އައްޑޫސިޓީގައި ތިބި ތެލެސީމިއާ ކުދިންނާއި މީހުންނަށް އެހީވުމުގެ ގޮތުން އައްޑޫ ތެލެސީމިއާ ސޮސައިޓީ ގެ ނަމުގައި ޖަމިއްޔާއެއް އިފްތިތާޙް ކޮށްފިއެވެ.
އައްޑޫ ތެލެސީމިއާ ސޮސައިޓީ އިފްތިތާޙް ކުރުމަށް ބޭއްވި ޖަލްސާ ޝަރަފުވެރި ކޮށްދެއްވާފައިވަނީ ތެލެސީމިއާ ސޮސައިޓީ އޮފް މޯލްޑިވްސްގެ ވައިސްޗެއާރޕާސަން ޖީހާން ސަލީމެވެ. މިރަސްމީއްޔާތުގައި އައްޑޫ ތެލެސީމިއާ ސޮސައިޓީ އިފްތިތާހް ކޮށް ބޯޑު މެމްބަރުން ވަނީ އިންތިޚާބު ކޮށްފައެވެ. ބޯޑު މެމްބަރު އިންތިޚާބު ކުރުމަށް ފަހު އައްޑޫ މޭޑިސިޓީ އާއި މިޖަމީއްޔާ ދެމެދު ވަނީ އެހީތެރިކަމުގެ އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ. އެގޮތުން މިއެއްބަސް ވުމުގެ ދަށުން މިޖަމީއްޔާގައި ރެޖިސްޓަރ ކޮށްފައިވާ ކުދިންނަށް އައްޑޫ މެޑިސިޓީން ދެވޭ ބައެއް ޚިދުމަތްތަކުގައި ޚާއްޞަ އިނާޔަތްތަކެއް ދެވޭނެ ކަމަށް އެޖަމީއްޔާއިން ބުނެއެވެ.
އައްޑޫގައި ތެލެސީމިއާ ސޮސައިޓީ އެއް އިފްތިތާހް ވެގެން އައިއިރު މި ޖަމީއްޔާގެ ރައީސް އަހްމަދު ޝަރީފް ޕީއެސްއެމް އާއި ވާހަކަ ދައްކަވަމުން ވިދާޅުވެފައިވަނީ އެފަރާތުން އެންމެ ފުރަތަމަ ކުރަމުން ދާނީ އައްޑޫގައި ދިިރިއުޅޭ ލޭ އަޅާ ކުދިންގެ ވަކި ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ކަމަށާއި އަދި ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހިންގައިގެން މިފަދަ ކުދިންނާއި މީހުންނާ ގާތް ގުޅުމެއް ބާއްވައިގެން ގުޅިގެން މަސައްކަތް ކުރުމަށް އަމާޒު ހިފާނެ ކަމަށެވެ.
މިޖަމީއްޔާ އިފްތިތާޙް ކުރުމަށް ފަހު ޖަމީއްޔާއިން ވަނީ ފަންޑު ފޮއްޓެއްވެސް ހުޅުވާފައެވެ. މިއީ އެޖަމީއްޔާގެ ހިންގުމުގެ ކަންކަމުގައި އެހީ ވުމަށާއި، ލޭއަޅާ ކުދިންނަށް އެހީތެރިކަން ފޯރު ކޮށްދިނުމަށް ހުޅުވާލެވުނު ފަންޑު ފޮއްޓެ ކަމަށް އެފަރާތުން ބުނެފައިވެއެވެ.
އައްޑޫ ތެލެސީމިއާ ސޮސައިޓީ އަކީ ވަކި ޖަމްޢިއްޔާއެއް ނަމަވެސް، ތެލެސީމިއާ ސޮސައިޓީ އޮފް މޯލްޑިވްސް އިން ވަނީ މިޖަމީއްޔާ އެކު ގާތުން ޕޭރެންޓް ބޮޑީއެއްގެ ގޮތުގައި މަސައްކަތް ކުރަމުންދާނެ ކަމަށް ބުނެފައެވެ.
މި ޖަމިއްޔާ އައްޑޫގައި އުފެއްދުމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ ހުއްދަ ދީފައެވެ.




