އަރަބި ކަނޑުގައި ތޫފާނެއް އުފެދި ބާރު ގަދަވަމުން އަންނަ ކަމަށް ދިވެހިރާއްޖޭގެ މޫސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ވިދާޅުވެއްޖެއެވެ.
މެޓް އޮފީހުން ވިދާޅުވީ، ރާއްޖެއާ ދުރުން އަރަބި ކަނޑުގެ މެދުން އުފެދުނު ކޮޅިގަނޑު މިހާރު ވަނީ އުތުރަށް ދަތުރުކޮށް، ބާރު ގަދަވެ ތޫފާނަކަށް ބަދަލުވެފައި ކަމަށެވެ.
"ތޫފާން "ކިޔާރު" ގެ ނަމުން ނަންދެވިފައިވާ މި ތޫފާނުގެ އެވުރެޖް ވައިގެ ބާރުމިން ގަޑިއަކު 43 މޭލާއި 50 މޭލާ ދެމެދުގައި ހުންނާނެކަމަށް ލަފާކުރެވޭ." މެޓް އޮފީހުން ވިދާޅުވިއެވެ.
ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި މިތޫފާން ބާރުގަދަ ތޫފާނަކަށް ބަދަލުވެ، ހުޅަނގުއުތުރަށް ދަތުރުކުރަމުން ދާނެކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ.
މެޓް އޮފީހުން ވިދާޅުވީ، މި ތޫފާން ދަތުރުކުރަމުންދާނީ ރާއްޖެއާ ދުރަށް ކަމަށާއި، މި ތޫފާނުގެ ސީދާ އަސަރު ރާއްޖެއަށް ކުރާނެކަމަށް ލަފާނުކުރެވޭ ކަމަށެވެ.

މިހާރު ރާއްޖެއަށް ވިއްސާރަ ކުރަމުންދަނީ މިސަރަހައްދުގައި އުފެދިފައިވާ ޕްރެޝަރ ޓްރަޕްގެ ސަބަބުން ކަމަށްވެސް މެޓް އޮފީހުން ވިދާޅުވިއެވެ.




