އައްޑޫ މީދޫ ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ފަށައިފި

އައްޑޫ ސިޓީ މީދޫ ބަނދަރު ބޮޑުކުރުމުގެ މަސައްކަތް، ސަރުކާރުގެ ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކުންފުނި، އެމްޓީސީސީއިން ފަށައިފިއެވެ.

އެމްޓީސީސީ އިން ބުނީ މީދޫ ބަނދަރު ބޮޑުކުރުމަށްޓަކައި އެންވަޔަރަމެންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައޭ) ހެދުމަށްފަހު މިމަހުގެ 12 ވަނަ ދުވަހު ޢަމަލީ މަސައްކަތް ފަށާފައިވާ ކަމަށެވެ.

މީދޫ ބަނދަރުގެ އީއައިއޭ ރިޕޯޓް އީޕީއޭ އިން އެޕްރޫވް ކޮށްފައިވަނީ ފާއިތުވި ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހު ކަމަށާއި، މިހާތަނަށް އައިއިރު މުޅި ޕްރޮޖެކްޓުގެ 10 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް އެމްޓީސީސީ އިން ބުނެފައިވެއެވެ.

އައްޑޫ ސިޓީ މީދޫގެ ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ޑިޒައިންކޮށް ޢަމަލީ މަސައްކަތް ކުރުމަށް އެމްޓީސީސީއާ ހަވާލުކުރީ މިއަހަރުގެ ޖޫން 23 ވަނަ ދުވަހުއެވެ. އެއް އަހަރު ދުވަހުން ނިންމުމަށް މި މަސައްކަތް އެމްޓީސީސީއާއި ހަވާލުކުރީ 35.43 މިލިއަން ރުފިޔާއަށެވެ.

އެމްޓީސީސީ އިން ބުނީ މީދޫ ބަނދަރު ހަދަނީ 2،480 މީޓަރުގެ ޕޭވްމެންޓަކާއެކު 115 މީޓަރުގެ ބްރޭކްވޯޓާއެއް ހިމަނައިގެން ކަމަށެވެ. އަދި މި މަޝްރޫއުގެ ދަށުން ފަޅުން 57،996 ކިޔުބިކް މީޓަރުގެ ސަރަހައްދެއް ފުންކުރާނެ ކަމަށްވެސް އެކުންފުނިން ބުނެއެވެ.

ރާއްޖޭގެ ގިނަ ރަށްތަކެއްގެ ބަނދަރު ހެދުމުގެ މަޝްރޫއު އަދި ބިން ހިއްކުމުގެ މަޝްރޫއު އެމްޓީސީސީއާއި ހަވާލުކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ