ލާދީނީ މީހުންް މި ގައުމުން ނައްތާލަންޖެހޭ ކަމަށް ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ ވިދާޅުވެއްޖެއެވެ.
މެމްބަރު ނަޝީދު ވިދާޅުވީ، މޯލްޑިވްސް ޑިމޮކަރަސީ ނެޓްވޯކް (އެމްޑީއެން) ގެ ނެރުނު ރިޕޯޓުގައި އިސްލާމްދީނަށް ފުރައްސާރަކުރި މައްސައިގައި މަޖިލީހަށް ހުށަހަޅާފައިވާ ކުއްލި މައްސަލައިގެ ބަހުސްގައި ވާހަކަދައްކަވަމުންނެވެ.
"ލާދީނީ މީހުން މި ގައުމުން ނައްތާލާށޭ. އިސްލާމްދީނާ ދެކޮޅަށް ވާހަކަ ދައްކާ މީހުން، ރެއިންބޯ ކުލައިގެ މީހުން ނައްތާލާށޭ. ހަމަހަމަ ކަމަށް މި ގޮވާލާ، އަންހެނުންނާ ފިރިހެނުންގެ ހަމަހަމަކަމަށް، އަންހެނަކަށް އޮންނަ ކޮންމެ ހައްގަކާ، ފިރިހެނަކަށް އޮންނަ ކޮންމެ ހައްގަކާ ހަމަހަމަކަމަށް ގޮވާލާ މީހުން ނައްތާލަންވީ" ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ދައުވާ ކުރިޔަސް މައްސަލައެއް ނެތް ކަމަށް ވިދާޅުވެ ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ، އިސްލާމްދީނާ ދެކޮޅަށް މަސައްކަތްކުރަނީ "ކަތުރުފަނިތަކެއް" ކަމަށާއި ކަތުރުފަނިތައް ނައްތާލަން ފަސޭހަވާނީ ވެސް ގިނަވުމުގެ ކުރިން ކަމަށެވެ. އަދި އިސްލާމްދީނާ ދެކޮޅު ހަރުކަށި ފިކުރު ވެސް އަންނަނީ ލާދީނީ މީހުންގެ ސަބަބުން ކަމަށާއި ހަރުކަށި ފިކުރު އިތުރުވަނީ ލާދީނީ ފިކުރުގެ މީހުންނަށް ފިޔަވަޅު ނޭޅޭތީ ކަމަށް ނަޝީދު ވިދާޅުވިއެވެ.
"ކީއްވެގެންތޯ އެކަންތައްތައް ނުކުރެވެންވީ. ގާނޫނު އަސާސީގައި އެބަ ބުނޭ އިސްލާމަކަށް ވާންޖެހޭނޭ ދިވެހި ރައްޔިތަކަށް ވަންޏާ. އެއް ޖިންސުން ގުޅުން ހިންގާ މީހާ ވެސް އެބަ އިނދޭ ދިވެހި ރައްޔިތެއް ކަމުގައި. މިނިވަންކަމާ އެކު އުޅެން އެމީހުން ބޭނުންތަނަކަށް ދާންވީ ނޫންތޯ. މި ފަސްގަނޑު ކޮންމެހެން ހަލާކު ކުރާނެ ކަމެއް ނެތެއް ނޫންތޯ" އިސްލާމްދީނާ ދެކޮޅަށް މަސައްކަތް ކުރާ މީހުންގެ ދިވެހި ރައްޔިތުކަން އަތުލުމަށް ގޮވާލައި ނަޝީދު ވިދާޅުވިއެވެ.
އިސްލާމްދީނަށް ފުރައްސާރަކޮށް އެމްޑީއެން އިން ނެރުނު ރިޕޯޓްގެ މައްސަލަ ހޫނުވެފައިވާއިރު، އެ ޖަމްއިއްޔާ އުވާލުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ. އަދި އެމްޑީއެން އުވާނުލައިފިނަ، އެއީ ސަރުކާރުން ހަދާނެ އެންމެ ބޮޑު ގޯސްކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިޚް ޢަލީ ޒައިދުވެސް ވަނީ ވިދާޅުވެފައެވެ.



