ވައިގެ މަގުން އައްޑޫ ސިޓީއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ޒުވާނަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ އޭނާ ހައްޔަރުކޮށްފައިވަނީ 16 އޮކްޓޫބަރު 2019 ވަނަ ދުވަހުގެ 01:00 އެހާކަންހާއިރު އައްޑޫ ސިޓީގައި މަސައްކަތް ކުރާ ފުލުހުންނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ގަން އިންޓަރނޭޝަނަލް އެއަރޕޯޓުންކަމަށެވެ.
މި އޮޕްރޭޝަނުގައި އޭނާ ބަލާ ފާސްކުރި އިރު މަސްތުވާތަކެތިކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ޖޫސްޕެޓީ ކޮތަޅެއް ފެނިފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މި މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައިވަނީ 20 އަހަރުގެ ފިރިހެނެކެވެ. މި މީހާގެ ބަންދަށް މަރަދޫ ފޭދޫ ކޯޓުން ވަނީ 10 ދުވަސް ދީފައެވެ.
މި މައްސަލަ ފުލުހުން ދަނީ ތަޙްޤީޤު ކުރަމުންނެވެ.




