އަވައްޓެރި ސްރީލަންކާގައި އުޅޭ ދިވެހިން ވިސާއަށް ސަމާލުވުމަށް އެޤައުމުގައި ހުންނަ ރާއްޖޭގެ އެމްބަސީން އިލްތިމާސްކޮށްފިއެވެ.
ލަންކާ އެމްބަސީއިން ވިދާޅުވީ، އެޤައުމުގައި ދިރިއުޅުއްވާ ބޭރުގައުމުތަކުގެ ރައްޔިތުންގެ ސްޓޭޓަސް ބެއްލެވުމުގެ މަގްސަދުގައި ސްރީލަންކާގެ ކަމާބެހޭ އިދާރާތަކުން އެފަރާތްތަކުގެ ޕާސްޕޯޓާއި، ވިސާ ގެ ކަންކަން ބަލަމުންދާކަމަށާއި، އެހެންކަމުން ސްރީލަންކާގައި ދިރިއުޅުއްވާ ދިވެހިރައްޔިތުންނާއި، ސްރީލަންކާއަށް ތަފާތު އެކި ބޭނުންތަކުގައި ވަޑައިގަންނަވާ ބޭފުޅުން، ދުރާލާ ޕާސްޕޯޓާއި، ވިސާގެ މުއްދަތު ހަމަވޭތޯ ބައްލަވާ، ހަމަވުމުގެ ކުރިން ވިސާގެ ކަންތައް ހަމަޖެއްސެވުމަށް ހަނދާންކޮށްދޭކަމަށެވެ.
އަދި ބޭރުގައުމެއްގައި އުޅޭއިރު ކާކުކަން އިނގޭނެ އައިޑެންޓިފިކޭޝަން ގެންގުޅުއްވުމަކީ ކޮންމެހެން މުހިއްމު ކަމެއް ކަމަށާއި، ސްރީލަންކާގައި އުޅޭ ދިވެހިރައްޔިތުންވެސް ބޭރަށް ނުކުންނައިރު ކޮންމެ ވަގުތުތަކުގައިވެސް ޕާސްޕޯޓް އަދި ސްރީލަންކާގެ އިދާރާއަކަށް ޕާސްޕޯޓް ބަލައިގެންފައިވާ ނަމަ، ރިސިޕްޓް ހިފައިގެން ބޭރަށް ނުކުތުމަށްވެސް ލަންކާ އެމްބަސީއިން ވިދާޅުވިއެވެ.
ވީސާއާއި، އެފަދަ މައްސަލަތަކުގައި ދާދިފަހުން ލަންކާއިން ވަނީ ގިނަ އަދަދެއްގެ ދިވެހިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އޭގެ ތެރެއިން ތިން މީހަކު ހައްޔަރު ކުރިއިރު، އެ ތިން މީހުންވެސް މިހާރު ވަނީ ބެއިލްގެ ދަށުން ދޫކޮށްލާފައެވެ.



