ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްވެސް އުދަ އެރުމުގެ ފުރުޞަތު އޮތަތީވެ، މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފިއެވެ.
މިރޭ ދަންވަރު 12:30 އިން ހަވީރު 04:00 އަށް ނެރެފައިވާ ވައިޓް އެލާޓްގައި ބުނެފައިވަނީ، ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްވެސް އުދަ އެރުމުގެ ފުރުޞަތު ބޮޑު ކަމަށެވެ.
Alert White for swell wave surges pic.twitter.com/AgSFSRNOz7
— Maldives Meteorology (@MetMaldives) October 29, 2019
އުދަ އަރާފާނެކަމަށް ލަފާކޮށް މެޓް އޮފީހުން ވައިޓް އެލާޓް ނެރެނުއިރު، މިރޭ ދަންވަރު އުތުރުގެ މޫސުން ވަރަށް ގޯސްވާނެކަމަށް ލަފާކޮށް ޔެލޯ އެލާޓް އަދި އެހެން ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް ވައިޓް އެލާޓް ވަނީ ނެރެފައެވެ.
މުޅިރާއްޖެއަށްވެސް ވިއްސާރަކުރަމުންދާއިރު، ރާއްޖެއަށް މިހާރު ކުރަމުން މިދާ ވިއްސާރައަކީ ސްރީލަންކާއާއި ރާއްޖެއާއި ދެމެދުގައި އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުން ކުރަމުންދާ ވިއްސާރައެއް ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ވަނީ ވިދާޅުވެފައެވެ.
މެޓް އޮފީހުން ވިދާޅުވީ، މިކޮޅިގަނޑު ކުރިއަށްއޮތް 24 ގަޑިއިރުތެރޭގައި އިތުރަށް ބާރުގަދަވެ، ރާއްޖެއާއި ކައިރިން ހުޅަނގުއުތުރަށް ދަތުރުކޮށް، އަރަބި ކަނޑަށް ޖެހެމުންދާނެ ކަމަށާއި، މިކޮޅިގަނޑާއި ގުޅިގެން ކުރިއަށް އޮތް 48 ގަޑިއިރު ތެރޭގައި ރާއްޖޭގެ ބޮޑުބަޔަކަށް ގުގުރުމާއެކު ވިއްސާރަ ކުރާނެ ކަމަށެވެ.




