އޮކްޓޯބަރ މަހުގެ 7 ކުން 11 އައް ފާހަގަކުރާ ދުނިޔޭގެ ކަސްޓަމަރ ސާވިސް ހަފްތާއާއި ގުޅުވައިގެން އެމްޓީސީސީއިން "ހިނިތުންވުމާއެކު"ގެ ނަމުގައި ވަރަށް ހާއްސަ ކެމްޕެއިނެއް ފަށައިފިއެވެ.
މި ކެމްޕެއިންގެ އެންމެ ބޮޑު މަޤްސަދަކީ ކުންފުނީގެ ސްޓާފުންގެ މެދުގައި ކަސްޓަމަރ ސާރވިސްގެ މުހިންމުކަމާއި މެދު ހޭލުންތެރިކަން އިތުރުކުރުމާއި ކުންފުނިން ޚިދުމަތް ލިބިގަންނަ އެންމެހާ ކަސްޓަމަރުންގެ ކަސްޓަމަރ އެކްސްޕީރިއެންސް މިހާރައްވުރެ ރަނގަޅު ކުރުމެވެ.

"ކުންފުނީގެ އުންމީދަކީ "ހިނިތުންވުމާއެކު" މި ކެމްޕެއިގެ ސަބަބުން އެމްޓީސީސީއާއި އަޅުގަނޑުމެންގެ ކަސްޓަމަރުންނާއި ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެ ކަސްޓަމަރުން ކުންފުންޏަށް ކުރާ އިތުބާރު އިތުރުވެގެން ދިއުން." އެމްޓީސީސީ އިން ވިދާޅުވިއެވެ.
އެމްޓީސީސީގެ ފެންނާ ގިމަތައިގައި ބޭއްވުނު މިރަސްމިއްޔާތު އިފްތިތާހްކޮށްދެއްވީ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަލްފާޟިލް ހަސަން ޝާހްއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހަސަން ޝާހް ވިދާޅުވީ އެމްޓީސީސީއަކީ މިޤައުމުގެ ތަފާތު އެކި ސިނާއަތްތަކުގައި ގިނަ ރައްޔިތުންތަކަކަށް ސީދާގޮތުން ޙިދުމަތްދެމުންދާ ކުންފުންޏެއްކަމަށާއި، ރައްޔިތުންނަށް ދެވޭ ޙިދުމަތުގެ ފެންވަރު ރަނގަޅުކުރުމަކީ ކުންފުނީގެ މައިގަނޑު އެއް އަމާޒުކަމަށެވެ.
އެމްޓީސީސީއަކީ އަބަދުވެސް ކަސްޓަމަރުންނަށް ރަނގަޅު ޚިދުމަތެއްދިނުމަށް ވަރަށް މުހިންމު ކަމެއްދޭ ކުންފުންޏެއް ކަމަށާއި މި ކެމްޕެއިންގެ ސަބަބުން މިކަން އިތުރަށް ހަރުދަނާ ވެގެންދާނެކަމަށް އުންމީދުކުރަށްވާ ކަމަށް ޝާހް ވިދާޅުވިއެވެ.

ޝާހް އިތުރަށް ވިދާޅުވީ، މި ކެމްޕެއިން ކާމިޔާބުކަމާއެކު ކުރިއަށްގެންދިއުމަށް ހުރިހާ މުވައްޒަފުންގެ ތަރުހީބާއި އެއްބާރުލުން ވަރަށް މުހިންމުކަމަށާއި ހުރިހާ މުވައްޒަފުންގެ އެއްބާރުލުން މިކެމްޕެއިނަށް ލިބޭނެކަމުގެ ފުރިހަމަ ޔަގީންކަން އޮތްކަމަށެވެ.

"ހިނިތުންވުމާއެކު" ކެމްޕެއިން ފެށުމުގެ ގޮތުން 5 އޮކްޓޯބަރ 2019 އިން ފެށިގެން 12 އޮކްޓޯބަރ 2019 އާއި ހަމައަށް ބަހާލެވިގެން ކުންފުނީގެ ކަސްޓަމަރުންނަށް ވަރަށް ޙާއްސަ އެތައް ޙަރަކާތްތަކެއް އެ ކުންފުނިން ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.