ރައީސް ޞޯލިޙް - ފޮޓޯ: ރައީސް އޮފީސް

"ފަރުދާގެ ފުރަގަހުގައި އެތައް ނުރައްކާތަކެއް އަންނަނީ އުފެދެމުން"

އަމާންކަމާއި ހަމަޖެހުމުގެ ނިދީގައި ޣާފިލުވެފައި ތިބޭއިރު ފަރުދާގެ ފުރަގަހުގައި އެތައް ނުރައްކާތަކެއް އުފެދެމުން އަންނަކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިޙް ވިދާޅުވެއްޖެއެވެ.

"ދަ ނޭޝަނަލް ހައި ލެވެލް ޑައިލޮގް އޮން ޕްރޮމޯޓިންގ ޕީސް އެންޑް ސެކިއުރިޓީ" ފެށުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞޯލިޙް ވިދާޅުވީ، އިސްލާމީ ޞައްޙަ ޢަޤީދާގެ މަތީގައި، ދަރީން ތަރުބިއްޔަތު ކުރުމުގައި އިހުމާލުވުމުގެ ސަބަބުން، ދިވެހީންގެ ތެރޭގައި އުފެދިގެން ނުވާނޭ ޚިޔާލު ތަފާތުވުންތަކެއް އުފެދެން ފަށާފައިވާ ކަމަށެވެ.

"އޭގެ ނަތީޖާ، އަޅުގަނޑުމެންނާ ދެގޮތަކުން އެބަ ބައްދަލުކުރޭ. އެއްގޮތަކީ، ޞައްޙަ އިސްލާމީ މަފްހޫމް އެއްފަރާތްކޮށް، ހަރުކަށި ވިސްނުމަށް ލެނބިގެން ދިޔުން. އަނެއްގޮތަކީ، ކަމުގެ ނުރައްކާތެރިކަމާމެދު ވިސްނައިލުމެއްނެތި، އިސްލާމްދީނަށް ކުޑައިމީސް ކުރެވޭފަދަ ޚިޔާލުތައް ފާޅުކުރުން." ރައީސް ޞޯލިޙް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިވާހަކަ ދައްކަން ބޭނުންނުވިޔަސް، މިއީ ޤައުމީ ފެންވަރުގައި މަޝްވަރާކޮށް، ދާއިމީ ޙައްލެއް ހޯދަން ޖެހިފައިވާ މައްސަލައެއް ކަމަށާއި، ޒުވާނުންގެ ފިކުރަކީ ޤައުމު ބިނާކޮށްދޭ ފިކުރަކަށް ހެދުމަކީ އެންމެންގެ ޒިންމާއެއް ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ، ހަރުކަށި ފިކުރުތަކަށް ތަބާވެ، އެކި ޤައުމުތަކުގެ ދާޚިލީ ހަނގުރާމަތަކުގައި ބައެއް ދިވެހީން ބައިވެރިވެ، ޓެރަރިޒަމްގެ ޢަމަލުތައް ހިންގަމުންދާކަމީ، މުޅި ދިވެހި މުޖްތަމަޢަށް ލިބޭ ވަރަށް ބޮޑު ދެރައެއް ކަމަށާއި، އެކަމަކީ ރާއްޖޭގެ ދާޚިލީ ހަމަޖެހުމާއި ޞުލްޙައަށް، އަދި މުޅި ޤައުމުގެ އިޤްތިޞާދަށްވެސް ލިބޭ ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ.

ދައުލަތުގެ ހުރިހާ މުއައްސަސާތަކާއި، ސަލާމަތީ ބާރުތަކާއި، ކައުންޓަރ ޓެރަރިޒަމް ސެންޓަރ ގުޅިގެން މަސައްކަތް ކުރައްވަނީ، ރައްޔިތުންނަށް އުފާވެރި ޞުލްޙަވެރި ދިރިއުޅުމެއް ހޯއްދަވައިދެއްވަން ކަމަށްވެސް ރައީސް ޞޯލިޙް ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ