކަރުނަތަށް އަލުން ފައިބައިގަންނަން މާ ގިނަ ވަގުތެއް ނުނަގައެވެ. ނަމަވެސް ޖިއާން ލިޔަމުން ގެންދިޔައެވެ. ބައެއް ފަހަރު ގަލަން އަތުން ދޫކޮށްލާ މޭޒުގައި ބޯއަޅާލައެވެ. ބައެއް ފަހަރު އެ ލޮލުން ފައިބަމުން ދިޔަ ކަރުނަތަށް އެ ކަރުދާސް ގަނޑުމައްޗަށް ވެއްޓެއެވެ.
***
ޗެކިން ފެށުނު ގަޑިއަށް މާޒިން އަފްޒަލް ގޮވައިގެން އެއަރ ޕޯޓަށް ވަނީ ކޮންމެހެން އަވަސް އަރުވާލާފައި ފުރާކަށް ނޫނެވެ. ނުވަތަ މަތިންދާބޯޓު ދުއްވަން އަފްޒަލް ފޮނުވާކަށްވެސް ނޫނެވެ. ކެއުމައްޓަކައެވެ. ޗެކިން ފެށުނު އިރަށް ޗެކިން ވެލުމަށްފަހުގައި މާޒިން އަފްޒަލް ގޮވައިގެން ގޮސް އެރީ ކާށެވެ.
"އަޅެ ކެއެން ނޫން ކަމެއް މާޒިން ކުރަންތަ؟" އަފްޒަލް ހިނިގަނޑެއް ޖަހާލަމުން ބުނެލިއެވެ.
"ބްރޯ ކުރިންވެސް ބުނީމެއްނު ގެއަށް ދެވުނީމަ ދެން ބޭރުންނެއް ނުކެވޭނެއޭ. އަހަރެންނަށް މާ ކަމުދޭ މިހެން ބޭރުން ކާން ލިބުނީމަ." މާޒިން ބުނެލިއެވެ.
"އެހެންތަ؟ އެހެންވިއްޔާ ކެވުނު ވަރަކަށް ކައިބަލަ މިތަނުން" ވަށައިގެން އަފްޒަލް ބަލާލިއެވެ.
"ބްރޯއަށް އެނގޭތަ؟ މިތާ ތިބޭއިރުގައި ފެންނާނެ ވަރަށް ރީތި ބިޓުން. ފުރަން ނިކަން ނަލަ ހެދިލައިގެން އަންނަ ކުދިން. ކެބިން ކްރޫއިންވެސް. އަދި ނުވިތާކަށް ބޭރު ބިޓުންވެސް. ތަފާތު ވެރައިޓީސް" މާޒިން ޖެހިގެން އިން މޭޒުގައި އިން އަންހެން ކުއްޖަކަށް ނިއް އަރުވާލަމުން ބުންޏެވެ.
"އެހެންތަ. މާޒިން އަވަހަށް އެތަނުން ކުއްޖަކު ހޯދައިގެން އަވަހަށް ކައިވެންޏެއް ކުރަން އުޅޭ. މުޅި އަހުލާގު ގޯސްވަނީ ތިހިރަގެން." އަފްޒަލް ހީލަމުން ދިމާކޮށްލިއެވެ.
"އަހަރެން ބޭނުމީ ސީފުޑް ނޫޑްލްސްއެއް، އެވެސް ލާރޖްއެއް. ދެން ބޯން ގެނެސްދީ ކޯކެއް. ބްރޯ ބޭނުމީ ކޮން އެއްޗެއް" މާޒިން އަހާލިއެވެ.
"ގެނެސްދީ ފްރެޝް އޮރެންޖް ޖޫހަކާ ސޭންޑްވިޗެއް" އަފްޒަލް ބުންޏެވެ.
"ބްރޯ ތީ ކޮންކަހަލަ ކެއުމެއް؟" މާޒިން ޝަކުވާ ކުރިއެވެ.
"މިއަދު މުޅިންވެސް މިކަނީއެއް ނޫންތަ؟ ބަނޑުގައި ޖާގައެއްވެސް ނެތް ކަންނޭނގެ" އަފްޒަލް ސީރިއަސް ވެލަމުން ބުނެލިއެވެ.
***
ޗެކިންވެ ނިމުމަށް ފަހުގައި ލީނާމެން ނުކުމެލީ ބޭރަށެވެ. އޭސީގައި ބަންދުވެފައި އިނުމައްވުރެ ބޭރަށް ނުކުމެލާ ފިނިވައި ޖެހުމުން ޖިއާންއަށް ހިތްހަމަ ޖެހުން ލިބިދާނެ ކަމަށް ބަލާފައެވެ. ފަޒީލް އިށީނދެލީ ބޭރުގައި ހުރިތަނުން ގޮނޑިއެއްގައެވެ. ދެ އެކުވެރިންނަށް ވާހަކަ ދައްކާ ހަދާލުމައް ވަގުތުކޮޅެއް ދެމުންނެވެ.
"ޖީއަށް އެނގޭތަ ޖީ ގެ ހިތުގެ އުދާހަށް އަހަރެން ހެދީ ކިހިނެއްކަން؟" ލީނާ އަހާލިއެވެ.
"ނޫން ނޭނގޭ. ވީދާ ކުދިކުދި ކޮށްލީދޯ" ޖިއާން ހިނިތުންވާން މަސައްކަތް ކޮށްލިއެވެ.
"ނޫން. ދެން އެހެނެއް ނަހަދާނެ އެއްނު. އަހަރެން ކުރި ކަމަކީ ގޭގައި ހުރި ފުޅިތަކުން ފުޅިއަކަށް އޭތި ލީ. ލާފައި ދެންމެ ފެރީގައި އައި އިރު އެ ފުޅި މޫދަށް ވައްޓާލީ. ފަޅަށް ވަދެވެން އުޅެނިކޮށް ހަނދާންވީ އެ ފުޅި މަތިން. އެހެންވެ ތަންކޮޅެއް ލަހުން ވައްޓާލެވުނީ" ލީނާ ޖިއާންއަށް ބަލާލިއެވެ.
"ލީން ކީއްކުރީއޭ؟ ނޫން ލީން. ދެން އޭތި މީހަކަށް ފެނިއްޖިއްޔާ ކިހިނެއްވާނެ؟ ކީކޭ ހިތަށް އަރާނީ؟ ލީން ކީއްވެ އެހެން ހެދީ" ޖިއާން ހާސްވާ ގޮތްވިއެވެ.
"ޖީ ހާސްނުވެބަލަ. އޭގައި ނީންނާނެ ޖީއަށް ގުޅޭނެ ނަންބަރެއް އެއްޗެއް. ކާކު ކަމެއްވެސް މީހަކަށް ނޭނގޭނެއެއްނު؟ އަނެއްކާ މީހަކު އޭތި ނަގައިގެން ކިޔާފާނެ ކަމުގެ ކޮން ޔަގީންކަމެއް އޮތީ؟ އަދި ކިޔަސް އަހަރުމެންނަށް ކީއް؟ އެ ކަނޑުގެ ރާޅުތަކުގެ ތެރެއަށް އެ ފުޅި ގެއްލިގެން ދިޔަ ފަދައިން ޖީގެ ހަޔާތުންވެސް އެ ސޮފްހާތަށް ފުހެލަންވީ. އެއީ އެއްނު އަހަރުމެންގެ ބެނުމަކީ؟" ލީނާ ޖިއާންގެ އަތުގައި ހިފަހައްޓާލިއެވެ.
ތެދެކެވެ. ޖިއާންވެސް ބޭނުންވަނީ އެ ހިތާމަވެރި ހާދިސާ މަތިން ހަނދާން ނައްތާލުމަށެވެ. އެ ވާހަކަތަށް އެ ކަނޑުގެ ރާޅުތަކަށް ހަދިޔާ ކުރާށެވެ. އަނބުރާ ބޭނުން ނުވާ ހާލުގައެވެ.
***
ލީނާ ހުޅުލޭ ފަޅުން ބޭރަށް ވައްޓާލި ފުޅި މަޑުމަޑުން ރާޅުތަކުގެ އެހީގައި ހުޅުލޭ ފަޅުތެރެއަށް ވަދެ ޖެޓީއާއި ގާތްވެއްޖެއެވެ. އެ ފުޅީގެ ހައްގުވެރިއެއް ވާނެ ކަމުގެ އުއްމީދުގައި އެފުޅި އިންތިޒާރު ކުރަމުންދާ ފަދައިންނެވެ. ނަގާ ކޮންމެ ރާޅަކާއި އެކުގައި ފާލަން ކައިރިން ދުރަށް ޖެހިލާ އަނބުރާ ފާލަން ކައިރިއަށް ޖެހިލައެވެ.
ކައިގެން ނުކުތް މާޒިންއާއި އަފްޒަލް ޖެޓީ ކައިރިއަށް ޖެހިލީ އެތާ އޮތް ލޯންޗެއްގައި މާޒިންގެ އެކުވެރިއެއް ހުއްޓާ ފެނުމުންނެވެ. ދެމީހުންގެ ވާހަކައިގައި ބާކީވެފައި ހުރި އަފްޒަލްގެ ލޮލުގައި އަޅައިގަތީ އެއްކަލަ ފުޅިއެވެ. އިންސާނެއްގެ ހިތުގެ އުދާސްތަށް ބަންދުކުރެވިފައިވީ ފުޅިއެވެ. އެ ފުޅީގައި ކަރުދާސްގަނޑެއް އޮތްތަން ފެނުނު ނަމަވެސް އެއަކަށް މާބޮޑު ޝައުގުވެރިކަމެއް ނުއެއް އުފެދުނެވެ. ނަމަވެސް މާޒިންއާއި އެކުގައި އަނބުރާ ޑިޕާޗަރއަށް ވަންނަން ހިނގައި ގަނެފައި އަފްޒަލް ހުއްޓުން އެރިއެވެ.
ހަނދާންވީ އެ ފުޅިމަތިންނެވެ. ދެންވެސް މާ ބޮޑުކަމަކަށް ނުހަދާ ހިނގައިގަތީއެވެ. ނަމަވެސް ކުރިއަށް ދެވޭ ގޮތެއް ނުވިއެވެ. ވަރަށް އަވަހަށް އެބަ އަންނަމޭ ބުނެފައި އަފްޒަލް ދުއްވައިގަތީ ޖެޓީއަށެވެ. ގަޔަށް ހެޔޮވަރަށް ހުރި ހުދުގަމީހަކާއި ފަޔަށް ހިމަކޮށް ހުރި ޖިންސެއް ލާފައި ހުރި އަފްޒަލް ދުވަމުން ދިޔަ އިރު ގިނަ އަންހެން ކުދިންތަކެއްގެ ނަޒަރު ހުއްޓެމުން ދިޔައީ އަފްޒަލްއަށެވެ. އެކަން އަފްޒަލްއަށް އެނގުނު ނަމަވެސް މާ ބޮޑު ފަރުވާލެއް ނެތި ދެވުނީ އެ ފުޅި ހޯދާށެވެ.
ހިތަށް ނުތަނަވަސްކަމެއް ލިބުނީ އެ ފުޅި ފެންނަން ނެތުމުންނެވެ. އެ ފުޅި ފެނޭތޯ ކުރެވުނު މަސައްކަތް ނާކާމިޔާބު ވުމުން ދާން ހިނގައިގަތީއެވެ.
"އޭ ކޯއްޗެއް ތިހޯދީ ތިހާ ވަރަށް" ލޯންޗުގައި ހުރި މާޒިންގެ އެކުވެރިޔާ ތަންކޮޅެއް ބާރަށް އަހާލިއެވެ.
"މިތާ މީގެ ކުޑަ ވަގުތު ކޮޅެއްކުރިން އަހަރެން ދެކުނިން ފުޅިއެއް އޮއްވާ. ބިއްލޫރި ފުޅިއެއް. އޭތި ފެނޭތޯ މިބަލާލީ" އަފްޒަލް ލޯންޗާއި ގާތްވެލުމުން ބުންޏެވެ.
"މި ލޯންޗު ކައިރީގައި އޮތް ފުޅިތަ؟ އަހަރެން އޭތި ނަގާފައި އެހެރަ ޑަސްބިނަށް ލައިފިން. މިތަނަކީ ފަތުރުވެރިން އަންނަތަނެއް. ފަޅުތެރޭގައި އެކަހަލަ އެއްޗެހި ހުންނާތީ ވަރަށް ހަޑިދޯ" މާޒިންގެ ރަހުމަތްތެރިއާށް ޝުކުރު އަދާ ކުރުމައްފަހުގައި އަފްޒަލް ދުވެފައި ގޮސް ހުއްޓުނީ ޑަސްބިން ކައިރީގައެވެ. އަފްޒަލްއަށް ވަށައިގެން ބަލާލެވުނެވެ. ހުރިހާ އަންހެން ކުދިންތަށް އޭރުވެސް ބަލަމުން ދިޔައީ އަފްޒަލްއަށެވެ. ކަޅިޖަހާލުމެއް ނެތިއެވެ.
"ބެލިއަސް އަހަންނަށް ކީއް. ހެޔޮ ނުވާނެ. ފުޅީގައި އޮތީ ހުސް ގަނޑަކަށް ނުވައްޗޭ ކުނިއެއްޗަކަށް އަތް ކޮއްޕާފައި ނަގާއިރުގައި" އަފްޒަލް ޑަސްބިން މަތި ނަގާ އަތްކޮއްޕާ އެފުޅި ނެގިއެވެ. މަޑުމަޑުން އޭގައި ޖަހާފައި އިން އުނގުރި އަނބުރާލަމުން ނައްޓާލިއެވެ. އުނދަގޫ ކަމަކަށްވީ ފުޅިން އެ ކަރުދާސް ގަނޑު ނެގުމެވެ. ގޮތްދޫނުކޮށް މަސައްކަތް ކުރުމުގެ ނަތީޖާއަކަށްވީ ކަރުދާސް ގަނޑު ފުޅިން ވެއްޓުމެވެ. އަގުހުރި އިނާމެއް ލިބުމުން ކުޑަ ކުއްޖަކު އުފާވާ ފަދައިން އަފްޒަލްގެ މޫނުމައްޗަށް ވެރިވީ ބޮޑު ހިނިތުންވުމެކެވެ.
"ބްރޯ! އަވަސްކޮއްބަލަ ފްލައިޓަށް އަރުވަން ފަށައިފިއޭ." މާޒިން މާ ދުރުން ހަޅޭއް ލަވަމުން އައެވެ.
ކަރުދާސްގަނޑު ފަތްޖަހާލާ ޖިންސުގެ ޖީބަށް ލާން ހިތަށް އެރި ނަމަވެސް އެ ފަތްޖަހާކަށް ނުކެރުނެވެ. އެ ކަރުދާސް ގަނޑު ނިއުޅުވާލާ ކިޔަންފެށިއެވެ.
"ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އިންސާނާގެ ދިރިއުޅުން އެކުގައި ބަދަލުވެގެން ގޮސްދާން ކަމަކަށް އަހަންނަށް ވިސްނިފައެއް ނުވެއެވެ. ކުރިން ވިސްނަން އެވަރަށް ފުރުސަތެއްވެސް ލިބިފައެއް ނެތެވެ. އުމުރުން ފަންސަވީސް ވީއިރުގައި އަހަރެންގެ ދިރިއުޅުން މިހާ ބޮޑަށް ބަދަލުވެގެން ގޮސްދާނެ ކަމަށް ހީވާންވީ ކީއްވެގެން ހެއްޔެވެ. ކިޔަވާ މަތީ ވަނަތަށް ހޯދާ ރިސޯޓުގައި އެކައުންޓެންޓަކަށް އަހަރެން ވަޒީފާއަށް ދިޔައީ ކޮންމެހެން މާލެއިން ވަޒީފާ ނުލިބިގެނެއް ނޫނެވެ. ރިސޯޓުގައި އުޅުމުން ހިތަށް ހަމަޖެހުން ލިބެމުންދާތީއެވެ. އަހަރުމެންގެ މުޖްތަމައުގައި އަންހެން ކުދިން ރިސޯޓުގައި ވަޒީފާ އަދާކުރުމާއި އެހާއި ދެކޮޅުވަނީ ކީއްވެގެން ހެއްޔެވެ؟ ކޮންމެ ތަނެއްގައި އުޅުނަސް އަމިއްލަ އަބުރާއި އިއްޒަތް ރައްކާތެރި ކުރާނީ ބައެއް ކުދިންނެވެ. އެއީ ކޮންމެހެން ވަޒީފާއަކުން ވާކަމެއް ނޫނެވެ. " މާޒިން އަފްޒަލްގެ އަތުގައި ހިފައިގެން ހުރި ނަމަވެސް އަފްޒަލްއަށް މަދު ފަހަރެއްގައި ކުރިއަށް ބަލާލެވެއެވެ. މިވަގުތު އަފްޒަލް ބޭނުންވީ ވީހާވެސް އަވަހަކަށް ފްލައިޓަށް އަރާ އެ ލިޔުން ކިޔާށެވެ. އެހެން ކަމުން އަފްޒަލްއަށް ހިނގުނީވެސް ތަންކޮޅެއް ބާރަށެވެ.
"މިއަދު އަހަންނަށް ވަގުތުގެ ސިކުންތު ކަށި ހުއްޓިފައިވާ ކަހަލައެވެ. އަހަރެންގެ އެއްވެސް ކުށެއްނެތި އަހަރެންގެ މުޅި ދިރިއުޅުން ބަރުބާދު ކޮށްލައިފިއެވެ. ދުވަހަކުވެސް ނުފިލާނެވަރުގެ ލައްގަނޑެއް އަހަރެންގެ ހަޔާތުގައި މިވަނީ ޖެހިފައެވެ. ރިސޯޓުން އަހަރެން އެރޭ މާލެއައީ އުފަންދުވަސް އާއިލާއާއި އެކުގައި ހޭދަކުރުމަށެވެ. ވިއްސާރައިން ހިޔާވުމައްޓަކައި ގެއަށް އައި މަގުމަތީގައި މަޑުކޮށްލީ ގެއެއްގެ އަސްކަނި ދަށުގައެވެ. ދޮރު ހުޅުވާލުމައްފަހު އަހަރެންގެ އަތުގައި ހިފާ އެތެރެއަށް ދަމައިގަތީ އަހަރެން ވިސްނާވެސް ނުލާ ހުއްޓައެވެ. އެ ދޮރު ލެއްޕުނީއެވެ. " އަފްޒަލް އެ ލިޔުން ކިޔަމުން ގޮސް ފްލައިޓަށް އަރަން ނުކުތެވެ. އަފްޒަލް ގެންގުޅެނީ ކޮން ގަނޑެއްކަން ނޭނގިގެން މާޒިން ހުރީ އެއީ ކޯއްޗެއްކަން ބަލަން ބޭނުން ވެފައެވެ.
"ބްރޯ ތިއީ ކޮން ގަނޑެއްތަ؟ ދައްކަބަލަ އަހަރެންވެސް ބަލާލަން. އަހަންނަށް ވުރެ ތި ގަނޑު މުހިއްމު ހެން އަހަންނަށް ހީވޭ." މާޒިންއަށް މަޑުން ހުރެވޭ ގޮތެއް ނުވިއެވެ.
"މަޑުން ހުރެބަލަ އިހަށް." އަފްޒަލް އަތުގެ އިޝާރާތަކާއި އެކުގައި ބުނެލިއެވެ. ނަމަވެސް މާޒިން ގޮތް ދޫކުރަން ބޭނުމެއް ނުވިއެވެ. އެ ގަނޑު ޖަހައިގަތުމަށް މަސައްކަތް ފެށިއެވެ.
"މާޒިން މަޑުކޮށްބަލަ. އެންމެ މިނެޓެއް. މި ބާއްވަނީއޭ މި ގަނޑު. ޕްރޮމިސް" އަފްޒަލް ހިތާއި ދެކޮޅަށް ބުނެލިއެވެ.
"މީހުން ބުނެއެވެ. އެއް ދޮރު ލެއްޕުނިއްޔާ އަނެއްދޮރެއް ހުޅުވޭނެއެވެ. ނަމަވެސް އަހަންނަށް އެހެން އެއްވެސް ދޮރެއް ނުފެނުނެވެ. ކުޑަދޮރެއްހާ ވަރުވެސް އަހަންނަށް ނުފެނުނެވެ. އަހަރެން ކިތަންމެ ދެކޮޅެއް ހެދި ނަމަވެސް ތިން ހަތަރު ފިރިހެނުންނާއި ޖެހުމުން އަހަރެންނަށް ވެވޭނީ ކޮން ގަދައެއް ހެއްޔެވެ؟ އަންނައުނުތަށް ދަމައިގަނެ އެންމެން ކުރިމަތީގައި އަހަރެން ނިވާކަމެއް ނެތި ވިއެވެ. އާދޭސް ކުރީމެވެ. ރޯންވެސް ރުއީމެވެ. ގަދަވެސް ދެއްކުނު ވަރަކަށް ގަދަ ދައްކާ އަޑުގެ ކޮޅަށް ހަޅޭއްލެވީމެވެ. އަނިޔާވެރިންގެ އަތު ދަށުވެ ހޭ ހުސްވަންދެން ހިތްވަރު ކުރީމެވެ. ހޭ ޖެހުނު އިރުގައި އަހަރެން އޮތީ އެގޭ ޓެރަހުގައެވެ. ވެހެމުން ދިޔަ ވާރޭގައެވެ. އަންނައުނުތަށް ކައިރިއަށް އުކާލާފައި ހުއްޓެވެ. ބުނެބަލާށެވެ. އަހަރެންގެ އޮތީ ކޮން ކުށެއް ހެއްޔެވެ؟ އަހަންނަށް މި ލިބުނީ ކޮން ކުށެއްގެ އަދަބެއް ހެއްޔެވެ؟ އަހަންނަށް ވަކި އުޅެވުނީ ކޮން ގޮތަކަށް ހެއްޔެވެ؟ " އަފްޒަލްއަށް ލެވުނީ ފުންނޭވާއެކެވެ. އެ އަންހެން ކުއްޖާއަށް ޓަކައި ހިތުގައި ރަހުމާއި ހަމްދަރުދީ އުފެދުނެވެ. އެ ލިޔުން އެއްކޮށް ކިޔަން ބޭނުންވި ނަމަވެސް އެ ފަތްޖަހާލުމައްފަހުގައި ޖީބަށް ލާ މަތިންދާ ބޯޓަށް އެރިއެވެ.
ނުނިމޭ




5 Responses
vara salhi
Nice
V v v nice story
އަފްޒަލްއަށް ކޮންއިރަކުންބާ ޖިއާން ފެންނާނީ؟ އަހަންނަށް އަފްޒަލްދެކެ ކަންނޭ ލޯބިވެވޭނީ
Mashah ves veveyne eyna dheke mivarun