މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (އެމްބީސީ)ގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ސަރުކާރުން މިއަދު ހުޅުއްވާލައްވައިފިއެވެ.
ރައީސް އޮފީހުން ވިދާޅުވީ، މި ފުރުޞަތު ހުޅުއްވާލައްވާފައި ވަނީ މިއަދުން ފެށިގެން 27 އޮކްޓޫބަރު 2019 ވާ އާދިއްތަ ދުވަހުގެ 14:00ގެ ނިޔަލަށް ކަމަށެވެ.
މި މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުން އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓް www.presidency.gov.mv އިން ފޯމު ޑައުންލޯޑް ކުރެއްވޭނެ ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.
އެމްބީސީގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ސަރުކާރުން ހުޅުވާލައްވާފައި މިވަނީ, ޤާނޫނީ ގޮތުން އަދާ ކުރަންޖެހޭ ޒިންމާ އަދާ ކުރުމުގައި އިހުމާލުވެފައިވާ ކަމަށްބުނެ އެ ކޮމިޝަނުގެ ނައިބުރައީސް ފާޠިމަތު ޒައިނާ އެ ކޮމިޝަންގެ މެންބަރު ކަމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާއި ގުޅިގެންނެވެ.
މޯލްޑިވްސް ބްރޯޑްކާސްޓް ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބުވެސް ވަނީ މިމަހުގެ 9 ވަނަ ދުވަހު މަޤާމުން އިސްތިއުފާ ދެއްވާފައެވެ.




