ހިތުގެ ވެރިޔާ (10)

"އެހެން ދުވަހަކުން ޑޮކްޓަރަށް ދައްކާނީ. މިދުވަސްކޮޅު މާބޮޑަށް ވަރުބަލި ވަނީ. ބޭސް ނުކާތީހެން ހީވަނީ. ބޭސް ކާންފެށީމަ އޯކޭވާނެ." ބޮލުގައި އަތްއަޅާލަމުން ޖިއާން ވާހަކަ ދެއްކިއެވެ.

"އެންމެ ރަނގަޅު. އަހަރެން ބޭސް ގެނެސްދޭނަން. އެކަމަކު ރަނގަޅު ނުވަންޏާ ޑޮކްޓަރަށް ދައްކާލަންވާނެ" އޯގާތެރިކަމާއި އެކުގައި ލީނާ ބުންޏެވެ.

***

ގަޑީގެ ކަށި އެއް ހަމައެއްގައި ހިނގަމުން ދިޔައެވެ. އެނދުމަތީގައި އޮށޯވެލައިގެން ހަވީރުގެ އެ ވަގުތުގައި ޖިއާން އޮތީ ފޯނުން ދިވެހި ސަރުކާރުގެ ގެޒެޓް ބަލަންވެގެންނެވެ. ވަޒީފާއެއް ހޯދުމަށް ބޭނުންވާތީއެވެ. ލީނާމެން ކިތަންމެ ރަނގަޅު ނަމަވެސް އަމިއްލަ ފައިމައްޗަށް ތެދުވަން މަސައްކަތް ކުރަންޖެހޭނެކަން ޖިއާންއަށް އެނގެއެވެ. ފޯނު އަތުން ދޫވެގެން މޫނުމައްޗަށް ނުވެއްޓުނީ ކިރިޔާއެވެ. ހީނުކުރާ ވަގުތެއްގައި ފޯނެއް އައުމުންނެވެ.

"ސޮރީ ރޭގައި ނިދުނީ" ފޯނު ނެގިގޮތަށް ޖިއާން މައާފަށް އެދުނެވެ.

"އެއީ އެވަރުގެ ކަމެއްތަ؟ އެހެން ނޫނަސް އޭރުގަޑިން ތިނެއްވެސް ޖަހައިފި. ނުނިދުނިއްޔާ ދެރައެއްނު؟" އަފްޒަލް ހިނިތުންވެލިއެވެ.

"އަފްޒަލް މިގަޑީގައި ކަމަކުތަ؟" ޖިއާންއަހާލިއެވެ.

"ޖިއާން މިރޭ ފްރީތަ؟ މި ބުނީ ދަންވަރު ފްރީހޭ އެއް ނޫން އިނގޭ. އިޝާ ނަމާދުން ފައިބައިގެން" އަފްޒަލް ކުޑަކޮށް ލަދުން ހުރެ ބުންޏެވެ.

"މިރެއަކު އަދި ހަމައެއްވެސް ކަމެއްނެތް. ކިހިނެއްވީ؟" ޖިއާންވެސް އެނދުމަތީގައި ހަމަޖެހިލިއެވެ.
"މިރޭ އަހަންނާއި އެކުގައި ބޭރަށް ދެވިދާނެތޯ އަހާލަންވެގެން. އަނެއްހެން ތަނަކަށް ނޫން. އަތިރި މައްޗަށް. ހަމައެކަނި ވާހަކަ ދައްކާލަން." އަފްޒަލް ފޯނުން ވާހަކަ ދެއްކި ނަމަވެސް ލަދުގަނެފައި ހުރިވަރު ޖިއާންއަށް ފާހަގަ ކުރެވުނެވެ.

"ހޫމް. އަފްޒަލް ގުޅާލާ އިނގޭ ނަމާދުން ފައިބައިގެން. އަހަރެން ދާނަން ބީޗަށް." ޖިއާން ބުންޏެވެ.

"ޖިއާން އެކަނި ދާނީ؟ އަހަރެން ޖިއާން ބަލާ ދަންތަ؟" އަފްޒަލް އެދުނެވެ.

"އަހަރެން ފިރިހެން ކުދިންގެ ސައިކަލު ފަހަތަށް ނާރަމޭ ބުނިއްޔާ؟" ޖިއާން ސަމާސާކޮށްލިއެވެ.

"އެނގިދާނެތާ. އަހަރެން ދާނަން ނަމާދުން ފައިބައިގެން ތިގޭ ދޮށަށް." ފޯނެއްގައި ހުރެގެން އަފްޒަލް ހިނިތުންވާ މަންޒަރު ބަލަން އޭނާގެ މަންމަ ޒީނިޔާ ހުއްޓެވެ. އެއީ އަންހެން ކުއްޖެއްގެ ސަބަބުން މޫނަށް ވެރިވާ ހިނިތުންވުމެއްކަމަށް އުއްމީދު ކުރަމުން އެކަމަށް އުފާކުރާ ހާލުގައެވެ.

***

ލީނާ އޮފީހުގައި ހުއްޓާ އަފްޒަލް ގުޅި ހަބަރު ޖިއާން ދިނީ މެސެޖަކުންނެވެ. އޮފީހުގައި އިނދެގެންވެސް ބެލީ އެކަމަށް ހިތްވަރު ދެވޭތޯއެވެ. އަފްޒަލްއަކީ ވަރަށް ރަނގަޅު ކުއްޖެއް ކަމަށް ބުންޏެވެ. ނަމަވެސް ޖިއާން ކޮންމެ ފަހަރަކުވެސް ބުނަނީ އެއީ ހަމައެކަނި ރަހުމަތްތެރިއެއް ކަމަށެވެ. އެނޫން ގޮތަކަށް އަދި އަފްޒަލްއާއި ދޭތެރޭގައި ނުދެކޭ ވާހަކައެވެ. ނަމަވެސް ތަގްދީރުގެ ރޭވުން އެނގޭނީ ކާކަށް ހެއްޔެވެ؟

ނަމާދުން ފައިބައިގެން އަފްޒަލް ޖިއާންމެންގެ ގޭދޮށަށް އައިއިރު ޖިއާން ހުރީ ބޭރަށް ނުކުމެއެވެ. ކަޅު ކުލައިގެ ޓޮޕްއަކާއި ހުދު ޖިންސެއް ލައިގެން ހުރި ޖިއާންގެ ހިނިގަނޑު ފަޅައިގެން ދިޔައީ އަފްޒަލްވެސް ކަޅު ގަމީހަކާއި ހުދު ޖިންސެއް ލާފައި ހުރުމުންނެވެ.

"ކީއްވެގެން ތި ހެނީ އަހަރެން ފެނުނު އިރަށް؟" އަފްޒަލް ހައިރާންވިއެވެ.

"ސޮރީ ގަސްތަކު ނޫން. އެކަމަކު ދެމީހުންނަށް އެއް ކުލައެއްގެ އެއްޗެހި ލެވިފައި ހުރީމައި ހެވުނީ." ޖިއާން ހިނިގަނޑު ހިންދާލަން މަސައްކަތް ކުރިއެވެ.

"އެންމެ ރަނގަޅޭ." އަފްޒަލް ވެސް ހިނިތުންވެލިއެވެ.

"ކޮބާ ސައިކަލު؟" އަފްޒަލް ހިނގާފައި އައި ކަން އެނގުމުން ޖިއާން އަހާލިއެވެ.

"ޖިއާން ސައިކަލު ފަހަތަށް ނާރަފާނެތީ ހިނގާފައި މިއައީ. ނުބުނަމެއްނު އަރާނަމެކޭ" އަފްޒަލް ޖިއާންގެ ކުރިމައްޗަށް އަރާ މަޑުކޮށްލިއެވެ.

"އެކަމަކު އަހަންނެއް ނުބުނަމެއްނު ސީދާ ނާރާނަމެކޭވެސް" ޖިއާން އަފްޒަލްއަށް ބަލާލަމުން ބުންޏެވެ. ފުރަތަމަ ފަހަރަށް ހިތާހިތުން އަފްޒަލްގެ ރީތިކަމަށް ޖިއާން ތައުރީފުކުރިއެވެ.

"ސޮރީ. އެކަމަކު ދެން މިރޭ ހިނގާލެވޭނެތަ؟ ނޫނީ އަހަރެން ދާންވީތަ ސައިކަލު ހިފައިގެން އަންނަން؟" އަފްޒަލް ސުވާލު ކޮށްލިއެވެ.

"އުނހު. ދެން ދާނެ ކަމެއް ނެތް. މިރޭ ދެން ހިނގާލާނީ ދޯ" ޖިއާން ހިނގައިގަންނަމުން ބުންޏެވެ.

ބައެއް ފަހަރު އަފްޒަލްގެ އަތް ޖިއާންގެ އަތުގައި ޖެހިލައެވެ. އަނެއް ބައި ފަހަރު ޖިއާންގެ އަތް އަފްޒަލްގެ އަތުގައި ޖެހިލައެވެ. ބައެއް ފަހަރު ޖިއާން އަފްޒަލްއަށް ބަލާލައެވެ. އަނެއްބައި ފަހަރު އަފްޒަލް ޖިއާންއަށް ބަލާލައެވެ. މަޑު ހިނގުމެއްގައި ދެމީހުން ގޮސް އިށީނީ އަތިރިމަތީގައި ހުރި އައްޓެއްގައެވެ.

"އަޅެ ދެން ކޮންމެވެސް ވާހަކައެއް ދައްކަބަލަ. އަހަރެން ގޮވައިން ބޭރަށް އައީ ހަނު ހުންނަންތަ؟" ޖިއާންއަށް އަނގައިން ނުބުނެ އިންނަން އުނދަގޫވިއެވެ.

"އަނހަ. އަދި އަނގައިން ނުބުނެވިފައި ކޮބާ؟ މިރޭގެ ހިތްގައިމުކަން ފެނި އަދި އެއްޗެއް ނުބުނެވިގެން މިއުޅެނީ. ޖިއާން ނިކަން ބަލާބަ އެ ހަނދު. ވަރަށް ރީތި ދޯ. އެކަމަކު އެއީ އަދި ފުރިހަމަ ހަނދެއްވެސް ނޫން. އެކި ދުވަހު އަހަރުމެންނަށް ފެންނަނީ ހަނދު އެކި ގޮތަށް ހުއްޓާ. އެކަމަކުވެސް އޭގެ ރީތި ކަމަކަށް ބަދަލެއް ނާދޭ. ނޫންތަ؟" އަފްޒަލް ހަނދަށް އިޝާރާތް ކޮށްލަމުން ވާހަކަދެއްކިއެވެ.

"އެކަމަކު ހަނދާ އިންސާނުންނާއި ކިހާ ތަފާތު. އިންސާނުންވެސް ބަދަލުވޭ. އިންސާނުންނަށްވެސް ބަދަލުތަކެއް އާދޭ. އެކަމަކު އަންނަ ކޮންމެ ބަދަލަކާއި އެކުގައި އިންސާނުން ރީއްޗެއް ނުވޭ. އެއީ ކީއްވެގެން؟ އިންސާނުންގެ ދިރިއުޅުމުގައި ލައްގަނޑެއް ޖެހިޖިއްޔާ އެ ލައްގަނޑުގެ ސަބަބުން މުޅި ދިރިއުޅުން ބަދަލުވެގެންދޭ. އެކަމަކު އެ ހަނދުގެ ނަސީބު ރަނގަޅުކަން ބަލާބަ. އެ ހަނދުގައި ވާ އަޑިގުޑަންތަކާއި އެކުގައިވެސް މީހުން އެއަށްދޭ ސަމާލުކަން ކުޑައެއް ނުވޭ" ޖިއާން ވާހަކަ ދައްކަމުން ދިޔައިރުގައި އަފްޒަލްއަށް އިނދެވުނީ ޖިއާންއަށް ބަލާށެވެ.

"ޖިއާން. ވާހަކައެއް އަހަންތަ؟ ޖިއާން ބޭނުންތަ އެއްވެސް ވާހަކައެއް އަހަންނާއި ހިއްސާކުރަން؟ ޖިއާން ބޭނުމިއްޔާ އިނގޭ. އަހަރެން ވަރަށް ބަލައިފިން ޖިއާންއަކީ ކޮން ކުއްޖެއްކަން ހޯދޭތޯ. ޖިއާންއަކީ މިރަށު ކުއްޖެއް ނޫން. މިރަށަށް އަންނަން ޖެހުނު ސަބަބެއް ނޫނީ އާއިލާ މީހުންނެއް ވެސް އަހަންނަކަށް ނޭނގުނު. ލީނާވެސް އަދި ފަޒީލްވެސް އެއްވެސް މައުލޫމާތެއް އެއްވެސް ބަޔަކާއި ހިއްސާކޮށްފައެއް ނުވޭ. ޖިއާން ދައްކާ ވާހަކައިން އަހަންނަށް އިހްސާސް ކުރެވެނީ ޖިއާންއަކީ ވަރަށް ހިތްދަތި ކަމެއް ނޫނީ ކަންތައްތަކެއް ތަހައްމަލް ކުރި ނުވަތަ ކުރަމުންދާ ކުއްޖެއް ހެން. އަހަރެން ވާނަން ޖިއާންގެ އެކުވެރިއަކަށް. ބަދަލުގައި އެއްވެސް ކަމެއް، އަދި އެއްވެސް އެއްޗަކަށްވެސް ނޭދޭނަން. އަހަންނަށް ވީ ވަރަކުން ޖިއާންއަށް އެހީވެދެނޭނަން." އަފްޒަލް އަށިން ތެދުވެ ޖިއާން ކުރިމަތީ ދޮންވެލިގަނޑުގައި ކަކޫ ޖައްސާ ތިރިވެ ވާހަކަ ދެއްކިއެވެ.

"ކަމެއް ދިމާވާ ހިނދެއްގައި އަހަރެން ބޭނުން ޖިއާންއަށް އެހީވާން. ދުވަސް ދިގުވެ މީހާ މާޔޫސްވާ ހިނދުގައި އަހަރެން އަބަދުވެސް ޖިއާންގެ ގާތުގައި ވާނަން. އެކަނިވިޔަކަ ނުދޭނަން. އަހަރެން ވާން ބޭނުމީ އެފަދަ ގާތް ރަހުމަތްތެރިއަކަށް. އަހަންނަކަށް ނޭނގޭ. ޖިއާންއަކީ އަހަންނަށް ވަރަށް ހާއްސަ ކުއްޖެއް. ކީއްވެގެން ކަމެއް ބުނެދޭން ދަތި. އެއީ ހުދު އަހަންނަށްވެސް އެ ސުވާލުގެ ޖަވާބު ނޭނގޭތީ" އަފްޒަލްގެ އަޑުގައިވީ އޯގާތެރިކަމެވެ.

"އަހަންނަކީ ތި ހުރިހާ ކަމެއް ހައްގުވާ މީހެއް ނޫން. ތިފަދަ އޯގާތެރިކަމަކާ ލޯތްބާއި އަޅާލުން ތިއީ އަހަންނަށް ލިބެން ޖެހޭ އެއްޗެއް ކަމަކަށް އަހަންނަށް ގަބޫލެއް ނުކުރެވޭ. އަހަންނަކީ އަހަރެންގެ މާޒީއަށް ފިލަން ދުވާ މީހެއް. އެއްވެސް މިސްރާބެއް ނެތި. ދިރިހުރުމުގެ ހުޅުކޮޅު އަމިއްލައަށް ނިއްވާލަން ބޭނުން ނުވާތީ، ދިރިއުޅެން މަސައްކަތް ކުރާ މީހެއް. އަހަރެން ދަންނަ އެންމެންނަށް ފިލަން އަހަރެން މިރަށަށް އައީ. އަހަންނަކީ ހާއްސަކޮށް އަފްޒަލް ކަހަލަ މީހެއްގެ އޯގާތެރިކަން ލިބެން ހެޔޮވާ ވަރުގެ މީހެއްވެސް ނޫން. އަހަރެންނަކީ ކާކު ކަން އެނގިއްޖިއްޔާ އަފްޒަލްއަށް އަހަރެން މިއީ އެހާ މުހިއްމު މީހަކަށް ނުވާނެ. އިތުރަށް އަހަންނާއި ވާހަކަ ދައްކަންވެސް އަފްޒަލް ބޭނުމެއް ނުވާނެ. މިއަދު އަހަރެންގެ ހަގީގަތް ނޭނގޭތީ އަފްޒަލް ތިހެން ތި ބުނަނީ. މާދަމާވެސް އަހަރެންގެ ހަގީގަތް..." ޖިއާންގެ ލޮލުން ކަރުނައިގެ އަސަރު ފާޅުވިއެވެ. ހަމައެކަނި އަމިއްލަ ނަފްސު ނިކަމެތި ކުރެވޭތީއެއް ނޫނެވެ. ގައިގަ އަޅަން ފެށި ވޭނެއްގެ ސަބަބުންނެވެ.

"ޖިއާން. ކީއްވެ މާ ވަރަކަށް ދާ ހިތްލަނީ؟ ބަނޑަށް ތަދުވަނީތަ؟" ޖިއާން ބަނޑުގައި އަތް އަޅައިގެން އިންގޮތުން އަފްޒަލް ހާސްވިއެވެ.

"ގެއަށް ދާން" ޖިއާން އެހެން ބުނަމުން ތެދުވީ ގެއަށް ދާށެވެ. ވެލިގަނޑުގައި ކަކޫ ޖަހައިގެން އިން އަފްޒަލްއަށް ތެދުވެވުނީ ކިރިޔާއެވެ. ހޭ ހުސްވެގެން ވެއްޓެއްދިޔަ ޖިއާން އެހެން ނޫންނަމަ ނުހިފުނީހެވެ.
އަތްދަނޑިމައްޗަށް ޖިއާން ލައިގެން އަފްޒަލް ދުއްވައިގަތީ އަތިރިމައްޗާއި މާ ދުރުނޫން މަރުކަޒަށް ދިޔުމަށެވެ.

***

ޖިއާން ހޮސްޕިޓަލުގައި އެޑްމިޓް ކުރެވުނެވެ. ޓެސްޓުތަކުގެ ނަތީޖާ ލިބުމުން މައްސަލައެއް ނޫޅޭނަމަ ދޫކޮށްލާނެ ކަމަށް ޑޮކްޓަރ ބުންޏެވެ. އައިވީއެއް ގުޅާފައި އޮތް ޖިއާންއަށް އޮތީ ނިދިފައެވެ. ފަޒީލްއަށްވެސް ލީނާ ހޮސްޕިޓަލަށް ގެނައި ހަބަރު ދިނީ އަފްޒަލްއެވެ. ލީނާއާއި ފަޒީލް ދުވެ މަރަށް ހޮސްޕިޓަލަށް އައިއިރު ނަތީޖާ ހިފައިގެން އައިސް ޑޮކްޓަރު އަފްޒަލްގާތު ހުއްޓުނީއެވެ.

"ހާސްވާންޖެހޭ އެއްވެސް ކަމެއް ނެތް. ޖިއާންއިނީ ބަލިވެ. ޝީ އިޒް ޕްރެގްނެންޓް. މަރުހަބާ. އަފްޒަލް ބައްޕައަކަށްވަނީ. މާ ބޮޑަށް ވީކް ވީމަ ވީ ގޮތެއް އެއީ. ގިނައިން މޭވާ، އަދި ތަރުކާރީ ދެވޭތޯ ބަލާ. ދެން ވީހާވެސް އަވަހަކަށް އަންހެނުންގެ ހާއްސަ ޑޮކްޓަރަކަށް ދައްކާ އެބޭފުޅެއްގެ އިރުޝާދާއި އެއްގޮތަށް ކުރިއަށްދޭ" ޑޮކްޓަރ އަފްޒަލްގެ ކޮނޑުގައި ޖަހާލަމުން ހިނިތުންވެލިއެވެ. އަފްޒަލްއަށް ހުރެވުނީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ.

ނުނިމޭ

މިލިޔުން ކިޔާލުމުން
212
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ