ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ގާއިމުކުރާ ފްލެޓްތަކުގެ މަޝްރޫއު ކުރީގެ ސަރުކާރުން ދީފައިވަނީ އަގު ބޮޑުކޮށް ކަމަށާއި، އަގު ހެޔޮކުރަން މަޝްވަރާ ނުކުރައްވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެއްޖެ އެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 6،860 ފްލެޓް އެޅުމަށް 2017 ވަނަ އަހަރު "ހިޔާ" މަޝްރޫއު ކުރީ ސަރުކާރުން ހަވާލުކޮށްފައި ވަނީ ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އެންޖިނިއަރިންގް ކޯޕަރޭޝަނާއެވެ.
ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރިން ހާމަކޮށްފައިވާ ގޮތުންނަމަ، އޭރު އެ މަޝްރޫއު އަގު ކޮށްފައި ވަނީ ޔުނިޓަކަށް 62،000 ގެ ރޭޓުން ޖުމްލަ 434 މިލިއަން އެމެރިކާ ޑޮލަރަށެވެ. ނަމަވެސް، އެ މަސައްކަތުގެ ތެރޭގައި ތަށި މުށި ޖެހުމާއި، ކުލަލުން ފަދަ ފިނިޝިންގް މަސައްކަތް ނުހިމެނޭތީ، އެ މަޝްރޫއު ނިންމުމަށް އިތުރު 42 މިލިއަން އެމެރިކާ ޑޮލަރު ހަރަދުވާނެ ކަމަށް އެޗްޑީސީން މިދިޔަ ޖޫން މަހު ބުނެފައިވެއެވެ.
"ހިޔާ" މަޝްރޫއާ ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އަމީރު ވިދާޅުވީ، ހިޔާ މަޝްރޫއު ހަވާލު ކޮށްފައި ވަނީ އަގު ބޮޑުކޮށް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
"އަޅުގަނޑުމެން ސަރުކާރާ ހަވާލުވިއިރު އެ މަސައްކަތް ވަނީ ވަރަށް ބޮޑަށް ނިމިފައި. އެއީ އަޅުގަނޑުމެން ހަވާލު ކޮށްގެން ހިންގާ މަޝްރޫއުއެއް ނޫން. އަޅުގަނޑުމެން ގަބޫލު ކުރަން، އެއީ އިންފްލޭޓެޑް ޕްރައިސް އެއްގައި ދެވިފައިވާ ޕްރޮޖެކްޓެއް ކަމަށް،" އަމީރު ވިދާޅުވި އެވެ.
ނަމަވެސް، އެ އަގު ކުޑަކުރުމާމެދު ރަސްމީ ސިފައެއްގައި އެއްވެސް މަޝްވަރާއެއް ކުރެވިފައި ނުވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މި ސަރުކާރުން މިހާތަނަށް 42 މަޝްރޫއު ނިންމާފައިވާކަމަށްވެސް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު މިއަދު ވިދާޅުވިއެވެ.



