އައްޑޫ ސިޓީއަށް ބޯކޮށް ވާރޭ ވެހި ފެން ބޮޑުވެއްޖެއެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވީ، އައްޑޫ ސިޓީއަށް ބޯކޮށް ވާރޭވެހި، ބައެއް މަގުތަކުގައި ފެންބޮޑުވުމާއި ގުޅިގެން އެމްއެންޑީއެފް ސަދާރން އޭރިއާގެ ސިފައިން ޕަމްޕް ޖަހައިގެން ފެން ހިންދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

ފެން ހިންދުމުގެ މަސައްކަތް ސިފައިން ކުރަމުންދާއިރު އެ ސިޓީގެ ހިތަދޫގެ ބައެއް ގެތަކަށް ވަނީ ފެންވަދެފައެވެ.
ސިފައިން ވިދާޅުވީ، ބައެއް ގެތަކަށް ފެން ވަންނާތީވެ، ވެލި ބަސްތާ ޖަހާފައިވާ ކަމަށެވެ.

އައްޑޫ ސިޓީގައި ފެންބޮޑުވެފައި މިވަނީ އެ ސިޓީވެސް ހިމެނޭހެން ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހޭނެކަމަށް ރޭ 11:00 އިން ފެށިގެން ޔެލޯ އެލާޓް ނެރެފައިވަނިކޮށެވެ.
ކުރިއަށް އޮތް ވަގުތުތަކަށް ރާއްޖޭގެ މޫސުން ލަފާކޮށް، މެޓް އޮފީހުން ވިދާޅުވީ، ރާއްޖޭގެ އެކިހިސާބަށް ގުގުރުމާއެކު ވިއްސާރަކުރުން އެކަށީގެންވާ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެކަމަށްވެސް ލަފާކުރެވޭ ކަމަށެވެ.



